ހަބަރު

ފަހު ވަގުތު ފްލެޓަށް ފޯމް ލާން އެންމެން ކިޔޫ އަށް!

ސަރުކާރުގެ "ހިޔާ މަޝްރޫއު" ގެ ދަށުން ހުޅުމާލޭގައި އަޅާ 7000 ހައުސިން ޔުނިޓަށް އެދި ފޯމުލާން ހައުސިން މިނިސްޓްރީއިން މީގެ ތިން މަސްކުރިން ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނެ އެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކު މިވަނީ ފްލެޓަށް ފޯމް ލާން ހައުސިން މިނިސްޓްރީ ކުރިމަތީގައި ދިގު ކިޔޫއެއް ދަމާލާފަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓަށް ކުރިމަތިލުމަށް ހައުސިން އިން ހުޅުވާލީ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ. ދަރުބާރުގޭގައި ފޯމް ދޫކުރަން ފެށި ދުވަހުވެސް އެތައް ހާސް ބަޔަކު ފޯމް ނަގަން ދަރުބާރުގެ ހުންނަ ސަރަހައްދުގައި ކިޔޫތައް ރުކުރުވާލި އެވެ. ފޯމް ލާން ލިބުނު ތިން މަސްދުވަހަށްފަހު މިއަދު އަނެއްކާވެސް ހައުސިން މިނިސްޓްރީ ސަރަހައްދުން ފެންނަނީ އެފަދަ މަންޒަރެކެވެ. ފޯމް ލާން ނަންބަރު ނަގަން ގޮސް ތިބި މީހުންގެ ސަފު މާފަންނު ސްޓޭޑިއަމްއާ ހަމައަށް އަރައެވެ. ފޯމް ބަލައިގަންނަ ނަންބަރު ކިޔުބީ އެޕް މެދުވެރިކޮށް ހައުސިން އިން ދޫކުރަމުން ދިޔަ ނަމަވެސް، އެޕަށް މިއަދު ވަންނަ މީހުންގެ ގިނަކަމުން އެޕްވެސް ވަނީ ސްލޯ ވެފަ އެވެ.

ތޭރަ ކެޓަގަރީއަކުން ހިޔާގެ ފްލެޓަށް ފޯމް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ މިހާތަނަށް ފޯމް ވެސް ނަގާފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ދަތުރުފުޅެއްގައި ރަށަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ހިޔާ މަޝްރޫއުގެ އަޕްޑޭޓް ދެއްވަމުން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވީ، އޮގަސްޓު މަހުގެ ނިޔަލަށް ގާތްގަނޑަކަށް 18،000 ފޯމް ދޫކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަމަވެސް އެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް ހޯދާލަން މިއަދު ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލުންނަށް ގުޅުމުން ޖަވާބެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.