overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ދުންޔާ މައުމޫން

އިބޫއާ ބައްދަލުކުރެއްވުމަށްފަހު ދުންޔާ: "އުއްމީދުން ފުރިއްޖެ"

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާންކޮށްފައިވާއިރު 58 ޕަސެންޓް ވޯޓާއެކު ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރައްވާނީ އިބޫކަން ވަނީ ކަށަވަރުވެފަ އެވެ.

އެކަމަށް އިބޫއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދުންޔާ މިއަދު އިބޫއާ ބައްދަލު ކުރައްވާފައިވާއިރު އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު، އަހުމަދު ފާރިސް މައުމޫން ހުންނެވީ ޖަލުގަ އެވެ. އެ ދެ ބޭފުޅުން ދޫކޮށްލެއްވުމަށް ދުންޔާ ތަކުރާރުކޮށް ގޮވާލައްވަމުން ގެންދެވި އެވެ.

އިބޫއާއެކު ބޭއްވި ބައްދަލުވުމަށްފަހު ދުންޔާ ވިދާޅުވީ، މިދިޔަ ދުވަސްތަކަކީ އޭނާގެ އާއިލާ އަދި އެހެން ބައެއް އާއިލާތަކަށް ވެސް އެތައް ހިތާމައަކާއި މާޔޫސްކަމާ ކުރިމަތިލާން ޖެހުނު ދުވަސްތަކެއް ކަމަށެވެ. ބިރުވެރިކަމާއި ހާސްކަން އަދިވެސް އޮތް ނަމަވެސް މިއަދު އިބޫއާއެކު ކުރެވުނު ބައްދަލުވުން ވެގެން ދިޔައީ އުއްމީދުން ފުރިގެންވާ ބައްދަލުވުމެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.

"އެހެން ދިވެހިންނެކޭ އެއްފަދައިން އަހަރެން ވެސް މިހުރީ ވަރަށް އުއްމީދާއެކު، އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ގައުމަށާއި ރައްޔިތުންނަށް އާ ފެށުމެއް، ދުއާއަކީ އަހަރެމެންނަށް ކުރެވުނު ކުށްތަކުން އިބްރަތް ހާސިލްވުން އަދި ގައުމާއެކު ކުރިއަށް ދެވުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ދިވެހިން ބޭނުންވާ މުޖުތަމައުއަކީ ބިރުވެރިކަން ނެތް، އެންމެންގެ ވެސް ހައްގުތަކަށް ރައްކާތެރިކަން ލިބި އިހްތިރާމް ލިބޭ މުޖުތަމައުއެއް ކަމަށެވެ. އަސާސީ ހިދުމަތްތައް ފުރިހަމަވެފައިވާ ގައުމެއް ކަމަށެވެ. އެކަންކަން ރައްޔިތުންނަށް ހާސިލްކޮށްދިނުމަށް އިބޫ ބުރަ މަސައްކަތެއް ކުރައްވަން ޖެހޭނެ ކަމަށާއި އިބޫއަށް އެކަންކަން ކުރެއްވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކީ ދުންޔާ އެވެ. އަދި ދުންޔާ ވަނީ އެ މަގާމުގައި ހުންނަވާ ސަރުކާރަށް އޭރު އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް ޖަލަށްލުމުން އަމާޒުވި ފާޑުކިޔުންތަކުން ސަރުކާރުން ސަލާމަތްކުރުމުގައި ދުންޔާ މަސައްކަތް ކުރެއްވި އެވެ. އެއީ އެމްޑީޕީގެ ނުރުހުން ދުންޔާއަށް ވަރަށް ބޮޑަށް އަަމާޒުވި ކަމެކެވެ.

ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް މައުމޫނާއި ރައީސް ޔާމީންއާ ދެމެދު ހިޔާލު ތަފާތުވެ ޕާޓީ ބައިބައިވި ދުވަސްވަރު އެވެ. އޭގެފަހުން ދުންޔާ އަނެއްކާ ސަރުކާރާ ގުޅިވަޑައިގެން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމި ފުރުއްވި އެވެ. ނަމަވެސް ރައީސް މައުމޫން ހައްޔަރުކޮށް، ދުވަސްކޮޅެއްވީ ފަހުން އެ މަގާމުން ވެސް ދުންޔާ އިސްތިއުފާ ދެއްވި އެވެ.

އިސްތިއުފާ ދެއްވުމަށްފަހު ވެސް ރައީސް ޔާމީނަށް ތާއިދު ކުރައްވާ ދުންޔާ ވާހަކަ ދެއްކެވި އެވެ. ނަމަވެސް ރައީސް މައުމޫންއަށް އެއްވެސް ލުޔެއް ދިނުމެއް ނެތި، ޖަލުގައި ބަންދުކުރުމާ ގުޅިގެން ދުންޔާ ވަނީ ސަރުކާރަށް ތާއިދުކޮށް ވާހަކަ ދެއްކެވުން ހުއްޓާލައްވައި، ހަމައެކަނި ރައީސް މައުމޫންގެ ދިފާއުގައި ވާހަކަ ދައްކަވަން ފައްޓަވާފަ އެވެ.