ހަބަރު

އިބޫއަށް މަރުހަބާ! ރައްޔިތުންގެ ރޫހާ އެކު ތިބޭނަން: އެމްޑީއޭ

ރައްޔިތުންގެ ރޫހާއި އެއްގޮތަށް އަޑު އުފުލުމުގައި ދެމި އޮންނާނެ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސް (އެމްޑީއޭ) އިން ބުނެ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުއަށް މަރުހަބާ ކިޔައިފި އެވެ.

އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިން އިބޫ ކުރި ހޯއްދަވާފައިވާތީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި އިބޫގެ ސަރުކާރެއްގައި ވެސް އެއްވެސް ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި އިންސާފާއި އަދުލްވެރިކަމާއެކުގައި ހަމަހަމަކަން ގާއިމް ކުރެވޭ ހެޔޮ ވެރިކަމެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

އިބޫއާ ވެރިކަމުގެ ބާރުތައް ހަވާލު ކުރައްވާ، ވީހާވެސް އަމާންކަމާއި އޮމާންކަމާއެކު ކަންކަން ކުރިޔަށް ގެންދަން ނިންމަވާފައިވާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ވެސް މަރުހަބާ ކިޔާ ކަމަށް އެމްޑީއޭ އިން ބުންޏެވެ. އެ ޕާޓީ އިން އަބަދުވެސް އެދެނީ ރައްޔިތުންނަށް ފާގަތި ދުވަަސްތަކެއް ކަމަށާއި ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލުގައި ދެމި އޮންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.