overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ނަތީޖާގެ ބޮޑު މަންޒަރު: ކޮންކްރީޓް ތަރައްގީ އެކަނި "އޯކޭއެއް"ނުވި!

ވެރިކަމުގެ ހުންނެވި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނުކުމެ ވަޑައިގަތީ ތަރައްގީ، "ވިއްކަ"މުން އެވެ. ގައުމަށް ގެނެސްދޭ ބޮޑެތި ބިޔަ "ކޮންކްރީޓް" ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ އެމަނިކުފާނުގެ ކެމްޕޭންގެ ހުރިހާ ތަގުރީރުތަކެއްގައި ވިދާޅުވި އެވެ. ކެމްޕޭން ޕޯސްޓަރުތަކާއި ލަވަތައް ވެސް ފަޅުފިލުވަމުން ދިޔައީ، ދަރުމަވަންތަގެ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތާއި މާލެ-ހުޅުލެ ބްރިޖްގެ ތަސްވީރުތަކުން އެވެ. ކެމްޕެއިންގައި ވާހަކަ ދެއްކެވި ކޮންމެ ފަހަރަކު ވެސް ރައީސް ވިދާޅުވަމުން ގެންދެވީ، "ތަރައްގީއަށް ދެކޮޅު ހަދަންޖެހޭ އެއްވެސް ސަބަބެއް
ނެތް" ކަމަށެވެ.

އިންތިހާބަށް ދުވަހެއްވެފައިވަނިކޮށް ރައީސް ޔާމީން އުތުރުގެ އެންމެ ބޮޑު ރަށް، ކުޅުދުއްފުއްޓަށް ވަޑައިގަތެވެ. އެންމެ ބޭނުމެއްގަ އެވެ. ތަރައްގީ ވިއްކާށެވެ. އެ ރަށުގައި އެޅި އެއާޕޯޓް ހުޅުވާށެވެ. ނޫނީ! ރަންވޭ ހުޅުވާށެވެ. ރައީސް ޔާމީން ކުޅުދުއްފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވިއިރު ރަންވޭ ފިޔަވައި އެހެން އެއްވެސް އެއްޗެއް އެތާ ނެތެވެ. އެކަމަކު ފަހު ވަގުތު ވެސް ރަންވޭއެއް އެކަނި ދައްކަވައި ކުޅުދުއްފުށީ އެއާޕޯޓްގެ ހުވަފެން ދެއްކެވި އެވެ.

"ރަންވޭ"އަކުން ނުފުދޭ

ބޯވާރޭގައި ހުންނަވާ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވިއްކި އެ ތަރައްގީ ނުވިކުނެވެ. ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީގައި އަށް ފޮށި ބެހެއްޓި އެވެ. އެ އަށް ފޮށީގެ ތެރެއިން ރައީސް ޔާމީނަށް މެޖޯރިޓީ ހޯދުނު އެންމެ ފޮއްޓަކުންނެވެ. އެހެން ހުރިހާ ފޮއްޓެއްގެ ކުރީގައި އުޅުއްވީ ވާދެވެރިޔާ، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. މުޅި އަތޮޅުގެ މެޖޯރިޓީ ވެސް ނެގީ އިބޫ އެވެ. ނުވިތާކަށް މާލޭގައި ބެހެއްޓި ހދ. އަތޮޅުގެ ހަތަރު ފޮށިން ވެސް ރައީސް ޔާމީން ވީ ބައްޔެވެ. އެއީ އާބާދީ ބޮޑު އަތޮޅެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވައި، އެންމެ ބޮޑު ބޯޓު އެ ރަންވޭއަށް ޖެއްސީ ވެސް އިންތިހާބަށް ބޯމަތިވެފައިވަނިކޮށެވެ. ގައުމީ ރޫހުގައި ރައްޔިތުން ތިއްބާ ވެސް ގައުމީ ޓީމް، "ހިފައްޓައިގެން" އެ ތަރައްގީ ރައްޔިތުންނަށް ވިއްކަން ރައީސް ވަރަށް މަސައްކަތް ކުރެއްވި އެވެ. ހަމަ އެގޮތަށް މާލޭގައި 25 ބުރިއަށް އިމާރާތެއް ވެސް ހެދީ އެވެ. އެކަމަކު އެ އިމާރާތްވީ "ހުސް ހޮހަޅައަކަ"ށެވެ. ރަންވޭއަށް ބޮޑު ބޯޓު ޖެއްސިޔަސް ރައްޔިތުން ނުރުހުނެވެ.

