ދުނިޔެ

ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު: ދުނިޔޭގައި މިކަން އޮތީ ކިހިނެތް؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ކަންތައް ކުރާ ގޮތް ނުވަތަ ގެންގުޅޭ ސިޔާސަތުތައް ކޮޕީކުރާކަށް ކޮންމެހެނެއް ނުޖެހެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކޮށް އުޅޭ ގޮތަށް ބަލައިލުމަކީ ވެސް ނެތް ކަމެއް ނޫނެވެ.

ރާއްޖޭގެ ރައީސް ކަމުގެ ރޭހަށް ނުކުމެ ވަޑައިގަންނަވާ ބޭފުޅާ އާއި ރަނިން މޭޓް "ސައިޒަކަށް ފެއްތުމަށް" ވަރުގަދަ އަރާރުމެއް މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުފާރުގެ ތެރޭގަ އާއި ގައުމުގެ ހުރިހާ ހިސާބެއްގައި ވެސް ފެށިފަ އެވެ. މައްސަލަ ހޫނުވެގެން އުޅެނީ ރައީސް އާއި ނާއިބު ރައީސްކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައަޅަން ހިފައިލުމުންނެވެ.

މިއޮތްހާ ދުވަހު ގާނޫނެއްގައި ކަނޑައެޅި ބަޔާންވެފައި އޮތީ ރައީސް ކަމުގެ ރޭހަށް ނުކުމެވޭނެ އުމުރަކީ 35 ކަމުގަ އެވެ. ނަމަވެސް ހުށަހަޅާފައިވާ އިސްލާހު އެގޮތަށް ފާސްވެއްޖެ ނަމަ މި އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ސެޓްވެ ނިމިގެންދާނީ އެވެ.

މި ބަހުސެއްގެ ފޯރި އިތުރަށް ގަދަވެގެން ދަނީ ވަކި މީހަކަށް ވެރިކަން ދޭން މި ބިލް ކޮށައި މަށާފައިވާ ކަމަށް ކުރެވޭ ތުހުމަތާއި ވަކި މީހަކަށް ރައީސް ކަމަށް ވާދަނުކުރެވޭނެ ގޮތް ހެދުމަށް މި ބިލް ތައްޔާރުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ. ކޮންމެއަކަސް އެ ޒުވާބަކާއި ވެރިކަމަށް ދަހިވެތިވެގެން އުޅޭ މީހުންތައް ހަވާސާ އަށް ކަހާލާފައި ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން އޮތް ގޮތަށް ބަލާލަމާ ހިނގާށެވެ.

"އޭޖު އޮފް ކެންޑިޑެސީ" ނުވަތަ އިންތިޚާބަކަށް ކުރިމަތިލުމަށް މިނިމަމް އޭޖެއް ކަނޑައެޅުމުގެ ބަހުސަކީ މުޅި ދުނިޔޭގައި ވެސް އެއް ދިމާލުން އަނެއް ދިމާލަށް ހިފައި ދަމަމުން ގެންދާ، ހިޔާލުތަފާތުވެފައި އޮތް މައްސަލަ އެކެވެ. މިއީ ތަފާތުކުރުމެއް ކަމަށް ބުނެ މި ޝަރުތު އުވާލުމަށް އެންމެ ބޮޑަށް އަޑުއުފުލާ ބަޔަކީ ޒުވާނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނެވެ.

ނަމަވެސް އުމުރުފުރާއެއް ކަނޑައަޅާފައި އޮންނަ އޮތުން އުވާލުމަށް ގޮވާލާ ޒުވާނުންގެ އަޑު އެއްވެސް ގައުމަކުން އަހާހެނެއް ހީއެއް ނުވެ އެވެ. އެންމެ ބޮޑު ގައުމުން ވެސް އަދި އެންމެ ކުޑަކޮށް މި އޮތް ރާއްޖެ އިން ހަދަނީ ހަމަ ހަދާނެ އެއްޗެކެވެ.

އެހެން ގައުމުތަކުގައި ރައީސް ކަމަށް ކުރިމަތިލެވޭ އުމުރުތަކުން ފަށައިގަންނައިރު އެންމެ ތަރައްގީވެފައި އޮތް އެމެރިކާ އިން ފަށައިގަންނަމާ ހިނގާށެވެ. އެމެރިކާގައި ރިއާސީ ޓިކެޓް ކާމިޔާބުކުރަން ބޭނުންވާ މީހާ އަށް މި ޓިކެޓް ލިބޭ އެންމެ ހަގު އުމުރަކީ 35 އަހަރެވެ. ނާއިބު ރައީސްގެ މަގާމު ފެށެނީ 30 އަހަރުން މަތީގެ މީހުންނާ ހިސާބުންނެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރަކީ 25 އަހަރެވެ. މީގެ އިތުރުން ދައުލަތުގެ އެހެން އޮފީސްތަކުގެ އިސް މަގާމުތަކަށް ވެސް އެމެރިކާގައި ވަކި އުމުރުފުރާއެއް ކަނޑައަޅާފައިވެ އެވެ. އެއީ 18 އަހަރު ފުރިފައިވުން ނުވަތަ 21 އަހަރު ފުރިފައިވުން މިއެވެ.

