މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާއަށް ބަދަލު އަންނަ ފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން، އީސީއިން މިއަދު ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ވޯޓުގެ ފަހުން ކޮމްޕްލެއިންސް ބިއުރޯއަށް 423 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެތެއިން 229 ޝަކުވާއަކަށް މިހާރު ވަނީ ޖަވާބު ދީފައިވާއިރު ޖަވާބު ނުދެވޭ 194 ޝަކުވާއެއްވެ އެވެ.
"ކޮމްޕްލެއިންސް ބިއުރޯއިން ޝަކުވާތައް ބެލުމަށްފަހު ނިންމާފައިވަނީ މިއިން އެއްވެސް ޝަކުވާއެއްގެ ޒާތުގަ އެއިން އެއްވެސް ޝަކުވާއަކީ މިހާރު މި އިއުލާންކޮށްފައިވާ ރަސްމީ ނަތީޖާއަށް އެއްވެސް އަސަރެއް ނުވަތަ ނަތީޖާ ބަދަލުވާނެ ފަދަ އަސަރެއް ކުރާނެ މައްސަލަތަކެއް ނޫން ކަމަށް، އެހެންވުމުން މިއަދު ރަސްމީ ނަތީޖާ އިއުލާން މިކުރީ،" ޝަރީފު ވިދާޅުވި އެވެ.
ޝަކުވާތައް
- ރީ ރަޖިސްޓްރޭޝަނާ ގުޅޭ 12 ޝަކުވާއެއް
- ނުފޫޒު ފޯރުވުމާ ގުޅޭ ހަތް ޝަކުވާއެއް
- ވޯޓާސް ލިސްޓާ ގުޅޭ ދެ ޝަކުވާއެއް
- ވޯޓިން ބޫތާ ގުޅޭ 41 ޝަކުވާއެއް
- ފޯނާ އަތް ދަބަސް ވެއްދުމާ ގުޅޭ 28 ޝަކުވާއެއް
- އިތުރު ލިސްޓެއް ގެންގުޅުމާ ގުޅޭ 23 ޝަކުވާއެއް
- ޔޫވީ ލައިޓާ ގުޅޭ 28 ޝަކުވާއެއް
- ވޯޓު އިތުރުވުމާ ގުޅޭ ތިން ޝަކުވާއެއް
- ބާތިލް ވޯޓާ ގުޅޭ އެއް ޝަކުވާއެއް
- ކެމްޕެއިން ކުރުމާ ގުޅޭ ހަ ޝަކުވާއެއް
- އިންތިޒާމްތަކާ ގުޅޭ 42 ޝަކުވާއެއް
- ވޯޓު ގުނުމާ ގުޅޭ 11 ޝަކުވާއެއް
- ވޯޓު ކަރުދާހާ ގުޅޭ ތިން ޝަކުވާއެއް
- އޮބްޒާވަރުންނާއި މޮނީޓަރުންނާ ގުޅޭ 11 ޝަކުވާއެއް
- އޮފިޝަލުންނާ ގުޅޭ ފަސް ޝަކުވާއެއް
- އައިޑީ ކާޑަށް ފައިސާ ބެހުމާ ގުޅޭ އެއް ޝަކުވާއެއް
- ނަން ނެތުމާ ގުޅޭ އެއް ޝަކުވާ
- ރިޝްވަތު ދިނުމާ ގުޅޭ ތިން ޝަކުވާއެއް
ޝަރީފު ވިދާޅުވި ގޮތުގައި ރަސްމީ ނަތީޖާ އިއުލާން ކުރުން ލަސްވެގެން ދިޔައީ އެއްވެސް ބަޔެއްގެ ނުފޫޒު އޮވެގެން ނޫން ކަމަށާއި އެކަން ލަސްވީ އިލެކްޝަން ކޮމިޝަނުން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އެކަންކަން ނިންމައި ރަސްމީ ނަތީޖާ ނިންމިފައިވަނީ ރޭގަ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޕީޕީއެމްއިން ވަނީ ރަސްމީ ނަތީޖާ އިއުލާން ކުރެވެން އޮތް އެންމެ ފަހު ވަގުތު އިއުލާންކޮށް ދިނުމަށް އިލެކްޝަން ކޮމިޝަންގައި އެދިފަ އެވެ. އެގޮތަށް ޕީޕީއެމްއިން އެދުނީ މައްސަލަތަކެއް އެ ޕާޓީއަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލަތައް ހުށަހެޅުމަށް ވަގުތު ބޭނުންވާ ކަމަށް ބުނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. ވަގުތީ ނަތީޖާ އިއުލާން ކުރާތާ ހަތް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރަންޖެހެ އެވެ. އެ މުއްދަތު ހަމަވަނީ މާދަމާއަށެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ރަސްމީ ނަތީޖާ އިއުލާން ކުރުމަށްފަހު ވެސް 14 ދުވަހުގެ ތެރޭގައި އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މިއަދާ ހަމައަށް މި ލަސްކުރީ ވަކި ބަޔަކަށް ފުރުސަތު ދިނުމަކަށް ނޫން، ވަކި ބަޔަކު އަވަހަށް ނަތީޖާ އިއުލާންކުރަން ޕްރެޝަރު ކޮށްގެން ނުވަތަ ލަސްކުރަން ޕްރެޝަރު ކޮށްގެނެއް ނޫން އިލެކްޝަން ކޮމިޝަނުން މި މަސައްކަތް ކުރަނީ،" ޝަރީފު ވިދާޅުވި އެވެ.
ސިސްޓަމެޓިކަލީ އިންތިހާބުގެ އުސޫލުތައް ބަދަލުކުރަން ބަޔަކު މަސައްކަތް ކުރި ކަމަށް ޕީޕީއެމްއިން ކޮށްފައިވާ ތުހުމަތާ ގުޅޭ ގޮތުން ވެސް ޝަރީފު ޖަވާބު ދެއްވި އެވެ. އޭނާ ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
ޝަރީފު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ އަމާން އަދި އޮމާން، ހަމަނުޖެހުމެއް ނުހިނގާ އިންތިހާބުކަން މިޑިއާ އާއި އޮބްޒާވަރުންނާއި ބޭރުގެ ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި އެންމެންނަށް ޝުކުރު ދަންނަވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.