ހަބަރު

ވެރިކަން ބަދަލުވުމާ ބެހޭ މަޝްވަރާތައް ސީއެސްސީއިން ފަށައިފި

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއެކު ކުރިޔަށް ގެންދިޔުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިދާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންއާއެކު މަޝްވަރާތައް ފަށައިފި އެވެ.

ސީއެސްސީ އިން ބުނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވީހާވެސް އޮމާންކަމާ ފުރިހަމަކަމާއެކު ގެންދިއުމުގައި ސީއެސްސީ އިން އިދާރާތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ޕާމަނަންޓް ސެކެޓަރީންނާއެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށާއި ކޮމިޝަނުގެ އިސް މުވައްޒަފުން ހިމެނޭގޮތުން ބޭއްވި މި ބައްދަލުވުމުގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނާ ބެހޭ ޕްރެޒެންޓޭޝަނާއެކު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ޕާމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށް ސީއެސްސީ އިން ބުންޏެވެ.

އޭގެ އިތުރުން ޑިރެކްޓާ އޮފް ޓްރާންޒިޝަން އައްޔަންކުރުމާ ގުޅޭ މައުލޫމާތާއި އަދި އެ މަރުހަލާގައި ކުރަން ހުރި މަސައްކަތްތަކުގެ ތަފްސީލުތައް ކޮމިޝަނުން ޕީއެސްއިންނާ ހިއްސާ ކުރި ކަމަށް ސީއެސްސީ އިން ބުންޏެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައިވާ ގޮތުން އެ މަރުހަލާގައި އިންތިހާބީ ރައީސް އާއި ނައިބު ރައީސްއަށް ބޭނުންވާ ކަންކަން ހަމަޖައްސައިދިނުމަށް ސީއެސްސީ އިން ޑިރެކްޓާ އޮފް ޓްރާންޒިޝަންއެއް އައްޔަން ކުރަން ޖެހެ އެވެ.