overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ކޮލަމް

ކޮލަމް ފޮޅުވަތް - ހޯހޯ! ރައްޔިތުންގެ ނިންމުން ގަޑުބަޑު ކުރަން ނޫޅޭ!

ސެޕްޓެމްބަރު 23 ވަނަ ދުވަހު ނެގި ވޯޓްގެ ކަންތައްތައް ހިނގީ އެންމެންގެ ކުރިމަތީގައި ރޯމާ ދުވާލު އެވެ. ފަރުދާގެ ފަހަތުގައި ފޮރުވިގެން އެއްވެސް ކަމެއް ނުދެ އެވެ. ވޯޓްލާން އަންނަ މީހުންގެ މައުލޫމާތު ބަލައި ވޯޓްލުމުގެ ފުރުސަތު ދެމުން ދިޔައީ އެންމެންގެ ކުރިމަތީގަ އެވެ. ފާހަގަ ޖަހާ ބޫތަށް ވަދެ ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި އެ ކަރުދާސްކޮޅު ފޮއްޓަށް ވައްޓާލީ އެތައް ލޯތަކެއްގެ ކުރިމަތީގަ އެވެ. ފޮށި ކަނޑައިގެން ވޯޓްތައް ގުނައި ނަތީޖާ އިއުލާން ކުރީ ދެ ޕާޓީގެ މަންދޫބުންގެ ވެސް ކުރިމަތީގައި އާންމުކޮށް ފެންނަ ގޮތަށެވެ. އެއަށް ފަހު ނިކުތް ނަތީޖާ، ހުދު ރައީސް އަބްދުﷲ ޔާމީން އާއި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަބޫލު ކުރައްވައި ދެބޭފުޅުން ބައްދަލުވެސް ކުރައްވައިފަ އެވެ.

އެ ނަތީޖާ ރައްޔިތުން ނެރުނީ ބޮޑު ގުރުބާނީއެއް ވެގެން އެވެ. ދިގު ކިޔޫތަކުގައި އެތައް ގަޑިއިރަކު ތިބެގެން އެތައް ލައްކަ ރައްޔިތުންނެއް ފޮށިތަކަށް ވޯޓްއެޅި އެވެ. ބައެއް މީހުން ދިގު ކިޔުތަކުގައި ތިބެ ފުންނާބަށް ލޭއެރިއިރުވެސް ގެއަށް ދިޔައީ ވޯޓްލައިފަ އެވެ. ކިޔޫ ދިގުވެ، ގިނައިރު ކޮޅަށް ތިބެން ޖެހުމުން ދުވަސްވީ މީހުންނާއި ބައެއް އަންހެނުން އަނބުރައިގަނެގެން ވެއްޓި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އެ ހާލަތުގައި ވެސް މީހުން ތިބީ މިފަހަރު ވޯޓްލާފައި ނޫނީ ގެއަށް ނުދާށެވެ. މިއީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ބަސް ބުނަން ލީ ގަދަ ހިތްވަރާއި ޖޯޝާއި ފޯރި އެވެ.

