overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އާދަމް ޝަރީފު އުމަރު

ގާނޫނީ ގޮތުން އިންތިހާބުވި ސަރުކާރު އެކުލަވާލަން ސިފައިން އެހީވާނެ: ޑިފެންސް މިނިސްޓަރު

ރައްޔިތުންގެ ވޯޓުން އިންތިހާބުކުރި ސަރުކާރު އެކުލަވާލުން އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ސިފައިން އެހީވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް އުމަރު މިރޭ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް އަދި އިންތިހާބުގެ ވަގުތީ ނަތީޖާގެ ފަހުން ވެސް ގައުމުގެ އަމާންއަމާންކަން ބެލެހެއްޓުމުގައި ސިފައިން ދާނީ ވަރަށް ޕްރޮފެޝަނަލްކަމާއެކު ހަރަކާތްތެރިވަމުން ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ޓްރާންސިޝަން އަމާންކަމާއެކު ކުރިއަށް ގެންދިޔުމުގައި ވެސް ސިފައިން އެހީތެރިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގަިއ ދިވެހި ސިފައިން ރައްޔިތުންނާއެކު ތިބޭނެ ކަމަށާއި ގާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެކަން ސިފައިން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭ ސަލާމަތީ ބާރުތަކުން ވަނީ ރައްޔިތުންގެ އިންތިހާބުގައި ނިންމި ނިންމުން ދަހަމައްޓާނެ ކަމަށް ބުނެފަ އެވެ. އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މިރޭ ވިދާޅުވީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ފުލުހުން ދަމަހައްޓާނެ ކަމަށާއި އެކަމަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ނަވާޒު މިރޭ އެހެން ވިދާޅުވިއިރު ޗީފް އޮފް ޑިފެންސް ފޯމް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވެސް މިރޭ ވަނީ އެފަދައިން ވިދާޅުވެފަ އެވެ. އިންތިހާބުގައި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި އެ ނިންމުން ސިފައިން ދަމަހައްޓާނެކަން އެއީ ކަށަވަރު ކަމެއް ކަމަށް ޝިޔާމް މިރޭ ވިދާޅުވެފައިވެ އެވެ.

ސަލާމަތީ ބާރުތަކުން މިހެން ބުނީ އިންތިހާބު ބާތިލްކުރަން އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރައްވާ ކަމަށް ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން އަޑުތައް ފަތުރާފައިވަނިކޮށެވެ.

ޕީޕީއެމްއިން މިއަދު ވަނީ އިންތިހާބީ ޝަކުވާތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައި ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރުމަށް އެދިފަ އެވެ. ނަމަވެސް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތަށްވުރެ ނަތީޖާ އިއުލާންކުރުން ފަސް ނުކުރާނެ ކަމަށެވެ. އިންތިހާބު ބާތިލްކުރަން މިއަދު ހައިކޯޓަށް ޕީޕީއެމްއިން މައްސަލައެއް ހުށަހެޅި ކަމަށް ވެސް އަޑު ފެތުރުނެވެ. ނަމަވެސް އެ ކޯޓުން މިރޭ ބުނީ އެފަދަ މައްސަލައެއް މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށެވެ.

ދެ ކެންޑިޑޭޓުން ވާދަ ކުރެއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިންތިހާބުގައި ވޯޓްލީ، 233،877 މީހުންގެ ތެރެއިން 134،616 ވޯޓް ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއަށް ލިބިލެއްވީ، 96،132 ވޯޓެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ، 262،135 މީހުންއަށެވެ.

އެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން އާއި ވެރިކަން ކުރާ ޕީޕީއެމްއިން ވެސް ވަނީ ރަސްމީކޮށް ގަބޫލުކޮށް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވައިފަ އެވެ.