ދުނިޔެ

ސީރިއާގެ މައި އަސްކަރީ މަރުކަޒެއް ހަނގުރާމަވެރިން ހިފައިފި

Jun 10, 2015

ސަތަން ފްރަންޓުގެ ތަރުޖަމާނަކު އޭއެފްޕީ ނޫސް އެޖެންސީ އަށް ބުނި ގޮތުގައި ދެ ހާހެއްހާ ހަނގުރާމަވެރިން ވެގެން ދިން "ކުއްލި ހަމަލާއެއްގައި" ބްރިގޭޑް 52ގެ ނަން ދީފައިވާ އަސްކަރީ މަރުކަޒު "މިނިވަންކުރީ" ހޮނިހިރު ދުވަހު ފަތިހު އެވެ. އޭނާ ސިފަކުރި ގޮތުގައި އެއީ ސަރުކާރަށް ލިބުނު ބޮޑު ގެެއްލުމެކެވެ.

"ސަރުކާރު ސިފައިންގެ ހަމަލާތަކުގައި ބޭނުންކުރި މައި މަރުކަޒު އެއީ،" ތަރުޖަމާނު ބުންޏެވެ.

ސަތަން ފްރަންޓުން ވަނީ ސީރިއާ އާއި އުރުދުން ގުޅައިދޭ ބޯޑަރު ހުރަސްކުރަން ބޭނުންކުރާާ މައި މަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހިފާފަ އެވެ. އެއީ އަލްގައިދާއާ ގުޅުން އޮންނަ އައްނުސްރާ ފްރަންޓު ހިމެނޭ ހަނގުރާމަވެރިންގެ އެހެން ކޯލިޝަނުން އިދުލީބު ޕްރޮވިންސްގެ ވެރިރަށް ހިފި ދުވަސްކޮޅެވެ.

އެ ހަނގުރާމަވެރިންގެ ޖަމާއަތްތަކާއި ސީރިއާ ސަރުކާރާ ވެސް ދެކޮޅު ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެސް ވަނީ މިދިޔަ މަހު ސީރިއާގެ މުހިއްމު އަވަށްތަކެއް ހިފާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން އެންމެ ފަހުން ހިފާފައި ވަނީ ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ އެވެ.

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.