މާލެއިން ވެސް ބޮޑު ތަނުން ކުރި ހޯއްދެވީ އިބޫ އެވެ. މާލެއިން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ. ސީދާ މާލޭ ރައްޔިތުންނަށް 47 ވޯޓު ފޮށި ބެހެއްޓިއިރު އެއްވެސް ފޮއްޓަކުން ރައީސް ޔާމީނަށް ކުރިއެރުމެއް ނުލިބެ އެވެ. ހުރިހާ ފޮއްޓެއް ގެންދެވީ އިބޫ އެވެ.

މި ސަރުކާރަކީ އެއާޕޯޓްގެ ސަރުކާރެކެވެ. ވަރަށް ބޮޑަށް އެއާޕޯޓް ވިއްކަން ވެސް ވިއްކި އެވެ. އެގޮތުން ދ. ކުޑަހުވަދޫގައި އެއާޕޯޓެއް އަޅައި އެ ރަށުގެ މަގުތަކުގައި ތާރު އަޅައި ބޮޑެތި ތަރައްގީ ގެނަ އެވެ. އެކަމަކު، ތިން ފޮށި ބެހެއްޓިއިރު ރައީސްއަށް ކުރި ލިބިވަޑައިގެންނެވީ އެންމެ ފޮއްޓަކުންނެވެ. އިންތިހާބު ގާތްވެފައިވަނިކޮށް ނ. މާފަރުގައި ވެސް އެއާޕޯޓެއް ހުޅުވި އެވެ. އެ ރަށުގެ މެޖޯރިޓީ ވެސް ދިޔައީ އިބޫއަށެވެ. އެ ތަރައްގީ ނުވިކުނެވެ. "އައިހެވަން"ގެ ހުވަފެން ދެއްކި ހއ. އަތޮޅުން ރައީސް ޔާމީނަށް ގިނަ ފޮށިތަކަކުން ކުރި ލިބުނު ނަމަވެސް މުޅި އަތޮޅުން ކުރީގައި އުޅުއްވީ އިބޫ އެވެ. އަތޮޅުން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 47 ޕަސެންޓެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ގެނެސްދެއްވި ރަށަކީ ގދ. ތިނަދޫ އެވެ. ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ވެސް އުފަން ރަށެވެ. ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމްގެ އަނބިކަނބަލުންނާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އަދި ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރުގެ ވެސް އުފަން ރަށެވެ. އެ ރަށުން ރައީސް ޔާމީންއަށް ތާއިދު "އޮހޭނެ" ކަމަށް ބެލެވުނީ އެ ސަބަބުތައް ހުރީމަ އެވެ. ރައީސް ޔާމީން ވެސް އެކި ފަހަރު މަތިން ވަނީ ތިނަދޫއަށް ގެނެސްދެއްވި ތަރައްގީތައް ރައްޔިތުންނަށް ހަނދާންކޮށްދެއްވާފަ އެވެ. އެ ރަށަށް އެންމެފަހުން ވަޑައިގެން ވެސް ރައީސް ވަނީ ތަފާސް ހިސާބުން ރަށަށް ގެނައި ތަރައްގީގެ ވާހަކަތައް ކިޔައިދެއްވާފަ އެވެ. ބޮޑު އިސްލާމީ މަރުކަޒާއި މިއުޒިއަމް އާއި ތާރުއެޅި މަގުތައް ފަދަ އެހެން ރަށްރަށް ނުލިބޭ ތަރައްގީ އެ ރަށުން އޮތީ ފެންނާށެވެ. އެކަމަކު އެ "ކޮންކްރީޓް" އެ ރަށު ރައްޔިތުން ވެސް ބަލައެއް ނުގަތެވެ.

