ދުނިޔެ

ފުލުހަކު ކަޅު ނަސްލުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް އެމެރިކާގައި އަނެއްކާ ވެސް ހޫނުވެއްޖެ

Jun 10, 2015

ޕާޓީއެއްގެ ތެރޭގައި ކަޅު ނަސްލުގެ ކުޑަ އަންހެން ކުއްޖަކު ބިންމައްޗަށް ވައްޓާލައި އިތުރު ކުދިންތަކަކާ ދިމާއަށް ބަޑި ދިއްކުރި މައްސަލައަކާ އެކު އެމެރިކާގެ ފުލުހުން ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.

ޓެކްސަސް ސްޓޭޓުގެ މެކިންނޭ ސިޓީގެ ފުލުސް ކޯޕްރަލް އެރިކް ކޭސްބޯލްޓް، 41، އެ އަމަލު ހިންގާފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ޕޫލް ޕާޓީއެއްގެ ތެރޭގަ އެވެ.

މެކިންނޭ ސިޓީގެ ފުލުހުންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނި ގޮތުގައި ފުލުހުން އެ ޕާޓީ އަށް ދިޔައީ އެ ތަނުގައި ހަމަނުޖެހުން ހިންގައި ތަޅާފޮޅާ ކަމަށް ބުނެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ދައުވަތު ނުދޭ ކުދިންތަކެއް ޕާޓީ އަށް ދިއުމުން، އެ ތަނުން ދިއުމަށް ޕާޓީ އިންތިޒާމްކުރި ކުދިން އެދުމުން އެ ކަމާ ދެކޮޅު ހެދުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އެހާ ހިސާބުން އިތުރު ކޯލުތައް ފުލުހުންނަށް ލިބެން ފެށި،" އެ ބަޔާނުގައިވެ އެވެ.

މެކިންނޭ ސިޓީގެ ފުލުހުންގެ ވެރިޔާ ގްރެގް ކޯންލީ ވިދާޅުވި ގޮތުގައި އެރިކްގެ އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންވެ، އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ތަނަށް ދިޔަ 12 ފުލުހުންގެ ތެރެއިން 11 މީހަކު އަމަލުކުރީ އުސޫލުތަކާ އެއްގޮތަށް، ވަރަށް ބަރާބަރަށް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރެގް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ޓެކްސަސްގައި ވަނީ މުޒާހަރާ ކުރަން ފަށާފަ އެވެ. އެ ގޮތުން، 800 އެއްހާ މީހުން ވަނީ ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލައި ތަފާތު ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މެކިންނޭ ސިޓީގެ މަގުތަކުގައި ރޭ ހިނގާލާފަ އެވެ. އަދި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އެ ސިޓީގައި މަސައްކަތްކުރާ އިސް ބައެއް ފަރާތްތަކުން ވަނީ މައި ސަރުކާރުން މި މައްސަލަ ތަހުގީގުކުރުމަށް ވެސް ގޮވާލާފަ އެވެ.

ދޮން ނަސްލުގެ ފުލުހުން ހަަމަލާދީ ކަޅު ނަސްލުގެ މީހުން މަރާ މަައްސަލަ ވެސް އެމެރިކާގެ އެކި ހިސާބުތަކުގައި ވަނީ މި ފަހުން ބޮޑުވެފަ އެވެ. އޭގެ ތެރޭގައި، ކްލީވްލޭންޑުގައި 12 އަަހަރުގެ ކަޅު ނަސްލުގެ ކުޑަކުއްޖެއްގެ ގަޔަށް މިދިޔަ ނޮވެމްބަރު މަހު ބަޑި ޖެހި މައްސަލައެއް ހިމެނެ އެވެ. އަދި މިފަދަ ހާދިސާތައް ހިނގާފައިވާ ބޯލްޓިމޯ އާއި ފާގަސަންގައި ދާދި ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގާފަ އެވެ.

ބާރުގެ ބޭނުންކޮށްގެން މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގެ އިތުރަށް، ކަޅު ނަސްލުގެ މީހުންނަށް ސީދާ އަމާޒުކޮށް ފުލުހުން ހިންގާ ހަރުކަށި އަމަލުތައް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި އިތުރުވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ހަނގުރާމަވެރި ހަތިޔާރުގެ ގޮތުގައި ބެެލވިދާނެ ބައެއް އާލަތްތައް ސްޓޭޓްތަކުގެ ފުލުހުންނަށް ފޯރުކޮށްދިނުން މަނާކުރައްވާފަ އެވެ.

މިދިޔަ މަހު ކުރީކޮޅު އޮބާމާ އެޅުއްވި އެ ފިޔަވަޅުގެ ދަށުން، ސްޓޭޓްތަކުގެ ފުލުހުންނަށް ދިނުން މަނާ ތަކެތީގެ ތެރޭގައި ހިމެނެނީ ފުރޮޅުގެ ބަދަލުގައި ޓްރެކް ނިޒާމުގެ އެހީގައި ދުއްވާ އާމާޑް އުޅަނދު، ބަޑި ހަރުކޮށްފައި ހުންނަ މަތިންދާބޯޓާއި މަނަވަރާއި އެ ޒާތުގެ އުޅަނދުފަހަރު، 50 ކެލިބަ އަށް ވުރެ މަތީގެ ބަޑި އާއި ވަޒަން، ގްރެނޭޑް ލޯންޗަ އަދި ކެމަފްލާޖް ޔުނީފޯމެވެ. ނަމަވެސް، އާއްމު ބޭނުންތަކަށް ބޭނުންކުރާ މަތިންދާބޯޓާއި ހެލިކޮޕްޓަރާއި ޑްރޯން، ފުރޮޅު ހަރުކޮށްފައި ހުންނަ އާމާޑް އުޅަނދު، ކޮމާންޑްކުރަން ބޭނުންކުރާ އުޅަނދު އަދި ރަޔަޓް ގިޔަރާއި މުގުރު ފަދަ ތަކެތި އަދިވެސް ފޯރުކޮށްދެމުން ދާނެ އެވެ.