ރައްޔިތުންގެ ނިންމުން ނިންމިތާ މިއަދަށް ބަރާބަރު 11 ދުވަސް ފުރިހަމަވީއިރު، ޝަކުވާތަކެއްގެ އަޑު އިވެން ފެށީ މި ދެތިން ދުވަހެއްގަ އެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރިތާ މިއަދަަށް ތިން ދުވަސްވީއިރުވެސް އެކަހަލަ ޝަކުވާތަކެއް ނެތެވެ. ހުދު ޕީޕީއެމްގެ ލީޑަޝިޕުން ވެސް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަރުހަބާ ކިޔައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަން ނިންމައިފަ އެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރާގު އިއްޔެއިން ފެށިގެން ކުއްލިއަކަށް ބަދަލުވީ، އިލެކްޝަންސް ކޮމިޝަންގެ ރައިސް އަހުމަދު ޝަރީފް އާއި އެ ކޮމިޝަންގެ މެންބަރުން އިންތިހާބުގައި ބޮޑެތި ގޯސްތަކެއް ހަދާފައި ހުރި ކަމަށް ވިދާޅުވަމުންނެވެ. އީސީގެ ޝަރީފްގެ އޯޑިއެއް ލީކްކޮށް ސާބިތުކޮށް ދޭން ޕީޕިއެމްއިން މަސައްކަތް ކުރީ، ވޯޓް އޮޅުވާލި ކަމަށެވެ. އަދި އެކަމަށް ބާރުދޭން ރައީސް ޔާމީން މަދު ބަޔަކާ އެކު މަގުމައްޗަށް ނިކުންނަވާ، އީސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެމަނިކުފާނަށް އެއަށް ވުރެ ގިނައިން ވޯޓް ލިބޭނެ ކަމަށް އަޑަށް ބާރުލާފައި ވިދާޅުވި އެވެ. އަދި މުޒާހަރާ މުޅި ރާއްޖޭގައި ކުރުމަށް އަޑުއުފުއްލެވި އެވެ. މިއީ، "ރައްޔިތުންގެ ނިންމުން ސާފުވެއްޖެ" ކަމަށް ވިދާޅުވެ
އިންތިހާބުގައި ބަލި ގަބޫލު ކުރެއްވި ރައީސްގެ ހާލަތު ހުރިގޮތެވެ.

މަންޒަރު ފެންނަ ފެނުމަށް މިއީ، އިންތިހާބުގެ ރަސްމީ ނަތީޖާ ވެސް އިއުލާން ކުރި ފަހުން އިންތިހާބާ މެދު ޝައްކު އުފެއްދުމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ރާވަމުންދާ ހީލަތްތެރި ރޭވުމުގެ ބޮޅެކެވެ. މިއީ ހަމަ ސީދާ ރައްޔިތުންގެ ނިންމުން ގަޑުބަޑު ކުރުމަށް ރައީސް ޔާމީން ޖައްސަވާ ވަރުގަދަ މަޅިއެއް ނޫން ހެއްޔެވެ؟ ޝަރީފް ވާހަކަ ދައްކަވާ އޯޑިއޯގެ ފުނަށް ވިސްނާއިރު އޭގެން އެނގުނު އެއް ކަމެއް އެބަ އޮތެވެ. މިނިވަން މުއައްސަސާއެއްގެ ވެރިއަކަށްވެ ހުރެވެސް ޝަރީފް އާއި ރައީސް ޔާމީންއާ ދެމެދު އޮތް ގާތްގުޅުމެވެ. އަނެއް ކަމަކީ ރައީސް ޔާމީން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެތީ ޝަރީފް ހުންނެވީ ގަންނާ ކުރައްވާ ބިރުންނެވެ. ހަގީގަތުގައި އޯޑިއޯއިން ސާފުކޮށްދިން ބޮޑު މަންޒަރަކީ އެއީ އެވެ. އީސީ މެންބަރުންގެ މައްޗަށް އޮތް ބޮޑު ބިރަކީ ރައީސް ޔާމީނެއް ނޫން ހެއްޔެވެ؟ ވަކި ގޮތަކަށް ކުރި ކަމެއް ރައީސްއަށް އެނގިދާނެތީ ޝަރީފް އުޅުއްވަނީ ބިރުންނެވެ. ބުއްދީގެ ހަމައިން ވިސްނާނަމަ، ރައީސް ދެކެ އީސީގެ ޝަރީފް އެވަރުގެ ބިރެއް ގަންނަން ޖެހޭ ސަބަބުތައް ހަމަ ބައިވަރެވެ.

