ހަބަރު

މީޑިއާ ނުވައްދާ ޕީޕީއެމްގެ ކޮންގްރަސް ފަށައިފި

ޕީޕީއެމް އިން ކުރިޔަށް ގެންދާ "އާދަޔާ ހިލާފު" ކޮންގްރަސްއަށް ދާދި ދެންމެއަކު ފަށައިފި އެވެ. ފަސް އަހަރަށް ފަހު އެ ޕާޓީ އިން ކުރިޔަށް ގެންދާ ކޮންގްރަސްއަށް އެއްވެސް މީޑިއާއެއް ނުވައްދަ އެވެ.

މިއަދު މެންދުރު 2:30 ހާއިރު ފެށި ޕީޕީއެމްގެ ކޮންގްރަސްގައި އެޖެންޑާކޮށްފައި ވަނީ އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އަސާސީ ގަވައިދަށް ބަދަލު ގެނައުމާއި ޕާޓީގެ ހިންގާ ގަވައިދަށް ބަދަލު ގެނައުމެވެ. އޭގެ އިތުރުން ޕީޕީއެމްގެ ރައީސްގެ މަގާމާއި ނައިބު ރައީސް އަދި ޕީޕީއެމްގެ ކައުންސިލްއަށް މެންބަރުން އިންތިހާބު ކުރުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

އެ ޕާޓީގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ ކޮންގްރަސްގެ އެބައިތައް ކުރިޔަށް ދާއިރު އެއްވެސް މީޑިއާއެއް ކަވަރު ކުރަން ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ. މީޑިއާތަކަށް ފުރުސަތު ލިބޭނީ މިރޭ ކޮންގްރަސް ނިންމާލުމަށް ބާއްވާ ހަފްލާއަށް ކަމަށް އެނާ ވިދާޅުވި އެވެ. ނަމަވެސް ފޭސްބުކް އާއި ޓްވިޓަރުން ލައިވް ކުރަމުން ގެންދާނެ ކަމަަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދި ލައިވް ކޮށްފައެއް ނުވެ އެވެ. ހަމައެކަނި ގެންދަނީ ފޮޓޯތަކެއް ޕޯސްޓް ކުރަމުން އެވެ.

ޕީޕީއެމް އިން ބުނާ ގޮތުގައި އެ ކޮންގްރެސްގައި، 442 މަންދޫބުން ބައިވެރިވެ އެވެ. އެކަމަކު މީޑިއާ ނުވައްދާތީ އެ އަދަދަށް މަންދޫބުން ބައިވެރިވާ ކަމެއް އަދި ވޯޓްގެ ކަންކަން ކުރިއަށްދާ ގޮތެއް ވެސް ކަށަވަރު ކުރާކަށް ނޭނގެ އެވެ. ޕީޕީއެމްގެ ރަސްމީ ޓްވިޓާގައި ޕޯސްޓް ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޕީއެމްގެ ކޮންގްރެސްގެ ރިޔާސަތުގައި ތިއްބަވަނީ، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އާއި ސްރީލަންކާގެ ކޮޅުބުގައި ހުންނަ ދިވެހި ސަފީރު މުހައްމަދު ޝަރީފް، މުންދު އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮލާލް އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.

އެ ބައްދަލުވުމުގެ އެންމެ ކުރީގޮނޑި ބަރީގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް ރައީސް ޔާމީން އާއި ރަނިންމޭޓް މުހައްމަދު ޝަހީމް އަލީ ސައީދު ތިއްބެވިތަން ފޮޓޯތަކުން ފެނެ އެވެ.

ޕީޕީއެމްގެ ކޮންގްރަސް ފަށާފައި ވަނީ މައުމޫން ރީފޯމް މޫވްމަންޓު (އެމްއާރްއެމް) އިން އެ ކޮންގްރަސް ހުއްޓުވަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޕީޕީއެމްގެ ހިންގުން ޕާޓީގެ މުޝްތަރާއި ހަވާލުކުރަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ކަނޑައެޅި އުސޫލާއި، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ކައުންސިލުން ހިންގުން މުސްތަޝާރާ ހަވާލުކޮށްފައިވާތީ ކަމަށެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕާޓީތަކުގެ ގައުމީ ޖަލްސާ ބޭއްވުމަށް ގާނޫނު ލާޒިމްކުރާއިރު ޕީޕީއެމްގެ ގައުމީ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޖަލްސާގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޕާޓީގެ ރައީސްއެއްގެ ގޮތުގައި އިންތިހާބުކޮށްފަ އެވެ.

ނަމަވެސް ޕާޓީއިން އެމަނިކުފާނު މިހާރު ވަނީ ވަކިކޮށްފަ އެވެ. ގައުމީ ޖަލްސާގެ ބަހެއް ނެތި އެމަނިކުފާނު މަގާމުން ވަކިކުރީ ޕާޓީގެ ކައުންސިލުންނެވެ. ޕީޕީއެމްގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ސިވިލް ކޯޓުން ވެސް ހުކުމްކުރި އެވެ.

ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރި ސިވިލް ކޯޓުގެ ހުކުމްގައި ޕާޓީގެ ގައުމީ ޖަލްސާއެއް ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އެ ހުކުމާ އެއްގޮތަކަށް ގައުމީ ޖަލްސާއެއް މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.