ރިޕޯޓް

ސެލަބްރިޓީންގެ ރާއްޖެ! ޓޫރިޒަމަށް ބޫސްޓެއް!

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މުނާސަބަތާއެއެކު "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ނަމުގައި ވަރުގަދަ ކެމްޕޭނަކަށް ވަނީ ތައްޔާރުވެފަ އެވެ. މި ކެމްޕޭނާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދެ ގުނަ އިތުރުކުރަން ރާއްޖޭގެ އިޝްތިހާރުތައް މުޅި ދުނިޔެއަށް ވަނީ ފަތުރާލައިފަ އެވެ. އެ ހުރިހާ އިޝްތިހާރުތަކެއްގެ ތެރެއިން ރާއްޖެއަށް ލިބޭ ސަމާލުކަން މި ދުވަސް ވަރު މާބޮޑެވެ.

މަލްޓި ބިލިއަން ޑޮލަރުގެ ފުޓްބޯޅަ އިންޑަސްޓްރީގެ ބޮޑު ޗުއްޓީއާ އެކު މަޝްހޫރު އަގުހުރި ފުޓްބޯޅަ ތަރިންގެ އަރާމު ކުރުމުގެ މިސްރާބު ވެސް މި އޮތީ ރާއްޖެއާ ދިމާލަށެވެ. އެންމެން ދަންނަ ގިނަ ލަވަކިޔުންތެރިންގެ މަންޒިލަކަށް ވެސް ނަސީބުން މިފަހަރު މިވީ ރާއްޖެ އެވެ.

ދުނިޔޭގެ ނަން މަޝްހޫރު މަހުޖަނަކު ރާއްޖޭގައި ހުރި އެންމެ އަގު ބޮޑު އަދި ތަފާތު، ނ. ވެލާ ރިސޯޓް އެކީ ކުއްޔަށް ނަގައި އޭނާގެ އުފަލަށް އެތައް މިލިއަން ޑޮލަރެއް ހޭދަކޮށް، މަޝްހޫރު ލަވަކިޔުންތެރިންގެ އީދަކަށް ރާއްޖެ މި ވަނީ މިހާރު ބަދަލުކޮށްލައިފަ އެވެ. ރެޕާ ޕިޓްބުލް އާއި ރިއާނާ އަދި ގަންގްނަމް ސްޓައިލްގެ ލަވައިން ދުނިޔެ އަށް މަޝްހޫރުވި ދެކުނު ކޮރެއާގެ ރެޕާ ސައި ވެސް މި ވަނީ އެ ޕާޓީއާ ގުޅެން މިހާރު ރާއްޖޭގަ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ޑީޖޭ އިން ވެސް މި ޕާޓީއާ އަދި ގުޅޭނެ އެވެ.

ސުވާލަކީ ގިނަ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމުގެ އޮތީ ކޮންފައިދާއެއް ހެއްޔެވެ؟

ރާއްޖެ އަކީ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ހިޔާކުރާ ތަރިންގެ ތެރޭގައި ބޮލީވޫޑްގެ ތަރި ދިިޕިކާން ޕަދުކޮން އާއި އިނގިރޭސިވިލާތުގެ ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމް އާއި ޕޯޗްގަލް އާއި ރިއާލް މެޑްރިޑްގެ ކުރީގެ ތަރި ލުއިސް ފީގޯ ހިމެނެ އެވެ. މި ލިސްޓް އަދި މިއަށް ވުރެވެސް ދިގެވެ. އަދި އަމިއްލަ ޗުއްޓީ ހަރާބު ވެދާނެ ކަމުގެ ބިރަށް، ސިއްރުން މީހުންނަށް ނޭނގި ރާއްޖެ އައިސްތިބި ތަރިން ވެސް ވަކި މަދެއް ނޫނެވެ. މި ހުރިހާ ތަރިންގެ ޗުއްޓީ ހޭދަ ކުރުމުން ރަމްޒުކޮށްދެނީ ދުނިޔޭގެ މީހުންގެ މެދުގައި ރާއްޖޭގެ ޓޫރިޒަމަށް އޮތް އިތުބާރާއި މަޝްހޫރު ކަމެވެ. .