ޝަރީފް މިއަދު "ވަގަކަށްވީ" ނަމަވެސް، އޭނާ މަގާމަށް ވަޑައިގަތީ ވެސް ސީދާ ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު އޮތް ބޭފުޅަކު ގޮނޑީގައި ބޭންދުމުގެ ޕްލޭންގަ އެވެ. އެކަން ސާފު ވަނީ ޝަރީފް މަގާމަށް ހަމަޖެއްސުމުގެ މަރުހަލާ ދިޔަލެއް އަަވަސް ކަމުން އެވެ. ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުރި، ޝަރީފްގެ ނަން އީސީގެ މެންބަރަކަށް ހަމަޖެއްސުމަށް ރައީސް މަޖިލީހަށް ފޮނުއްވުމާ އެކު ހަމަ އެ ދުވަހުން ދުވަހަށް ޕީޕީއެމްގެ މެންބަރުން މަޖިލީހުގެ ތެރެއިން ވޯޓް ނަގައި ޝަރީފްގެ ނަން ފާސްކޮށްދިނެވެ. ނަން ފާސްކުރިތާ ހިނދުކޮޅެއްގެ ތެރޭގައި ރައީސްގެ ކުރިފުޅު މަތީގައި ޝަރީފް މަގާމުގެ ހުވާ ކުރެއްވި އެވެ. ގަޑިއެއްހާއިރުގެ ތެރޭގައި އީސީގެ ބައްދަލުވުމެއް ބާއްވައި ޝަރީފް ރައީސަކަށް ހަމަޖެއްސިކަން އީސީ އިން އިއުލާން ކުރި އެވެ. މި ހުރިހާ ކަމެއް ހިނގީ ހަމަ އެންމެ ދުވަހެއްގެ ތެރޭގަ އެވެ. އެ މަރުހަލާ މިހާ އަވަސް އަރުވާލައިގެން ގެންދިޔައީ، ކުރިމަތީގައި ރިޔާސީ އިންތިހާބު އޮވެ ނުފޫޒު ފޯރުމުގެ ބޭނުމުގައި ކަމަށް އޭރުވެސް އިދިކޮޅުން ތުހުމަތު ކުރި އެވެ. އިންތިހާބުގެ ތެރޭގައި އީސީ އާއި ސަރުކާރުން ގުޅިގެން ކަންތައްގަނޑެއް ހިންގަން އުޅުނު ކަމަށް އިދިކޮޅުން ވެސް ތުހުމަތު ކުރަން ފެށީ އެ ސަބަބުތައް ހުރީމަ އެވެ.

