overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރަން އުޅޭކަމުގެ އިޝާރާތެއް!

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން އާއި ވެރިކަން ކުރާ ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕުން ގަބޫލުކޮށްފައިވަނިކޮށް އެ ފަރާތްތަކުން އެ ނަތީޖާ ގަބޫލުނުކޮށް އެ ނަތީޖާއާ މެދު ސުވާލު އުފައްދަން އުޅޭކަމަށް އަޑުތައް ފެތުރިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ، މި އަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 262،135 މީހުންގެ ތެރެއިން ވޯޓު ލި މީހުންގެ، 58 އިންސައްތައާއެކު ޖުމްލަ 134,616 ވޯޓު ކާމިޔާބުކޮށްގެންނެވެ. މި ވޯޓުގައި މިހާރު ވެރިކަމުގައި ހުންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،132 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

އެ ނަތީޖާއަށް ފަހު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނެ ކަމަށް ބުނެފަ އެވެ. އަދި ރައީސް ޔާމީން ވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ބައްދަލު ކުރައްވައި ވަނީ އެ ނަތީޖާ ގަބޫލު ކުރައްވައި، މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެކަން އާންމުންނަށް އިއުލާން ކުރައްވައިފަ އެވެ.

އެގޮތަށް އެކަން ގަބޫލުކޮށްފައިވަނިކޮށް އިންތިހާބުގެ ނަތީޖާއާމެދު ސުވާލު އުފައްދައި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އެޕާޓީގެ ޕީޖީ ގްރޫޕްގެ ރަސްމީ ވައިބާ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްގެސްކުރީން ޝޮޓްތަކެއް ވަނީ ލީކްވެފަ އެވެ.

އެ ސްކްރީން ޝޮޓްތަކުގައި ނިހާން ވިދާޅުވެފައިވަނީ، "ހަބަރުތައް ހުރީ ކުރިއަށް" ކަމަށެވެ. އިންތިހާބަށް ގެޒެޓް ކުރި ވޯޓާސް ލިސްޓްގައި ނަން އޮވެ، ވޯޓްލާން ދިޔަ އިރު އެހެން ތަނަކަށް ބަދަލުކޮށްފައިވުމުގެ ސަބަބުން ވޯޓްނުލެވުނު ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ.

މެންބަރުން އެކަން ޗެކްކޮށް ދާއިރާތަކުގެ އެފަދަ މައްސަލަތައް ވަރަށް އަވަހަށް ޕާޓީ އޮފީހަށް ފޮނުއްވައިދެއްވާ ޕާޓީ އޮފީހަށް އެބާވަތުގެ ކަންކަން އެންގުމަށް ނިހާން އެދިވަޑައިގެންނެވި އެވެ.

މިކަމާ ގުޅިގެން ނިހާންގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި ވަޓްސް އެޕް އިން ކުރި މެސެޖް ސީން ކުރި ނަމަވެސް އެއަށް ރިޕްލައި ކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ތުހުމަތު ކުރަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރުމަށް ރައީސް ޔާމީންއަށް ދެންނެވުމަށް ބައެއް ކުންފުނިތަކުގެ މުވައްޒަފުން ލައްވައި ޕެޓިޝަނެއްގައި ބައެއް އޮފީސްތަކުގެ ވެރިން ސޮއިކުރަމުން އަންނަ ކަމަށެވެ.

އެ ސްކްރީން ޝޮޓާއި ގުޅިގެން އިދިކޮޅު ބައެއް މެންބަރުން އަންނަނީ ނިހާނަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ރައްޔިތުން ސާފު ބަހުން ނޫނެކޭ ބުނެފައިވަނިކޮށް ޕީޕީއެމުން އުޅެނީ ބޮޑާ ހާކައި ބަލި ގަބޫލު ނުކުރަން ކަމަށެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ގަބޫލު ކުރުމަށް ފަހު ދެން އެ ނަތީޖާ ގަބޫލު ނުކުރަން އެކި ބަހަނާތައް ދައްކައި އިންތިހާބު ބާތިލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، އިންތިހާބުގެ ނަތީޖާއަށް ހަދަން އުޅެނީ އެކެއް ފެބްރުއަރީގެ އަމުރަށް ހެދިގޮތް ކަމަށެވެ. އެކަން ކުރިޔަ ނުދޭނެ ކަމަށެވެ. ރައްޔިތުންވެސް އެކަމާ ދެކޮޅު ހަދާނެ ކަމަށާއި ރައީސް އަބުދުﷲ ޔާމީން އަކީ ވެރިކަމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބޭފުޅެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާއާމެދު ޕީޕީއެމުން ސުވާލު އުފައްދަން އުޅޭ ކަމުގެ ކަންތައްތަކެއް ފެންމަތިވެފައިވާއިރު، އިލެކްޝަން ކޮމިޝަނުން ވަނީ ނަތީޖާއަށް ބަދަލު އަންނަފަދަ ޝަކުވާއެއް ލިބިފައިނުވާ ކަމަށް ބުނެފަ އެވެ. އަދި އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާން ކުރާނެ ކަމަށްވެސް އީސީން މިއަދު ބުންޏެވެ. ދުނިޔޭގެ އެކި ގައުމުތަކުން ވެސް އަންނަނީ އިންތިހާބުގެ ވަގުތީ ނަތީޖާ ބަލައިގަނެ، އިންތިހާބީ ރައީސް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަމުން އެވެ.