"އެތައް ބަޔަކު ތިބޭ އެ މީހުން ފަސްފަހަތުން އުޅޭ. އެ މީހުން އުޅޭ ގޮތަށް އުޅޭ މީހުން. އަނެއްކާ ބޭރުގެ ނޫސްތަކުގައި އެބަ ޖަހާ މިވެނި ތަރިއެއްގެ އަގު ބޮޑު ޗުއްޓީ ހޭދަ ކުރީ ރާއްޖޭގައޭ. އެ ހިސާބުން ދެން އެ ރާއްޖެ މަޝްހޫރުވީ. ދެން ރާއްޖޭގެ ވާހަކަ ތުންތުން މަތިންވެސް ދައްކާނެ. ކުޅޭ ކުޅޭ ތަނަކަށް އެކަހަލަ މަޝްހޫރުތަރިން ނާންނާނެކަން އެންމެން ވެސް ގަބޫލު ކުރާނެ،" އަފީފް ވިދާޅުވި އެވެ.

ރާއްޖޭގެ ދޮންވެލި ގޮޑުދޮށްތަކަކީ މަޝްހޫރުތަރިންނަށް އެންމެ ގަޔާވާ ތަންތަނެެވެ. އެ މީހުންގެ ފަހަތުން އެ ގޮނޑުދޮށްތަކަށް އަންނާނެ އެތައް ހާސް ފޭނުންނެއް ތިބޭނެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ އަގު ދުނިޔޭގައި އިތުރަށް އުފުލައިދޭނެ ކަމެކެވެ..

މަޝްހޫރިތަރިންނާއި ބޮޑުން އެ މީހުންގެ ޗުއްޓީއަށް އެތައް ލައްކަ އަދި މިލިއަން ޑޮލަރު ވެސް ހަރަދު ކުރެ އެވެ. ނޫނީ އެ މީހުން ބައިވެރިކޮށްގެން ބާއްވާ ޕާޓީތަކަށް އަދި ހަރަދު ކުރާ ވަރު މާ ބޮޑުވާނެ އެވެ. ޑޭވިޑް ބެކަމް ޖައްސަ ޖައްސައިގެން ރާއްޖެ އަންނަތާ ތިން އަހަރުވެފައިވާ އިރު، ރާއްޖެ އަންނަ ކޮންމެ ފަހަރަކު އޭނާ މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ރާއްޖޭގައި ހޭދަ ކުރާ ޗުއްޓީއަށް ހަރަދު ކުރާ ކަމަށް ޑެއިލީ މެއިލް ފަދަ އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުން ބުނެ އެވެ. އެފަދަ ގިނަ ފަރާތްތަކެއް ރާއްޖެ އައިސްފި ނަމަ އެ މީހުން ހޯދާނީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެވެ. އެ ހިދުމަތްތަކުގެ އަގު އެތައް ލައްކަ ޑޮލަރަކަށް އަރާނެ އެވެ. މިއީ އާދައިގެ ޓޫރިސްޓެއް ހޭދަ ކުރާ އަގަށް ވުރެ އެތައް ގުނަ އިތުރު އަދަދެކެވެ. އާދައިގެ ޓޫރިސްޓަކު ވެސް ރާއްޖޭގައި 3،000 ޑޮލަރަށް ވަރު އެވްރެޖްކޮށް ހަރަދުކޮށްފައިވެ އެވެ.