އިންތިހާބުގެ ނަތީޖާގައި އިބްރާހިމް މުހައްމަދު ސޯލިހު ތަނަވަސްބޮޑު ކާމިޔާބެއް ރައީސް ޔާމީންގެ މައްޗަށް ހޯއްދެވި ނަމަވެސް، އެ ހިސާބަށް އަންނަން އިދިކޮޅުން ކުރަން ޖެހުނު ދަތުރު ވަރަށް ވެސް އުނދަގުލެވެ. ރީ ރަޖިސްޓްރޭޝަންގެ ތެރޭގައި އެތައް އޮޅުން ބޮޅުންތަކެއް ހިނގި އެވެ. އެކަމަކު އެ ހުރިހާ ހުރަސްތަކެއް ގިރާކޮށް އިދިކޮޅު ފަރާތްތަކުން ރީ ރަޖިސްޓްރޭޝަންގެ މަރުހަލާ ވެސް ނިންމާލީ ހިތްހަމަ ޖެހިގެން ތިބެ އެވެ. ދެން ކުރިމަތިވީ އެންމެ ބޮޑު މައްސަލަ އެވެ. ވޯޓް ގުނުމާއި ވޯޓް ނަގާދުވަހުގެ އިދާރީ ކަންކަމަށް އީސީއިން ކުއްލި ބަދަލުތައް ގެންނަން ފެށި އެވެ. ވޯޓްލާން ދާ މީހުންގެ ވޯޓާސް ރެޖިސްޓްރީ ޓެބްލެޓް މެދުވެރިކޮށް ޗެކް ކުރުމާއި، ވޯޓް ގުނާ އުސޫލަށް ކުއްލި ކުއްލިއަށް ބަދަލު ގެނައުން ފަދަ އެތައް މައްސަލަތަކެއް ފެންމަތިވާން ފެށި އެވެ. ފާޅުގައި ރައީސް ޔާމީންގެ ކެމްޕޭންގައި އުޅެމުން ދިޔަ އެތައް ބައެއް ވޯޓް ނަގާ ދުވަހު ޕޯލިން ސްޓޭޝަންގެ އޮފިޝަލުންގެ ގޮތުގައި ހަމަޖައްސަމުން ދިޔަ އެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު ވެރިކަން ކުރާ ޕީޕީއެމްގެ އެއްވެސް ޝަކުވާއެއް ނެތެވެ. އީސީގެ މި ހުރިހާ އަމަލުތައް ޕީޕީއެމްއިން ދިޔައީ ހިމާޔަތް ކޮށްދެމުން އެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން ދޫ ނުދީ، މަސައްކަތް ކުރީ، ކުރީގެ އިންތިހާބުތަކާ އެއްގޮތަށް އެ ޕްރޮސެސްއަށް ބަދަލު ނުގެނެސް ވޯޓް ގުނުމުގެ މަރުހަލާ ކުރިއަށް ގެންދާށެވެ. އިދިކޮޅުގެ ޝަކުވާތަކާ އެކު ވޯޓް ގުނުމުގެ ތެރޭގައި ޓެބްލެޓް ނުގެންގުޅެން އީސީއިން އެއްބަސްވި އެވެ. އަދި ކުރިން ވެސް އޮންނަ ގޮތަށް ވޯޓް ގުނުމުގެ ކަންކަން ހާމަޔަށް ގެންދަން އީސީއިން އެންމެ ފަހުން ދޫދިނެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ޕީޕީއެމްގެ ޝަކުވާއެއް ނެތެވެ. އެ މީހުން ތިބީ ހިތްހަމަ ޖެހިލައިގެންނެވެ. ރީ-ރަޖިސްޓްރޭޝަނަށް ފަހު ނެރުނު ވޯޓާސް ލިސްޓްތަކުގައި އީސީއިން ހަމަ ބުނުމާ އެކު ގޮސް އެ ޕާޓީއިން ސޮއިކޮށްލި އެވެ. އެމްޑީޕީ އިން ވެސް ވަރަށް ރަނގަޅަށް ދެ ލިސްޓް އަޅައި ކިޔާ ސޮއިކުރި އެވެ. ސޮއި ކުރި ވޯޓާސް ލިސްޓްގެ ކޮޕީއެއް ހޯދަން އެމްޑީޕީއިން އެދުނު ނަމަވެސް އީސީއިން އެކަން ވެސް ކޮށެއް ނުދިނެވެ. ވޯޓް ނެގީވެސް އިދިކޮޅު ފަރާތްތަކުން އެ ޝަކުވާގާ ތިއްބަ އެވެ. އެކަމަކު ރީރަޖިސްޓްރޭޝަނާ ވޯޓާސް ލިސްޓާ މެދު ޕީޕީއެމްގެ އެއްވެސް ޝަކުވާއެއް ހަމަގައިމު އޭރަކު ނެތެވެ.

އިންތިހާބުގެ ހުރިހާ ކަމެއް ބުރަވަމުން ދިޔައީ، ޕީޕީއެމްއާ އެއްކޮޅަށެވެ. ޕޯލިން ސްޓޭޝަންތަކުގައި ތިބި އީސީގެ އޮފިޝަލުންގެ 90 ޕަސެންޓަކީ ޕީޕީއެމްގެ ހަރަކާތްތަކުން ފެންނަ މޫނުތަކެވެ. ހާއްސަކޮށް ވޯޓްލާން ދާ މީހުންގެ ރަޖިސްޓްރީ ޗެކްކޮށް ހުއްދަ ދޭން ތިބީ، ރައީސް ޔާމީންގެ ކެމްޕޭންގައި ފާޅުގައި އުޅެފައި ތިބި މީސްމީހުންނެވެ. ވޯޓް ކަރުދާސްކޮޅު ދިއްކޮށްލައި އިނގިލީގައި ފާހަގަ ޖަހައި ވޯޓް ފޮށި ހުޅުވަން ތިބީ ވެސް ޕީޕީއެމްގެ ހަރަކާތްތަކުން ފެނުނު މީހުންނެވެ. ފެންނަ ފެނުމަށް މުޅި ނިޒާމު ރާވައި ބައްޓަން ކޮށްފައި އޮތީ އިންތިހާބުގެ ކަންކަން ޕީޕީއެމްއަށް ބުރަވާ ގޮތަށެވެ.

