ބޮލީވުޑް

ރަންބީރް އުފަން ދުވަހަށް ކޭކު އެޅީ އާލިއާ

ރަންބީރް ކަޕޫރް އިއްޔެ ވަނީ އެނާގެ 36 ވަނަ އުފަން ދުވަސް ފާހަގަކޮށްފައި އެވެ. އޭނާގެ އާއިލާ އާއި ރައްޓެހިން އަދި ފޭނުން ވަނީ ދުވަހުގެ ތަހުނިޔާ އެކި ގޮތްގޮތައް ފޮނުވާފައި އެވެ. އެކަމަކު އޭނާއަށް އެންމެ ހާއްސަ ތަހުނިޔާއަކާއި އަދި ހަދިޔާއެއް ދިނީ ލޯބިވެރިޔާ އާލިއާ ބަޓް އެވެ.

އާލިއާ ވަނީ ރަންބީރްއަށް އެންމެ ކަމުދާ ވައްތަރުގެ އަލަނާސި ކޭކެއް އޭނާ އަމިއްލަ އަޅާފައި އެވެ. އެ ކޭކު އެޅުމަށް ކުރި މަސައްކަތް އާލިއާ ވަނީ އިންސްޓަގުރާމް މެދުވެރިކޮށް ދައްކާލާފައި އެވެ. އަދި އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް އާލިއާ ވަނީ ބަހުރެއިންގައި ނަގާފައިވާ ރަންބީރްގެ ފޮޓޯއެއް ޕޯސްޓުކޮށްފައި އެވެ.

ރަންބީރްއާއި އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާއި މިހާރު ގާތްގަނޑަކަށް އަހަރެއް ވަނީ އެވެ. އެ ދެމީހުން ދެމުގައި ހާއްސަ ގުޅުމެއް އުފެދުނީ އެ ދެމީހުން އެކީގައި ފެނިގެންދާނެ ފިލްމު "ބްރަހަމަސްތުރާ" ގެ ފުރަތަމަ މަސައްކަތްތައް ފެށުނު ދުވަސްވަރު އެވެ.

އެ ދެމީހުންގެ އާއިލާއިންވެސް ވަނީ އެ ގުޅުމަށް މަރުހަބާ ކިޔާފައި އެވެ. އެ ދެމީހުން އިންނަން އުޅޭ ވާހަކަވެސް މިހާރު އަންނަނީ ދެކެވެމުންނެވެ. ރިޕޯޓުތައް ބުނާގޮތުން "ބްރަހަމަސްތުރާ" ރިލީޒްކުރުމަށްފަހު އެ ދެމީހުންގެ އާއިލާއިން ކައިވެނީގެ ތައްޔާރީތައް ފަށާނެ އެވެ. އެ ފިލްމު ރިލީޒްކުރަނީ އަންނަ އަހަރު އޮގަސްޓް 15 ގައި އެވެ.