ދުނިޔެ

މާސް ފެތުރޭތީ ދެކުނު ކޮރެއާ އަށް ނުދާން ހޮންގް ކޮންގުން އަންގައިފި

ނޭވާލާ ނިޒާމަށް ޖެހޭ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ވަރަށް ބާރަށް ފެތުރެމުންދާ ދެކުނު ކޮރެއާ އަށް ދަތުރު ނުކުރުމަށް އަންގައި ހޮންގް ކޮންގުން ރެޑް އެލާޓެއް އިއްޔެ ނެރެފި އެވެ.

ދެކުނު ކޮރެއާގައި ހަލުވިކަމާ އެކު މާސް ފެތުރެމުން ދާތީ އެފަދަ އެލާޓެއް ހޮންގް ކޮންގުން ނެރުނުއިރު، 2003 ވަނަ އަހަރު މުޅި އޭޝިއާގައި ފެތުރުނު ސާސް ރޯގާގެ އަސަރު އެ ގައުމަށް ވަރަށް ބޮޑަށް ކުރި އެވެ. އެ ފަހަރު ހޮންގް ކޮންގުގައި ސާސް ރޯގާ ފެތުރުނީ ޗައިނާ އިން އައި ޑޮކްޓަރެއްގެ ފަރާތުން ކަމަށް ވާތީ، އާ ބަލިތަކަށް ހޮންކޮޮންގް ސަރުކާރުން އަބަދު ވެސް ސަމާލުވެ އެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މާސް ޖެހިގެން ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ބަޔަކު މަރުވީ މި މަހުގެ ކުރީކޮޅު އެވެ. އުމުރުން 58 އަހަރުގެ އެ އަންހެން މީހާ އަކީ ދެ ވަނަ އަށް މަރުވި 71 އަހަރުގެ ފިރިހެން މީހާއާ ބައްދަލުވެފައި ހުރި އަންހެނެކެވެ. މި ބަލި ޖެހިގެން ފުރަތަމަ ފަރުވާ ހޯދަން ފެށީ މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި އެ ފިރިހެން މީހާ އެވެ.

ދެކުނު ކޮރެއާގައި މާސް ބަލި ފެތުރެން ފަށާފައި މި ވަނީ، މި ބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ޗައިނާ އިން ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ އެވެ. މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި ދެކުނު ކޮރެއާގެ އެ މީހާ ދެކުނު ކޮރެއާ އިން ޗައިނާގެ ހޮންގް ކޮންގަށް ދިޔައީ އޭސިއާނާ އެއާލައިންގެ ފްލައިޓެއްގަ އެވެ. އެ އަށް ފަހު، ބަހަކަށް އަރައިގެން ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޑަންގް ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ހުޒޫ އަށް އޭނާ ދިޔަ ކަމަށް ވެ އެވެ. އެ އަވަށުގެ ހޮޓަލެއްގައި ހުރި އެ މީހާ އަށް މާސް ޖެހިފައިވާކަން އެނގުނީ ބަލިވެގެން ހޮސްޕިޓަލަށް ދިއުމުންނެވެ.

ދިރާސާތަކުން ލަފާކުރެވެނީ މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ޖަމަލަށް ޖެހެމުން އައި ބައްޔެއް ކަމަށާއި ވައިރަސް މިއުޓޭޓްވެ އިންސާނުންގެ ހަށިގަނޑަށް ވެސް ވާސިލުވީ ކަމަށެވެ.

މާސް އަކީ ސާސް ރޯގާ އަށް ވުރެ ވެސް ނުރައްކާ ބައްޔެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް، މާސް އަކީ ސާސް ރޯގާހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް ބެލެވެ އެވެ. ސާސް ރޯގާ 8،273 މީހަކަށް ޖެހުނުއިރު، އޭގެ ތެރެއިން ނުވަ ޕަސެންޓް މީހުން މަރުވި އެވެ. ސާސް ރޯގާ ފަދައިން، މާސް ވައިރަސް ޖެހުމުން ވެސް މޭގައި އިންފެކްޝަން އުފެދެ އެވެ. އަދި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ އެވެ. ނަމަވެސް ސާސް އާ ހިލާފަށް، މާސް ވައިރަސްގެ ސަބަބުން ވަރަށް ފަސޭހައިން ކިޑްނީ ފެއިލްވެ އެވެ.