ޕީޕީއެމްގެ ކޮޅަށް ބުރަވާ ގޮތަށް ރޭވިގެން އައި މި އިންތިހާބުގެ ވޯޓްލުމުގައި މައްސަލަތަކެއް ކުރިމައްޗެއް ނުވި އެވެ. ދިޔައީ ވަރަށް އޮމާންކަމާ އެކު އެވެ. ހަމަނުޖެހުންތަކެއް ނުހިނގަ އެވެ. އިދިކޮޅު ފަރާތްތަކުން ވެސް އެދުވަހު ޝަކުވާއެއް ނުކޮށް ތިބީ މަޑުމަޑުން އެވެ. ގިނަ ވޯޓިން ސްޓޭޝަންތަކުގައި ބަރާބަރު ވަގުތަށް ވޯޓްލުން ފެށުނެވެ. އިދާރީ އެކިކަންކަން ފުރިހަމަ ނުވެގެން އެއްބައި ސްޓޭޝަންތަކުގައި ތަންކޮޅެއް ލަހުން ވޯޓްލުން ފެށުނަސް އެއީ މީގެ ކުރިން އިންތިހާބުތަކުގައި ވެސް ވެފައި ހުރި ކަމެކެވެ. އިންތިހާބުތަކުގައި އާންމުކޮށް ދިމާވާ މައްސަލަ ކަމަށްވާ، ވޯޓާސް ރަޖިސްޓްރީގެ މައްސަލައިގެ ސަބަބުން ވޯޓްނުލެވުމުގެ ޝަކުވާ ނެތޭވެސް ބުނާ ވަރުވެ އެވެ. އީސީއިން އާންމުކުރި ޝަކުވާގެ ތަފާސްހިސާބުގައި ވެސް ވޯޓާސް ލިސްޓްގައި ނަން ނެތިގެން ވޯޓް ނުލެވުމުގެ އޮތީ އެންމެ ދެ ޝަކުވާ އެކެވެ. ރީ-ރަޖިސްޓްރޭޝަނާ މެދުވެސް އޮތީ 12 ޝަކުވާއެކެވެ. މީހުން ނުބައި ތަންތަނަށް ރީރަޖިސްޓާ ކުރި ކަމަށް ޕީޕީއެމްއިން މިހާރު ބުނާއިރު ޝަކުވާއެއް ލޮޖްކޮށްފައި ނެތީ ކީއްވެ ހެއްޔެވެ؟ ހަމަގައިމު އެހާ ބައިވަރު މައްސަލަ އުޅުނު ނަމަ، އަމިއްލަ ހައިސިއްޔަތުން ވެސް މީހުން އޮންނާނީ މައްސަލަ ފެންމަތިކޮށްފަ އެވެ.

ހަމައެކަނި މައްސަލައަކަށް ދިމާވީ ވޯޓްލާ މަރުކަޒުތަކުގައި ކިޔޫތައް ދިގުވެގެން ދިޔުމެވެ. ސަބަބަކަށް ވީ ޓެބްލެޓް މެދުވެރިކޮށް ވޯޓާސް ލިސްޓް ޗެކްކުރަން އުޅުމުގެ ސަބަބުން އެކަމަށް ލަސްތަކެއް ކުރިމަތިވުމެވެ. މީގެ ކުރިން އިންތިހާބުތަކުގައި ވޯޓާސް ލިސްޓް މަރުކަޒުތަކުގައި ޗެކް ކުރަނީ މެނުއަލްކޮށް ލިސްޓް ބަލައިގެން ހައިލައިޓްކޮށްގެން އެވެ. އެކަމަކު މިފަހަރު އީސީއިން ވިސްނީ ސީދާ ޓެބްލެޓް މެދުވެރިކޮށް ވޯޓާސް ލިސްޓް ބަލާށެވެ. ނަތީޖާއަކަށްވީ، އިންޓަނެޓް ލަސްވެ، އެ ވިއުގަ މަސައްކަތް ނުކުރުމެވެ.