ތިނަދޫގައި ހަތް ފޮށި ބެހެއްޓިއިރު ހުރިހާ ފޮއްޓެއްގައި ވެސް ރައީސް ޔާމީން ވީ ބައްޔެވެ. ބައެއް ފޮށިތަކުގައި ތަފާތު ވަރަށް ބޮޑެވެ. ބޮޑު ތަނުން އިބޫ އުޅުއްވީ ކުރީގަ އެވެ. މުޅި ގދ. އަތޮޅުން ވެސް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ އެންމެ 39 ޕަސެންޓް ވޯޓެވެ.

ހަމައެކަނި ބްރިޖު "އޯކޭއެއް" ނޫން

ދެން އޮތީ ހުޅުލެ އާއި މާލެ ގުޅުވައިދިން ބްރިޖެވެ. އެއީ ރައީސް ޔާމީންގެ "ކާލާ މަންނަ" އެވެ. އެންމެ ފަހު ވަގުތު ވައްޓާލި އެ "ކާލާ މަންނަ"އިން ލިބުނު އެއްވެސް ފައިދާއެއް ރައީސް ޔާމީނަށް ނެތެވެ. ބްރިޖު ހުޅުވާލައި، ބްރިޖަށް އެތައް ބަޔަކު އެރުވި އެވެ. ދުނިޔޭގެ ފެންވަރުގައި ހަވާވެސް އެރުވި އެވެ. ހިލޭ ދަތުރުތައް ވެސް ހުޅުވާލި އެވެ. ކައިވެނިކޮށްދީ، ގްރެޖުއޭޝަން ވެސް ބާއްވައިދިނެވެ. ވީ ކަމެއް ހަމަ "ހަރާމެވެ."

އެ ބްރިޖްގެ އެންމެ ބޮޑު ފައިދާއެއް ވާނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. ހަގީގަތު ވެސް އެއީ ގައުމަށް ލިބުނު ބޮޑު ތަރައްގީއެކެވެ. ބޮޑު ކުރިއެރުމެކެވެ. އެކަމަކު ހުޅުމާލެ ރައްޔިތުން ވެސް ވޯޓުން ބުނީ ހަމައެކަނި ކޮންކްރީޓް ކަމުނުދާ ކަމެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ދެ ފޮށި ބެހެއްޓިއިރު އެ ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް އަށް ވޯޓު ފޮށި ބެހެއްޓި އެވެ. އެ 10 ފޮށީގެ ތެރެއިން ނުވަ ފޮށީގައި ކުރީގައި އުޅުއްވީ އިބޫ އެވެ. ބޮޑު ތަނުން ކުރީގަ އެވެ. ހުޅުމާލެއަކީ އިބޫއަށް އެންމެ ދަތީގައި ކެމްޕެއިން ކުރެވުނު ރަށެވެ. އިދިކޮޅު ކޯލިޝަންގެ އެންމެ ދިދައެއް ވެސް ނެތް ހަމައެކަނި ރަށަކީ އެއީ އެވެ. އެޗްޑީސީގެ "އަތްދަށުގައި" އޮތް ހުޅުމާލޭގެ ހުރިހާ ދިމާލަކުން ފެންނަނީ ރައީސް ޔާމީންގެ ބޮޑެތި ޕޯސްޓަރުތަކާއި ޕީޕީއެމްގެ ދިދަ ފަތިތަކެވެ. ދިދަފަތި ދަމައިގެން ހޮވެންޔާ ރައީސް ޔާމީން ހޮވޭނެ އެވެ.

