ރިޔާސީ އިންތިހާބު ބާތިލުކުރުމަށް އެއްވެސް މައްސަލައެއް ހައިކޯޓަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް އެ ކޯޓުން މިރޭ ބުނެފި އެވެ.
އިންތިހާބުގައި ނާކާމިޔާބުވި، ޕީޕީއެމްއިން ހައިކޯޓަށް މިއަދުގެ ވަގުތެއްގައި އިންތިހާބު ބާތިލްކުރުމަށް މައްސަލައެއް ހުށަހަޅާފައިވާ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ ގަދަވެފަ އެވެ.
ނަމަވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އިންތިހާބު ބާތިލުކުރަން ހައިކޯޓަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ. ހައިކޯޓަށް ޕީޕީއެމްއިން މައްސަލައެއް ހުށަހަޅާފައިނުވީ ނަމަވެސް އެ ޕާޓީން ވަނީ އިންތިހާބާ ގުޅޭ ޝަކުވާތަކެއް އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅާފަ އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިރޭ އަވަސްއަށް ވިދާޅުވީ، ޕީޕީއެމްއިން މިއަދުގެ ވަގުތެއްގައި އިންތިހާބާ ގުޅޭ ޝަކުވާތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތައް ހުރުމުން ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްކުރުމަށް އެދިފައިވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ވަގުތީ ނަތީޖާ އިއުލާންކުރާތާ ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރަންޖެހޭނެ އެވެ. އޭގެ މާނައަކީ އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިއުލާންކުރުން ގާނޫނުން ލާޒިމްވާނެ ކަމެވެ.
ޝަރީފު ވިދާޅުވީ ހުރިހާ ވޯޓު ފޮއްޓެއް މިހާރު އިލެކްޝަން ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ނަތީޖާ ޝީޓްތައް ބަލައި މިހާރު ދާއިމީ ނަތީޖާއަށް ތައްޔާރުވަމުންދާ ކަމަށެެވެ. މާދަމާ އިލެކްޝަން ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި ދާއިމީ ނަތީޖާ އިއުލާން ކުރާނެ ދުވަހަކާ ގުޅޭ ގޮތުން ގޮތް ނިންމަވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ޕީޕީއެމްއިން މިއަދު ހުށަހެޅި ޝަކުވާތަކަކީ އިންތިހާބަށް އަސަރުކުރާ ވަރުގެ ޝަކުވާތެއްތޯ ބަލައި، އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން އިލެކްޝަން ކޮމިޝަނުން ކުރަމުންދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ނަތީޖާ އިއުލާން ކުރުން ލަސްކުރަން ޕީޕީއެމްއިން އެދިފައިވީ ނަމަވެސް ގާނޫނީ މުއްދަތަށްވުރެ ފަސްނުކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަންނަ އާދިއްތަ ދުވަހުގެ ކުރިން ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޕީޕީއެމްގެ ބަހެއް ހޯދުމަށް އެ ޕާޓީގެ އެސްޖީ އަބްދުﷲ ހަލީލަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ޕީޕީއެމްގެ ފަރާތުން އިންތިހާބު ބާތިލުކުރުމަށް ހައިކޯޓަށް މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށް މީގެކުރިން އަޑު ފެތުރުނެވެ. ނަމަވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައި ނެތް ކަމަށެވެ.
ދެ ކެންޑިޑޭޓުން ވާދަ ކުރެއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިންތިހާބުގައި ވޯޓްލީ، 233،877 މީހުންގެ ތެރެއިން 134،616 ވޯޓް ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއަށް ލިބިލެއްވީ، 96،132 ވޯޓެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ، 262،135 މީހުންއަށެވެ.
އެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން އާއި ވެރިކަން ކުރާ ޕީޕީއެމްއިން ވެސް ވަނީ ރަސްމީކޮށް ގަބޫލުކޮށް، އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވައިފަ އެވެ.