މިދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ލީޑަރު ކަމަށް އައިޝަތު އާޒިމާ ޝަކޫރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ހޮވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަކީ މިހާރުވެސް އެ ޕާޓީގެ ނައިބު ލީޑަރުން އެވެ. ވޯޓެއް ނުނަގާ، އާޒިމާ ނައިބު ލީޑަރު ކަމަށް ހޮވުނީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި އަންހެން ބޭފުޅަކީ އެކަމަނާ ކަމަށް ވާތީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ކަމަށް ޕީޕީއެމް އިން ބުންޏެވެ. ޑެލިގޭޓުންގެ މެދުގައި ސިއްރު ވޯޓެއް ނަގައިގެން ނައިބު ލީޑަރުންނަށް ހޮވުނީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެކަމަކު ވޯޓްގެ ތަފްސީލެއް ޕީޕީއެމް އިން ހާމައެއް ނުކުރެ އެވެ.
ކޮންގްރެސް ކުރިއަށް ދަނީ މީޑިއާ ނުވައްދާ ކަމުން އެ ޕާޓީގެ ރަސްމީ ޓްވިޓާގައި ހާމަކުރާ މައުލޫމާތެއް ނޫން ކަމެއް އެ ކޮންގްރެސްއާ ބެހޭ ގޮތަކުން ނޭނގެ އެވެ. މީގެ ކުޑައިރުކޮޅެއް ކުރި ކޮންގްރެސްގައި ނެގި ވޯޓަކުން އެ ޕާޓީގެ ރައީސް ކަމަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް ރައީސް އަބްދުﷲ ޔާމީން ވަނީ ހޮވައިފައި ކަމަށް ޕީޕީއެމް އިން ބުންޏެވެ.