ނަމަވެސް އިނގިރޭސި ވިލާތުގައި މި އުސޫލު އޮތް ގޮތް ވަރަށް ވެސް ތަފާތެވެ. އެމީހުން ތަރައްގީކޮށްފައިވާ ވެރިކަމުގެ ނިޒާމަކީ ވެސް ތަފާތު ނިޒާމެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

އިނގިރޭސި ވިލާތުގައި އިންތިޚާބަކަށް ނުކުތުމަށް ކަނޑައަޅާފައިވާ އެންމެ ހަގު އުމުރަކީ 18 އަހަރެވެ. އަދި ސްކޮޓްލޭންޑްގައި 16 އަހަރު ފުރިފައިވާ ނަމަ އިންތިޚާބުގައި ވާދަކުރަންވީ އެވެ.

މިފަދަ ގޮތަކަށް އިނގިރޭސި ވިލާތުގެ އިންތިހާބުތަކުގައި އުމުރުގެ ޝަރުތު އޮތްއިރު މަގާމެއްގެ ގޮތުން ވެސް ވަކި އުމުރެއްގެ ކެންޑިޑޭޓަކަށް ވުމަށް މަޖުބޫރެއް ނުކުރެ އެވެ.

ޔޫރަޕްގެ އެހެން ގަދަ ބާރަކަށް ބަލާއިރު ފްރާންސްގައި ވެސް އޮތީ މި ގޮތެވެ. އުމުރުން 18 އަހަރު ފުރިފައިވާ ނަމަ ފްރާންސްގެ ރައީސް ކަމަށް ކުރިމަތިލެވެ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހަށް ވަދެވެނީ 24 އަހަރު ފުރިގެންނެވެ.

ދައުލަތުގެ މަގާމަކަށް އިންތިހާބުކުރާ ކެންޑިޑޭޓެއްގެ އާންމު އުމުރު ގިނަ ގައުމުތަކެއްގައި 18 އަހަރުން ފެށުނަސް ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރާއި މަޖިލީހަށް ކުރިމަތިލެވޭ އުމުރުތައް މަތިކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

މިސާލަކަށް އިޓަލީގައި ރިއާސީ ރޭހުން ހުއްދަ ލިބެނީ 50 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އަދި ސެނެޓަރަކަށް އިންތިހާބުވެވޭ އެންމެ ޒުވާން އުމުރަކީ 40 އަހަރެވެ. ނަމަވެސް ސަރަހައްދީ ކައުންސިލްތަކުގެ މަގާމުތަކަށް 18 އަހަރުގައި ވެސް މީހުން އިންތިހާބުކުރެވެ އެވެ.

އެމެރިކާ އާއި ޔޫރަޕް ދޫކޮށް އެމީހުންގެ ބޮޑު ހަތުރެއްގެ ގޮތުގައި އޮތް އީރާނަށް ބަލާލާއިރު 21 އަހަރު ފުރިފައިވާ ނަމަ އެގައުމުގައި ރިއާސީ ރޭހަށް ނުކުމެވިދާނެ އެވެ.

އެންމެ ބޮޑު މުސްލިމު އާބާދީއެއް އޮތް އިންޑޮނީޝިއާގައި ވެސް ޕްރެކްޓިސްކުރާ އުމުރަކީ 35 އަހަރެވެ. ރައީސް ކަމަށް އަދި ނާއިބު ރައީސް ކަމަށް ވެސް ވާދަކުރެވޭނީ 35 އަހަރުވެފައިވާ މީހުންނާއި އެ އަށް ވުރެ ދޮށީ މީހުންނަށް އެކަންޏެވެ.

ނައިޖީރިއާގައި ރިއާސީ ޓިކެޓްގެ އުމުރުގެ ޝަރުތު ފެށެނީ 40 އަހަރުންނެވެ. ޕާކިސްތާނުގައި ވެސް ރައީސްކަމަށް ކުރިމަތިލާ ނަމަ އެމީހަކު ވާން ޖެހޭނީ 40 އަހަރު ފުރިފައިވާ މީހަކަށެވެ. ތުރުކީގައި ވެސް އޮތީ 40 އަހަރުން ރިއާސީ ޓިކެޓް ހުއްދަވާ ގާނޫނެކެވެ.

މިފަދަ ގޮތަކަށް ގިނަ ގައުމުތަކުގައި އޭޖު އޮފް ކެންޑިޑެސީ ކަނޑައެޅިފައިވިޔަސް އުމުރުން މަތިވެގެން ގޮސް ރިއާސީ ޓިކެޓް ނުވަތަ އެހެން އިންތިހާބެއްގެ ފުރުސަތު ވެސް މީހަކަށް ގެއްލޭ ފަދަ ގާނޫނެއް މިއިން އެއްވެސް ގައުމެއްގައި ނެތެވެ.

އެހެންވީމަ ވަކި އުމުރަކަށް ވުރެ މައްޗަށް ދިޔައީމަ ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމަށް ގާނޫނެއް ތައްޔާރުކޮށްގެން އެ ގާނޫނެއް ފާސްކުރަން މި އުޅެނީ ރާއްޖޭގައި އެކަނި ހެއްޔެވެ؟

ފަހަރެއްގައި މިއީ ސިޔާސީ ބަދަލުހިފުމަކުން ފޯވެފައި އޮތް ބިލެއް ކަމަށް ބައެއް މީހުން ތުހުމަތުކުރަނީ ވެސް މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ. އުމުރު ދަށް ކުރުމަކުން އެއްވެސް ބައެއްގެ ޝަކުވާއެއް ނެތެވެ. މައްސަލައަކަށް ވެގެން އުޅެނީ ވަކި ހިސާބަކުން ބްލޮކްކުރާތީ އެވެ.