ދެން އދ. މާމިގިއްޔެވެ. ޕީޕީއެމްއިން އެންމެ ބޮޑު ކުރިއެރުމެއް މިފަހުން ހޯދި ރަށް ކަމަށް ދައުވާކުރި، ގާސިމް އިބްރާހިމްގެ އުފަން ރަށެވެ. އެކަމަކު ޕީޕީއެމްގެ އެ ދައުވާއަކީ ހަމަ ހުސް ހޮޅި ވާހަކަ އެވެ. މާމިނގިލީ ތިން ވޯޓު ފޮށި ބެހެއްޓިއިރު އަދާޔާ ހިލާފުކޮށް ކުރީގައި އުޅުއްވީ އިބޫ އެވެ. ރައީސް ޔާމީނަށް އެއް ފޮށިން އެންމެ ހަތް ޕަސެންޓް ލިބުނުއިރު އަނެއް ފޮށިން ލިބުނީ 16 ޕަސެންޓެވެ. ދެން ހުރި ފޮށިން އެންމެ 22 ޕަސެންޓެވެ. އަތޮޅުގެ މެޖޯރިޓީ ވެސް ރައީސް ޔާމީނަށް ނެތެވެ.

ރައީސް ޔާމީން އެންމެ ބޮޑަށް "ހިމާޔަތް" ކުރައްވައިގެން ގެންގުޅުއްވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ރަށް، ފުވައްމުލައް ވެސް އެމަނިކުފާނަށް ބުނީ ނޫނެކޭ އެވެ. ފުވައްމުލަކުން ރައީސް ޔާމީނަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ. އެ ރަށަކީ ވެސް ރައީސް ޔާމީންގެ ތަރައްގީގެ ލިސްޓްގައި ކުރީގައި ގެންގުޅުއްވި ރަށެކެވެ.

ބޮޑު އެއްވެސް ކުރިއެރުމެއް ނުލިބުނު

އައްޑޫ ސިޓީއަކީ އަބަދުވެސް އެމްޑީޕީއަށް ބުރަވެފައި އޮންނަ ސިޓީއެކެވެ. އެކަން ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރައްވަ އެވެ. ހިތަދޫއަށް އެންމެފަހުން ވަޑައިގެން ރައީސް ޔާމީން ވަނީ އެ ރަށު ރައްޔިތުން އެހާ ބޮޑު ތާއިދެއް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރަނީ ކީއްވެތޯ އައްސަވާފަ އެވެ. އެ ސިޓީއަށް ގެނެސްދޭ ތަރައްގީތަކަށް ބަލާނަމަ އެ ސިޓީގެ ރައްޔިތުން ތާއިދު ކުރަން ޖެހޭނީ އެމަނިކުފާނަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އައްޑޫއަށް އެންމެ ބޮޑު ވައުދެއް ވެސް ވެވަޑައިގެންނެވީ އެމަނިިކުފާނެވެ. ކޮންކްރީޓް ބޮޑު ތަރައްގީއެކެވެ. ހިތަދޫ އާއި މީދޫ ބްރިޖުން ގުޅާލައްވާނެ ކަމަށް އެމަނިކުފާނު ކެމްޕެއިންގެ އެންމެ ފަހު ވަގުތު އިއުލާން ކުރެއްވި އެވެ.

ރައީސް އެއިން އެއްވެސް ވާހަކައެއް އައްޑޫ ސިޓީއަށް އަޑެއް ނީވެ އެވެ. އައްޑޫ ސިޓީއިން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 34 ޕަސެންޓެވެ. ޖުމްލަ 32 ފޮށި އެ ސިޓީގައި ބެހެއްޓިއިރު ރައީސް ޔާމީނަށް ކުރި ހޯއްދެވުނީ އެންމެ ދެ ފޮއްޓެވެ. ހަމަ އެންމެ ދެ ފޮއްޓެވެ.