މީގެ ކުރިއެކޭ ވެސް އެއްގޮތަށް ޕޯލިން ސްޓޭޝަންތަކުގައި ވޯޓްލުން ކުރިއަށް ގެންދިޔައީ މެނުއަލްކޮށް ލިސްޓް ބަލައިގެން އެވެ. އެއީކީ އެއްވެސް މައްސަލައެއް ނޫނެވެ. ސަބަބަކަށް ވަނީ ވޯޓްލާ މަރުކަޒުތަކުގައި ބޭނުން ކުރަނީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަންދޫބުން އެއީ ސައްހަ ލިސްޓެއް ކަމަށް ސޮއިކޮށް އެއްބަސްވެފައިވާ އޮރިޖިނަލް ލިސްޓެވެ. އެ ލިސްޓް ވޯޓްލާ މަރުކަޒުތަކުގެ ބޭރުގައި ހަރުކޮށްފައި ވެސް ހުއްޓެވެ. އެހެންވީއިރު، ޓެބްލެޓް ބޭނުން ކުރުމެކޭ މެނުއަލްކޮށް ލިސްޓް ބެލުމެކޭ ޓެކްނިކަލީ މިއީ އެއްކަމެކެވެ. ނަތީޖާއަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ.

ވޯޓް އޮޅުވާލި ކަމަށް ބުނެ، ޕީޕީއެމްއިން ކުއްލިއަކަށް ފެންމަތި ކުރަން ފެށި ބަހަނާތަކުގެ ތެރޭގައި ރައީސް ޔާމީންއަށް އިންތިހާބު ކާމިޔާބު ނުވި ސަބަބަކަށް ޓެބްލެޓް ބޭނުން ނުކުރުން އޮތީ ލިސްޓްކޮށްފަ އެވެ. ޓެބްލެޓް ބޭނުން ނުކޮށްގެން ރައްޔިތުން ވޯޓް ކަރުދާހުގައި ޖަހާ ފާހަގައެއް ރައީސް ޔާމީންއަށް މަދުވެ ގިނަ ވާންވީ ބުއްދީގެ ހަމައެއް ނެތެވެ. ދެން އޮތީ މުޅިން އެހެން ވިސްނުމެކެވެ. ޓެބްލެޓް ބޭނުން ކޮށްގެން އިންތިހާބު ގަޑުބަޑު ކުރުމުގެ އެހެން ރޭވުމެއް ރާވާފައި އޮތީ ހެއްޔެވެ؟ ޓެބްލެޓް ބޭނުން ނުކޮށްގެން ރައްޔިތުން ޖަހާ ފާހަގަތަކެއް މަދުވެ ގިނަވާ ނަމަ ދެން ގަބޫލު ކުރެވެން އޮތް ބުއްދީގެ ހަމައަކީ ޓެބްލެޓްތައް މެދުވެރިކޮށް ނުބައި ކަންތައްތަކެއް ހިންގަން ރޭވީ އެވެ. އެކަމަކު އެ ޕްލޭން އެ ދުވަހު ފޭލްވީ އެވެ.

