ވިޔަފާރި

ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުން ސިޔާސީ ވާތީ ޒުހޫރުގެ ކަންބޮޑުވުން

Sep 30, 2018
25

ސްޓެލްކޯގައި ތިބި ޓެކްނިކަލް މުވައްޒަފުން ސިޔާސީވުމުގެ ސަބަބުން، ކުންފުންޏަށް ގެއްލުންވަމުންދާ ކަމަށާ، މިއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ ތާރީހުގައި ފުރަތަމަ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ސީއީއޯ ޒުހޭރު ވިދާޅުވީ އެ ކުންފުންޏަށް މިހާރު އޮތް އެންމެ ބޮޑު ޗެލެންޖަކީ މުވައްޒަފުން ސިޔާސީވުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑުމެންގެ އެންމެ އާދައިގެ މުވައްޒަފަކީ ވެސް ސިޔާސީ މީހަކަށް ވާތަން. ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފަ، އެއީ ތިމަންނަ ޕޮލިޓިކަލް ވިސްނުމުން ބުނާ އެއްޗެކޭ ބުނުން. އެހެންނަމަވެސް މިއީ ޓެކްނިކަލް ކުންފުންޏެއް. އަޅުގަނޑުމެން މި ބޭނުންވަނީ ޓެކްނިކަލް ކެޕޭސިޓީ ޑިވްލޮޕްކުރަން. ޕޮލިޓިކަލްއެއް ނޫން،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ގިނަވެއްޖެނަމަ، ކުންފުނީގެ މުސްތަގުބަލަށް ގެއްލުންވާނެ ކަމަށެވެ. އަދި އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް އެއްބާރުލުން ދޭންޖެހޭނެކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑުމެންގެ އެންމެ އާދައިގެ މުވައްޒަފަކީ ވެސް ސިޔާސީ މީހަކަށް ވާތަން. ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފަ، އެއީ ތިމަންނަ ޕޮލިޓިކަލް ވިސްނުމުން ބުނާ އެއްޗެކޭ ބުނުން. އެހެންނަމަވެސް މިއީ ޓެކްނިކަލް ކުންފުންޏެއް
އަހުމަދު ޒުހޫރު | ސީއީއޯ

"އަޅުގަނޑުމެންގެ ތެރޭގައި އެއް ބަޔަކު ލޭ ހޫނުވަމުން މިދަނީ އެއިރެއްގައި އޮތް ސަރުކާރަކާ އެއްކޮޅަށް. އަނެއް ބަޔަކު މި ލޭ ހޫނުވަނީ ސަރުކާރާ އިނދިކޮޅަށް. މިއީ އަޅުގަނޑަށް ފެންނަމުން ދިޔަ މަންޒަރު. މާދަމާ 17 ނޮވެމްބަރުގެ ފަހުން ހަވާލުވާނީ އެހެން ސަރުކާރެއް. މި ޓެކްނިކަލް ސްޓާފުލް ޖެހޭ އެ ސަރުކާރަށްވެސް ހިނިތުންވުމާއެކު މަރުހަބާ ކިޔަން. އެކަން އެގޮތަށްވެގެން ނޫނީ ހަމަ ޖެހުމެއް ނާންނާނެ،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުވައްޒަފުން ސިޔާސީވުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ގާބިލްނޫން މީހުން ކުންފުނީގެ މަތީ މަގާމު ތަކަށް ގެނައުން ކަމަށެވެ.

"މިހެން [ސިޔާސީ] ވުމުން ވާގޮތަކީ ކޮންމެވެސް މީހަކު، އޭނަގެ ކެޕޭސިޓީ ނެތަސް ހެޔޮ. ނޮލެޖު ނެތަސް ހެޔޮ. އޭނަވެސް ބޭނުންވަނީ ކުންފުނީގެ އެގްޒެކެޓިވް އަށް އަންނަން. މިހެންވުމުން ޓެކްނިކަލް ކުންފުންޏެއްގެ ގޮތުގައި ނުހިންގޭނެ. އަޅުގަނޑު މި ވާހަކަ މި ދައްކަނީ ރަނގަޅު ކުރަން ބޭނުންވާތީ. މި އިލެކްޝަން [23 ވަނަ ދުވަހު] ގެ ފަހުން ފެނުނީ އެއް ސްޓާފެއް އަނެއް ސްޓާފަކަށް ގޮން ޖެހައި ހަޑި ހުތުރު ބަހުން ވާހަކަ ދެއްކާތަން،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ މިކަން ކަމަކީ އޭނާ "ޓޮލެރޭޓް" ކުރާނެ ކަންތައްތަކެއް ނޫން ކަމަށެވެ.

"ކޮންމެ ޕާޓީއެއްގެ ކޮންމެ މީހަކަށް ވިއަސް. އަޅުގަނޑު ދަންނަވަން ޖެހޭނީ ޕްރޮފެޝަލިޒަމް ހިފަހައްޓަން ޖެހޭނޭ. ކުންފުނި މެއިންޓެއިން ކުރަން މިއީ އެންމެ ބޮޑު އެއް ޗެލެންޖު."