ލ. އަތޮޅަށް އެންމެ ބޮޑު އިންގިލާބެއް އައީ މި ވެރިކަމުގަ އެވެ. ރަށްތައް ގުޅުވާލާ އެންމެ ޒަމާނީ ހިތްގައިމު މަގެއް ރައީސް ޔާމީން އަޅުއްވައިދެއްވި އެވެ. މަގު ބޭނުން ކުރާތާ އެތައް ދުވަހެއް ފަހުން ރައީސް ޔާމީން ވަޑައިގެން މަގު ހުޅުވައި ވެސް ދެއްވި އެވެ. އެ ތަރައްގީ ވިއްކަން ރައީސް ޔާމީން ބޭނުންފުޅުވި އެވެ. ނަމަވެސް ނުވިކުނެވެ. އެ އަތޮޅުން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 45 ޕަސެންޓެވެ. ލ. އަތޮޅުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އާއި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަރަށް ގަދައަށް ކެމްޕެއިން ވެސް ކުރެއްވި އެވެ. އެހެނަސް ފޮނަދޫގެ ތިން ފޮށީގެ ތެރެއިން ވެސް ރައީސް ޔާމީނަށް ކުރި ލިބިވަޑައިގެންނެވީ އެންމެ ފޮއްޓެއްގަ އެވެ.

ގއ. ވިލިނގިއްޔަކީ ވެސް ޕީޕީއެމްއިން އިސްކަމެއް ދިން ރަށެކެވެ. ލައްކަ ކެމްޕެއިން ވެސް ކުރި ރަށެކެވެ. އެކަމަކު ބެހެއްޓި ތިން ފޮށިން ވެސް ކުރިއަށް ދެމިގަތީ އިދިކޮޅު ކޯލިޝަނެވެ. ބޮޑު ތަނުން ކުރީގަ އެވެ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޖަލަށް ގެންގޮސް، ރައީސް ޔާމީން ވަރަށް ބޮޑު ކެމްޕެއިން ދިއްގަރުގައި ކުރެއްވި އެވެ. އެކަމަކު ފާރިސްއަށާއި އިދިކޮޅަށް އެ ރަށުން ވެސް ދިނީ މެޖޯރިޓީ އެވެ. އެ ރަށުން ރައީސްއަށް ލިބިވަޑައިގެންނެވީ 45 ޕަސެންޓެވެ.

ރައީސް ޔާމީންގެ އެންމެ ބޮޑު ބިޔަ މަޝްރޫއުގެ ތެރޭގައި ފ. އަތޮޅުގައި ސައުދި އަރަބިއްޔާއިން ތަރައްގީ ކުރަން އުޅުނު މަޝްރޫއު ހިމެނޭނެ އެވެ. ރައީސް ޔާމީނަށް މެޖޯރިޓީ ލިބިވަޑައިގެންނެވި ދެ އަތޮޅުގެ ތެރޭގައި ފ. އަތޮޅާއި މ. އަތޮޅު ހިމެނެ އެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ފ.ގެ ބިޔަ މަޝްރޫއު ދައްކައިގެން ވެސް ކުރިއަށް ވަޑައިގެންނެވުނީ ހަަމަ ކިރިޔާ އެވެ. ރައީސް ޔާމިނަށް އިބޫއަށްވުރެ އިތުރަށް ލިބުނީ ހަމަ އެންމެ ނުވަ ވޯޓެވެ. ރަށްތަކަށް ބަލާއިރު މެޖޯރިޓީ ލިބުނީ ހަމައެކަނި ނިލަންދޫއިންނެވެ. އަނެއް ހަތަރު ރަށުން ކުރީގައި އުޅުއްވީ އިބޫ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް މިހާރު ވަނީ ތަރައްގީ ރައްޔިތުން ބަލައިނުގަތްކަން ގަބޫލުފުޅު ކުރައްވާފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ރައްޔިތުން ބޭނުންވާ ހިދުމަތްތައް މިދިޔަ ފަސް އަހަރަށްވުރެ ފާގަތިކޮށް ފަހިކޮށް ރާއްޖެއަށް އާންމުވި ދުވަސްވަރެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހިދުމަތަށް ރައްޔިތުން ބަސް ބުނެފި ކަމަށާއި އެ ނިންމުން ގަބޫލު ކުރައްވާ ކަމަށް ރައީސް ޔާމީން އިއްޔެ ވިދާޅުވި އެވެ.

