overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނަތީޖާ ވަނީ ގަބޫލުކޮށްފައި، އެއަށް ބަދަލެއް ނުގެނެވޭނެ: މާރިޔާ

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ސަރުކާރުން ގަބޫލުކޮށްފައިވަނިކޮށް، އެ ނަތީޖާ ބަދަލު ކުރަން މަސައްކަތް ކުރަމުން އަންނަކަމުގެ އަޑު ފެތުރިފައިވާ ކަމަށާއި ނަމަވެސް އެނަތީޖާ ބަދަލު ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީންވެސް ވަނީ ނަތީޖާ ވަރަށް ސާފުކަމަށް ވިދާޅުވެ ނަތީޖާ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ބަލި ގަބޫލު ކުރުމަށްފަހު އެހެން ގޮތަކަށް ނަތީޖާ ބަދަލު ކުރުމަކީ ކުރެވޭނެ ކަންަމެއް ނޫން ކަމަށެވެ.

"ހަގީގަތުގައި މިހާ ހިސާބަށް އާއިރުވެސް ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެހެން މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކައި ބަލިވިޔަސް ހުވާ ކުރައްވާނީ ރައީސް ޔާމީނޭ ކިޔައިގެން ދައްކާ ވާހަކަތަކައިން އާންމުންނަށް ހީވާއެއްޗެއް އެއީ އެހެން ގޮތަކަށް އެކަން ކުރެވިދާނޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އިލެކްޝަނެއް ނިމި ރައްޔިތުންގެ ބަސް ވަރަށް ސާފުކޮށް ވަނީ ބުނެފައި ކަމަށާއި އެކަން ބަދަލު ވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެންމެނަށްވެސް، ރައީސް ޔާމީނަށްވެސް ވޯޓްގެ ނަތީޖާ ވަރަށް ސާފުކަމާއި ވޯޓްގެ ނަތީޖާ ގަބޫލުފުޅު ކުރައްވައިފިކަން ވިދާޅުވެފަ އޮތީ، ދެން އިތުރު ޖާގައެއް ނެތް އެކަން އެހެން މަރުހަލާއަކަށް ދިއުން ނުވަތަ އެހެން ވާހަކައެއް ދައްކާކަށް، ހަމަ ރީއްޗަށް އެއޮތީ ވޯޓްގެ ކަންކަން ނިމިފަ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިގޮތަށް ވިދާޅުވެފައިވަނިކޮށް، ޕީޕީއެމުން އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް އެ ނަތީޖާއާ މެދު ސުވާލު އުފައްދަން އުޅޭކަމަށް އަޑުތައް ވަނީ ފެތުރެން ފަށާފަ އެވެ. އެގޮތުން އިންތިހާބުގެ ނަތީޖާއާމެދު ސުވާލު އުފައްދައި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އެޕާޓީގެ ޕީޖީ ގްރޫޕްގެ ރަސްމީ ވައިބާ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްގެ ސްކުރީން ޝޮޓްތަކެއް ވަނީ ލީކްވެފަ އެވެ.

އެ ސްކްރީން ޝޮޓްތަކުގައި ނިހާން ވިދާޅުވެފައިވަނީ، "ހަބަރުތައް ހުރީ ކުރިއަށް" ކަމަށެވެ. އިންތިހާބަށް ގެޒެޓް ކުރި ވޯޓާސް ލިސްޓްގައި ނަން އޮވެ، ވޯޓްލާން ދިޔަ އިރު އެހެން ތަނަކަށް ބަދަލުކޮށްފައިވުމުގެ ސަބަބުން ވޯޓްނުލެވުނު ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ.

މެންބަރުން އެކަން ޗެކްކޮށް ދާއިރާތަކުގެ އެފަދަ މައްސަލަތައް ވަރަށް އަވަހަށް ޕާޓީ އޮފީހަށް ފޮނުއްވައިދެއްވާ ޕާޓީ އޮފީހަށް އެބާވަތުގެ ކަންކަން އެންގުމަށް ނިހާން އެދިވަޑައިގެންނެވި އެވެ.

އިންތިހާބުގެ ނަތީޖާއާމެދު ޕީޕީއެމުން ސުވާލު އުފައްދަން އުޅޭ ކަމުގެ ކަންތައްތަކެއް ފެންމަތިވެފައިވާއިރު، އިލެކްޝަން ކޮމިޝަނުން ވަނީ ނަތީޖާއަށް ބަދަލު އަންނަފަދަ ޝަކުވާއެއް ލިބިފައިނުވާ ކަމަށް ބުނެފަ އެވެ. އަދި އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާން ކުރާނެ ކަމަށްވެސް އީސީން މިއަދު ބުންޏެވެ. ދުނިޔޭގެ އެކި ގައުމުތަކުން ވެސް އަންނަނީ އިންތިހާބުގެ ވަގުތީ ނަތީޖާ ބަލައިގަނެ، އިންތިހާބީ ރައީސް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަމުން އެވެ.