ހަބަރު

ޖާބިރު "ބިރެއް ނެތި" ރާއްޖެ ވަޑައިގަންނަވަނީ

Sep 25, 2018
14

ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި، ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މާދަމާ ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޖާބިރުގެ މައްޗަށް ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ހިފަހައްޓައިފަ އެވެ. އަދި އެކަމާ ގުޅިގެން އޭނާ ވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިފަ އެވެ. އަދި ދިރިއުޅުއްވަމުން ގެންދަވަނީ ސްރީލަންކާގަ އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ މާދަމާ ރޭ ރާއްޖެ ވަޑައިގަންނަވާނީ، ޔޫއެލް 103 ގެ ފްލައިޓުން މާދަމާ ރޭ 7:50ގައި ކަމަށެވެ. އޭނާ ރާއްޖެ ވަޑައިގަންނަވަނީ، އާއިލާ މީހުންނާއި ރަހުމަތްތެރިންނާ އެކު އުފާވެރި ދިރިއުޅުމެއް އުޅެ އަދި އޭނާގެ ވިޔަފާރި ކޮޅަށް ޖެހުމަށް މަސައްކަތް ކުރެއްވުމުގެ އުންމީދުގައި ކަމަށެވެ. އޭނާ އަކީ، ޔޮޓް ޓްއާޒްގެ ޗެއާމަން އެވެ. އެ ކުންފުނިން މީރާއަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާގެ މައްސަލަތައް ކޯޓްގައި ހިނގަ އެވެ.

ޖާބިރުގެ އެ ޓްވީޓްގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް، އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވެފައި ވާތީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އޭނާ އިނގިރޭސިވިލާތުގެ ހިމާޔަތުގައި ރާއްޖެއިން ބޭރުގައި އުޅުއްވާތާ ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ. ޖާބިރު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭނާ އަކީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ވެސްމެ އެވެ.