ހަބަރު

ޕީޕީއެމް ކޮންގްރެސް ހުއްޓުވަން ވަގުތީ އަމުރަކަށް އެދިއްޖެ

Sep 27, 2018
1

ޕީޕީއެމްގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލިސް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާތީ، އެކަން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޕީޕީއެމްގެ ހިންގުން ޕާޓީގެ މުޝްތަރާއި ހަވާލުކުރަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ކަނޑައެޅި އުސޫލާއި، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ކައުންސިލުން ހިންގުން މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ކައުންސިލުގެ އެ ނިންމުން ބާތިލުކުރުމަށް ހުށަހެޅިފައިވާ މައްސަލާގައި، އެ ނިންމުން ބާތިލުކޮށްފިނަމަ، ޕާޓީގެ ގައުމީ މަޖިލީހުގައި ނިންމާ ނިންމުންތައް ވެސް ބާތިލުވާނެތީ، ޕާޓީއަށާއި މެމްބަރުންނަށް އިއާދަނުކުރެވޭނެ ގެއްލުން ވާނެތީ، ޕާޓީގެ އެންމެހާ ހަރަކާތްތަކާއި، ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ބޭއްވުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ޔުމްނާ ވަނީ އެދިފަ އެވެ.

ސިވިލް ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރަކަށް ޔުމްނާ އެދިވަޑައިގެންފައިވާއިރު، އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ ކޮންގްރެސް ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގެންފަ އެވެ.

ކޮންގްރެސް އާއި ގުޅިގެން ޕީޕީއެމްއިން ބުނެފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ގައުމީ ޖަލްސާއެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާތީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު މާލޭގައި ގައުމީ ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ. ގައުމީ ޖަލްސާއެއް ބޭއްވުމަށް އެޕާޓީން ނިންމާފައިމިވަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ އެ ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕާޓީތަކުގެ ގައުމީ ޖަލްސާ ބޭއްވުމަށް ގާނޫނު ލާޒިމްކުރާއިރު ޕީޕީއެމްގެ ގައުމީ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޖަލްސާގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޕާޓީގެ ރައީސްއެއްގެ ގޮތުގައި އިންތިހާބުކޮށްފަ އެވެ.

ނަމަވެސް ޕާޓީއިން އެމަނިކުފާނު މިހާރު ވަނީ ވަކިކޮށްފަ އެވެ. ގައުމީ ޖަލްސާގެ ބަހެއް ނެތި އެމަނިކުފާނު މަގާމުން ވަކިކުރީ ޕާޓީގެ ކައުންސިލުންނެވެ. ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ސިވިލް ކޯޓުން ވެސް ހުކުމްކުރި އެވެ.

ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރި ސިވިލް ކޯޓުގެ ހުކުމްގައި ޕާޓީގެ ގައުމީ ޖަލްސާއެއް ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އެ ހުކުމާ އެއްގޮތަކަށް ގައުމީ ޖަލްސާއެއް މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.