ރައްޔިތުން ބުނީ؛ ކޮރަޕްޝަނާ ދެކޮޅު! ބޭނުމީ އިންސާފާއި ހަމަހަމަކަން

ރައީސް ޔާމީންގެ "ކޮންކްރީޓް ތަރައްގީ"އާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ނެރުނީ އިންސާފުގެ މަގެވެ. އަދުލް އިންސާފު ގާއިމްކޮށްދޭނެ ކަމުގެ ޔަގީން ކަމެވެ. ފަސާދަ އާއި ވައްކަން ހުއްޓުވާނެ ކަމުގެ ޔަގީން ކަމެވެ. ކޮރަޕްޝަނާ ނުލާ މަޝްރޫއުތައް ހިންގާނެ ކަމުގެ ޔަގީން ކަމެވެ.

އިދިކޮޅު ހަތަރު ލީޑަރުން އެއް ގަލަކަށް އަރާވައިޑައިގެން ކުރެއްވި މަސައްކަތަކީ އެއީ ކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއިރު އިބޫ ގެންދެވީ އޭނާގެ ޖަޒީރާ މެނިފެސްޓޯ ރައްޔިތުންނަށް ކިޔައިދީ ރައްޔިތުންނާ ގާތުން ބައްދަލު ކުރައްވަމުންނެވެ. ރައްޔިތުން ވިކުނީ އެޔެ އެވެ. ރައްޔިތުން ބަލައިގަތީ އިއްޔެ އެވެ.

ހަމައެކަނި ތަރައްގީ ރައްޔިތުން ބޭނުމެއް ނުވި އެވެ. "ކޮންކްރީޓް"ތަކުގެ ތެރޭގައި ތިބެން ރައްޔިތުން ބޭނުމެއް ނުވި އެވެ. ރައްޔިތުން ބޭނުންވީ ތަރައްގީ އާއި އިންސާފު ލިބުމެވެ. ކޮރަޕްޝަނާއި ފަސާދަ ހުއްޓުމެވެ. ގައުމު ހަމަ މަގަށް އަޅުވައި އަނިޔާވެރިކަން ނިންމާލުމެވެ. އަތޮޅުތަކުގައި ރީނދޫ ކުލަ ޖެހިގެން ދިޔަ ގޮތުން އެކަން ވަރަށް ސާފެވެ. ނަތީޖާގެ ބޮޑު މަންޒަރުން ބުނެދީފައި އެވަނީ ހަމައެކަނި "ކޮންކްރީޓް ތަރައްގީ" ރައްޔިތުންނަށް "އޯކޭ" ނޫން ކަމެވެ. ނާއިންސާފުން މީހުން ވަޒީފާތަކުން ވަކިކުރުމާއި އެއްވެސް އަސާސެއް ނެތި ހުކުމްތަކެއް އިއްވައިގެން މީހުން ޖަލުތަކުގައި ބަންދު ކުރުން ބަލައިގެނެވެން ނެތް ކަމަށެވެ. ވައްކަމާއި ފަސާދަ އެ މީހުން ބޭނުން ނޫންކަމެވެ. ތަރައްގީގެ ކުރިއަށް ރައްޔިތުން ބޭނުންވީ ބިރެއް ނެތި އަމާންކަމާއި މިނިވަންކަމާ އެކު އުޅެވޭނެ ވެއްޓެއް އުފައްދައިދޭށެވެ. އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަން ރައްޔިތުން ހަވާލު އެ ކުރީ އެ ބޮޑު އުންމީދުގަ އެވެ.