ވޯޓްގެ ނަތީޖާއާ މެދު ޝައްކު އުފައްދައި ޕީޕީއެމްއިން ދައްކާ ބަހަނާތައް ދެކޮޅެއް ނުޖެހެ އެވެ. ބުއްދީގެ ހަމައިން ވިސްނައިގެން ވެސް އެ ބަހަނާތައް ގަބޫލު ކުރެވޭނެ ލޮޖިކެއް ނެތެވެ. ވޯޓް ކަރުދާހުގައި ރައްޔިތުން ރައީސް ޔާމީންއަށް ޖެހި ހެޔޮ ފާހަގަ އިރުކޮޅެއް ތެރޭގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ ދިމާލުގައި ލެވޭނެ ކެމިކަލްއެއް ވޯޓް ކަރުދާހުގައި ހުރި ކަމަށްވެސް ބުނަން ފަށައިފި އެވެ. އިބޫއަށް ވޯޓްތައް ގިނަ ކުރުމަށް އަނގޮއްޓިތަކެއް ބޭނުން ކުރި ކަމަށް ވެސް ބުނަން ފަށައިފި އެވެ. އަޅެ މިއީ ޖޭމްސް ބޮންޑްގެ ފިލްމެއް ހެއްޔެވެ؟ އެކަމަކު އޭގެ އެއްވެސް ވާހަކައަކަށް ބާރުދޭ ސައިންސެއް ޕީޕީއެމްއަކަށް ނުދެއްކެ އެވެ. ހެއްކެއް ވެސް ނުދެއްކެ އެވެ. ވާނުވާއެއް ކޮޅެއް މެދެއް ނޭނގޭ ފޯނު ރެކޯޑިންއެއް ނެރެގެން އިލެކްޝަންސް ކޮމިޝަނާ މެދު ޝައްކު އުފެއްދުން ނޫން ކަމެއް މިހާރަކު ނުކުރެ އެވެ. ހެއްކެއް ދެއްކެން ވެސް ނެތީ އެވެ. ސަބަބަކީ، އިންތިހާބުގެ ހުރިހާ ކަމެއް ހިނގީ ރައްޔިތުންގެ ކުރިމަތީގަ އެވެ. ނަތީޖާ ނުކުތީ ވޯޓް ކަރުދާހުގައި ފާހަގަ ޖެހި ގިނަ ރައްޔިތުން އިބޫއަށް ހެޔޮ ފާހަގަ ޖެހީމައި ހަމަ އެގޮތަށެވެ. ބޭރުން އައި ހިލޭ ބަޔަކު ރާއްޖޭގެ އިންތިހާބުގައި ވޯޓެއް ނުލަ އެވެ. ވޯޓްލާން ނުކުތީ ހަމަ ދިވެހި ރައްޔިތުންނެވެ. އެކަމުގައި އިލެކްޝަންސް ކޮމިޝަނަށް ވެސް ކުރެވޭނެ ކަމެއް ނެތެވެ. އިލެކްޝަންސް ކޮމިޝަނުން ހިތް ފުރޭވަރަށް ބަޖެޓް ދިނީމޭ މިވެނި ގޮތަކަށް ކަން ނުކުރިއޭ ބުނެ ބަހަނާ ދެއްކޭނެ ޖާގައެއް ނެތެވެ. އިންތިހާބުގައި ވޯޓްލީ ކޮމިޝަންގެ ފަސް މެންބަރުން އެކަންޏެއް ނޫނެވެ. މިއީ އެތައް ލައްކަ ދިވެހި ރައްޔިތުން ނިކުމެ އެ މީހުންގެ އަޑު އިއްވި އިންތިހާބެކެވެ. އެ އިންތިހާބުގައި މައްސަލައެއް ނެތް ކަމަށް އެތައް ސަތޭކަ އޮބްޒާވަރުންނާއި މީޑިއާތަކާއި ދުނިޔޭގެ ބޮޑެތި ބާރުތައް މި ވަނީ އިއްތިފާގުވެ އެއްބަސް ކިޔައިފަ އެވެ. އެ ރައްޔިތުން ވަކި ގޮތަކަށް ނިންމީމާ ދެން އެ ނިންމުން ބަދަލު ކުރާކަށް އުޅޭކަށް ނުވެސް ޖެހެ އެވެ. ރީތި ގޮތަކީ ރައްޔިތުން ބުނި ބަސް ކަނުލާ އަޑުއަހައި އެގޮތަށް ރުހި ގަބޫލުވެ ހިނިތުންވެލާފައި ރީތިކޮށް ގެއަށް ވަޑައިގަތުމެވެ.