ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދު ވިދާޅުވީ، އެކި ގައުމުތަކުގެ ވެރިން އިބޫއަށް މަރުހަބާ ކިޔަމުންދާއިރު ރަޝިޔާގެ ރައީސް ވެސް ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭގެއިތުރުން އިނގިރޭސިވިލާތުގެ ސަފީރު ޖޭމްސް ޑޯރިސް އާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޝޯކޯ ނޯޑާ ވެސް އިބޫއަށް މަރުހަބާ ވިދާޅުވެފައިވާ ކަމަަށް މާރިޔާ ވިދާޅުވި އެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދުރަ ރާޖަޕާކްސާ ވެސް އިބޫއަށް މަރުހަބާ ވިދާޅުވެ، އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މީގެކުރިން އިބޫއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ގުޅުއްވައި މަރުހަބާ ވިދާޅުވެފައިވެ އެވެ. އޭގެއިތުރުން ލަންކާ
ސަރުކާރާއި ޗައިނާ އާއި އެމެރިކާ އަދި ސައުދި އަރަބިއްޔާގެ ސަރުކާރުން ވެސް އިބޫއަށް ރަސްމީކޮށް މަރުހަބާ ކިޔާފައިވެ އެވެ. އަދި ސައުދީ ރަސްގެފާނުގެ މަންދޫބެއް އިންތިހާބީ ރައީސް އިބޫއާ ބައްދަލު ކުރެއްވި އެވެ.