ދުނިޔެ

އެބޯލާ ހުއްޓުވަން ހެދި މައި މަރުކަޒު އދ. އިން ބަންދުކުރަނީ

Jun 10, 2015

ހުޅަނގު އެފްރިކާގައި އެބޯލާ ފެތުރޭ މިންވަރު ވަަރަށް ބޮޑަަށް މަދުވާން ފެށުމާ އެކު، އެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އދ. އިން ގާއިމްްކުރި މައި މަރުކަޒު މި މަހުގެ ނިޔަލަށް ބަންދުކުރަން ނިންމައިފި އެވެ.

ގާނާގެ ވެރިރަށް އާކްރާގައި އެ މަރުކަޒު ގާއިމްކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއްވެސް ވަރަކަށް އެ ބަލި ނުފެތުރޭ ގާނާގައި އެ މަރުކަޒު ގާއިމްކުރީ އެބޯލާ ފެތުރުނު ގައުމުތަކުގައި ލޮޖިސްޓިކްސް މައްސަލަތައް އުޅޭތީ، އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ބުރޫއަރާނެ ކަމަށް ބަލާފަ އެވެ.

އުއްމީރުގެ ނަމުން ނަން ދީފައިވާ އެ މަރުކަޒުގެ ގިނަ މުވައްޒިފުންނާއި މުދާ މިހާރު ވަނީ އެބޯލާ ބަލިމަޑުކަން އަދިވެސް ކޮންމެވެސް ވަރަކަށް އޮތް ސިއެރެ ލިއޯން އާއި ގިނީ އަށް ބަދަލުކޮށްފަ އެވެ. ގާނާގައި މަޑުކޮށްގެން ތިބި މަދު މުވައްޒިފުން ވެސް މި މަސް ނިމުމާ އެކު އެ ގައުމުން ދާނެ އެވެ.

އެ ނިންމުމާ އެކު، އުއްމީރު ޓީމުގެ އިސް ވެރިޔާ ގަރާފާ ވަނީ ގާނާގެ ރައީސް ޖޯން މަހާމާއާ އިއްޔެ ބައްދަލުކުރައްވައި ގާނާގެ ސަރުކާރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރައީސް މަހާމާ ދެއްކެވީ ލާމަސީލު މިސާލެކެވެ.

އެބޯލާގެ ބަލިމަޑުކަން ފެށުނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގިނީ އިންނެވެ. މި ފަހަރުގެ ބަލިމަޑުކަމަކީ އެބޯލާގެ ތާރީހުގައި ވެސް އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ބަލިމަޑުކަމެވެ. އެގޮތުން މިދިޔަ މޭ މަހުގެ ނިޔަލަށް 26،661 މީހަކަށް މި ބަލި ޖެހިފައިވާއިރު 11،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

އެހެން ނަމަވެސް، ހުރިހާ ގައުމެއްގައިހެން މި ބަލި ޖެހޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި އެބޯލާގެ ބަލިމަޑުކަމުން ލައިބީރިއާ ސަލާމަތްވެ، އެ ގައުމުން އެބޯލާ ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ މަހު ވަނީ ކަނޑައަޅާފަ އެވެ.

އެބޯލާ އިން ސަލާމަތްވެއްޖެ ކަމަށް ކަނޑައަޅަނީ މި ބަލި ފެތުރެމުން ދިޔަ ގައުމަކުން ބަލީގެ އިތުރު ކޭސްތަކެއް ފެންމަތިނުވެ 40 ދުވަސް ހަމަވާ ހިސާބުންނެވެ. ލައިބީރިއާ އިން އެބޯލާ ނައްތާލެވިފައިވާ ކަމަށް ނިންމީ އާ މައްސަލަތަކެއް ފެންމަތިނުވާތާ 40 ދުވަހަށް ވުރެ ގިނަ ދުވަސްވުމުންނެވެ.

ލައިބީރިއާ އަކީ މި ފަހަރު ހުޅަނގު އެފްރިކާގައި ފެތުރުނު އެބޯލާގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް އޭގެ އަސަރުކޮށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ގައުމެވެ. އެ ގައުމުން 10،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހުނުއިރު، 4،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ހުޅަނގު އެފްރިކާގައި ފެތުރުނ މި ރޯގާ އެމެރިކާގެ ހަތަރު މީހަކަށް ވެސް ޖެހިފައިވެ އެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި ވާއިރު، އިނގިރޭސި ވިލާތާއި ސްޕެއިން އިން ވެސް މި ފަހަރު އެބޯލާ ފެނިފައިވެ އެވެ.