ދުނިޔެ

ވަގު ސެޓްފިކެޓް ގެންގުޅޭ ދިއްލީގެ މިނިސްޓަރަކު ހައްޔަރުކޮށްފި

Jun 10, 2015

އިންޑިއާގެ ވެރިރަށް ދިއްލީގެ ލޯ މިނިސްޓަރު ގެންގުޅުއްވަނީ ވަގު ސެޓްފިކެޓެއް ކަމަށް ބުނެ ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ދިއްލީގައި ވެރިކަންކުރާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ޖިތެންދަރު ސިންހް ތުމާރު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައި ވަނީ އެ ސްޓޭޓުގެ ބާ އެސޯސިއޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ވަގު ސެޓްފިކެޓް ހެދުމުގެ ކުށުގެ އިތުރަށް މަކަރާއި ހީލަތް ހެދުމެވެ.

ދިއްލީގެ ބާ އެސޯސިއޭޝްގެ ރައީސް އޭކޭ މަންނާން ޒީ ނިއުސް އަށް ވިދާޅުވި ގޮތުގައި ގޮތުގައި ވަކީލުކަމުގެ ހުއްދަ ހޯއްދަވަން ޖިތެންދަރު ހުށަހެޅުއްވީ ވަގު ލޯ ޑިގްރީއެއް ކަމަށް ބުނެ މިދިޔަ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ވެސް ބަޔަކު ޝަކުވާ ހުށަހެޅި އެވެ. ފުލުހުންނަށް މައްސަލަ ހުށަަހަޅަން ޖެހުނީ އެ ޝަކުވާތަކަށް ޖިތެންދަރަށް ޖަވާބުދާރީ ވެވަޑައިނުގެންނެވުމުން ކަމަށް އޭނާ ވިދާޅުވި އެެވެ.

ޖިތެންދަރު ސެޓްފިކެޓް ހޯއްދެވި ކަމަށް ވިދާޅުވާ، ބިހާރު ސްޓޭޓުގެ ތިލްކަ މަންހީ ބަގަލްޕޫރު ޔުނިވަސިޓީން ވެސް ވަނީ އޭނާ އެ ޔުނިވަސިޓީން ޑިގްރީއެއް ނެންގެވި ކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް، ޖިތެންދަރު ވަނީ "އެއްވެސް އަސާސެއް ނެތް" އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ބަގަލްޕޫރު ޔުނިވަސިޓީގައި އޭނާ ކިޔަވާ ވިދާޅުވި ކަމަށް އެ ތަނުން ވެސް ދެކޮޅެއް ނަހަދަ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދިއްލީގެ މަރުކަޒީ ސަރުކާރުގެ އެންމެ މުހިއްމު އެއް މިނިސްޓަރު މިފަދަ މައްސަލައެއްގައި ހައްޔަރުކުރުކުރުމަކީ ދާދި ފަހުން އެ ސްޓޭޓްގައި ބޭއްވި އާއްމު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށް ވެރިކަމަށް އައި އޭއޭޕީ އަށް ލިބޭނެ ބޮޑު ވެއްޓުމެކެވެ. އެއީ، އެ ޕާޓީގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން ކަމަށް ބުނާތީ އެވެ.