ދުނިޔެ

"އިގްތިސޯދީ ޓެރަރިޒަމް": އިރާނުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އެމެރިކާއަށް!

Sep 26, 2018

ނިއު ޔޯކް (ސެޕްޓެމްބަރު 25) - އިރާނާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، މިހާރު އެމެރިކާގައި ކުރިއަށްދާ އދ. ގެ ޖެނެރަލް އެސެމްބްލީގައި، ދެ ގައުމުގެ ލީޑަރުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ދެގައުމުގެ ދެމެދު އުފެދިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އިރާނަކީ ޓެރިރަޒަމް ސްޕޮންސާ ކުރާ ގައުމެއް ކަމަށް ބުނެ، އިގުތިސޯދީ ގޮތުން އެކަހެރިކޮށްލުމަށް މުޅި ދުނިޔެއަށް ގޮވާލައްވައިފަ އެވެ.

"އަވަށްޓެރި ގައުމުތަކުން އެވަނީ، އިރާނުގެ ހަރުކަށި ވިސްނުމާއި ގަދަބާރުން ކަންކަން ކުރަން އުޅުމުގެ ހިތި އަގު އަދާކުރަންޖެހިފައި،" ޓްރަމްޕް އދ.ގައި ވިދާޅުވި އެވެ. އަދި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ހަނގުރާމަ ކުރުމާއި، ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ ދިނުމާއި، ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ ތުހުމަތުވެސް ޓްރަމްޕް ވަނީ އިރާނުގެ ލީޑަރުންނަށް ކުރައްވައިފަ އެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ސިޔާސީ އަދި އިގްތިސޯދީ ގޮތުން އިރާނު އިތުރަށް އެކަހެރި ކޮށްލުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.

މިގޮތުން، 2015 ވަނަ އަހަރު ވިއޭނާގައި އެމެރިކާ ހިމެނޭ ގޮތަށް އިރާނާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ނިއުކުލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ވުރެ ނިއުކުލިއާ ހަކަތައިގެ މަސައްކަތްތައް މަދުކުރުމަށް އިރާނުން ވަނީ އެއްބަސްވެފަ އެވެ.

އޭގެ ބަދަލުގައި، ދުނިޔޭގެ ބާޒާރަށް އިރާނުން ތެލާއި ގޭސް ނުވިއްކޭގޮތަށް އދ. އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމުގެ އިތުރުން، އެކި ގައުމުތަކުގައި ހުރި އިރާނުގެ 100 ބިލިއަން ޑޮލަރުގެ ހަރުމުދާތައް ދޫކޮށްލުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގައި، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، ރަޝިއާ، ޗައިނާ އަދި އީޔޫގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ސޮއިކޮށްފަ އެވެ.

އޭގެ އިތުރުން، އެމެރިކާ އިން އިރާނާއި ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވެސް ނެގުމަށް އޭރުގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޓްރަމްޕްގެ ގޮވާލެއްވުމަށް ރައްދު ދެއްވަމުން، އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އިރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަކީ "އިގުތިސޯދީ ޓެރަރިޒަމް" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އަދި އެމެރިކާގެ މަގުސަދަކީ، އިރާނުގެ ސަރުކާރު ވައްޓާލައި، ވެރިކަން ބަދަލުކުރުން ކަމަށްވެސް، ރޫހާނީ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އެމެރިކާ އިން އިރާނާއި ދެކޮޅަށް އޯގަސްޓް މަހުން ފެށިގެން އަމަލު ކުރަންފެށި ފިޔަވަޅުތަކުގެ ތެރޭގައި، އިރާނުން އެމެރިކާ ޑޮލަރު ގަތުން ހުއްޓުވުމާއި، ވެހިކަލް އުފެއްދުމާއި، ރަނާއި، އެލުމިނީއަމާއި، ދަގަނޑު ފަދަ ތަކެތީގެ ވިޔަފާރި ހުއްޓުވުން ހިމެނެ އެވެ.

އެއަށްފަހު، އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން، އިރާނު ބޭރުކުރާ ތެލާއި، ގޭހުގެ އިތުރުން އެގައުމާއި އެކު އެއްވެސް ފައިސާގެ މުއާމަލާތްތަކެއް ހުއްޓާލުމުގެ ފިޔަވަޅުތައް އެޅިގެންދާނެ އެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ބޭނުމަކީ، 2015 ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ މާ ފުޅާކޮށް، ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތައް ހުއްޓުވުމުގެ އިތުރުން، ޓެރަރިޒަމް އަށް ހިތްވަރުދޭ ގޮތަށް އިރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މަޖުބޫރު ކުރުވުން ކަމުގައި ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.