"މިކަހަލަ ބޮޑެތި ތަރިން އެ މީހުން ބުރަކޮށް އުޅެލާފައި ނަގައި ޗުއްޓީގައި ވަރަށް ގިނައިން މި ހަރަދުކޮށްލަނީ. އެހެންވެ އެއީ ރާއްޖެއަށް ވަންނަ ވަރަށް ގިނަ ފައިސާ. މިކަހަލަ ގިނަ ތަރިންނާއި މަޝްހޫރު މީހުން އައުމަކީ ރާއްޖެ މަޝްހޫރުވުގެ އިތުރަށް ޓޫރިޒަމުން ލިބޭ ނަފާ އިތުރުވާނެ ކަމެއް،" ރިސޯޓް އޯނަރަކު ވިދާޅުވި އެވެ.

ރިސޯޓްގެ އިތުރަށް އެކަމުން ސްޓާފުންނަށް ލިބޭ ފައިދާގެ ވާހަކަ އަދި އޮތީ އެވެ. ސައުދީގެ މިހާރުގެ ރަސްގެފާނު އަދި އޭރުގެ ކްރައުން ޕްރިންސް ސަލްމާން ރާއްޖޭގައި ހޭދަ ކުރެއްވި ޗުއްޓީގައި އަނަންތަރާގެ ތިން ރިސޯޓެއް އެކީ ނަގައިގެން ހޭދަ ކުރި ބޮޑު ޗުއްޓީ ނިންމާލި އިރު އެ ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް އެވްރެޖްކޮށް 3،000 ޑޮލަރުގެ ސާވިސް ޗާޖްގެ ގޮތުގައި ލިބުނެވެ. އަދި އެ އާއިލާގެ އެކި ފަރާތްތަކުން އަމިއްލަ ގޮތުން ސްޓާފުންނަށް ދިއްކޮށްލި ޓިޕްސްތަކާ އެކު އެ ރިސޯޓްގެ މުވައްޒަފުންނަށް ރެކޯޑް އަަދަދެއްގެ އާމްދަނީ އަށް ލިބުނެވެ. މިއީ މިކަހަލަ ބޮޑެތި މުއްސަދި މަހުޖަނުން އައުމުގެ ފުރިހަމަ ފައިދާ އެވެ. .

ރާއްޖެއަށް މަޝްހޫރު ގިނަ ތަރިންތަކެއް ޗުއްޓީއަށް އައުމަކީ ބާކަމެކެވެ. ނަމަވެސް އެއީ މިހާރު މި އަންނަހާ ބައިވަރެއް ނޫނެވެ. ރާއްޖެ ޕްރޮމޯޓް ކުރަން އުފައްދާފައިވާ، އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އަންނަ ސްޓާރުންގެ އަދަދު ގިނަވީ ބުރަ މަސައްކަތްތަކަކުންނެވެ. ރާއްޖެ އިޝްތިހާރު ކުރަން ސީދާ މިނިސްޓަރު އަދީބު ވެސް ބޭރުގައި ކުރައްވާ މަސައްކަތްތަކުންނެވެ. އެގޮތުން އެކި ތަރިންނާ ގުޅުން ހުރި ފަރާތްތަކާއި އަމިއްލަ ހައިސިއްޔަތުން ވެސް ބައްދަލު ކުރައްވާ ރާއްޖެއަށް އައުމަށް ދައުވަތު ދެއްވުމަކީ އެކަމުގެ ފެށުމެވެ.

"މިސާލަކަށް މިނިސްޓަރު ބެކަމްއާ ވެސް ބައްދަލު ކުރައްވާ ރާއްޖެ އައުމަށް ދައުވަތު ދެއްވީ. އޭގެ ފަހުން ބެކަމް އެބަ އާދޭ އެބަ ކޮން އަހަރަކު ވެސް. މިކަހަލަ ގިނަ ފަރާތްތަކެއް ރާއްޖެ ގެނައުމަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް މިނިސްޓަރު ވެސް އިރުޝާދު ދެއްވާފައި އޮންނަނީ. އަދި އެކަމަށް ގިނަ މަސައްކަތްކެއް އެބަ ކުރެވޭ. މިއީ އޭގެ ނަތީޖާ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއަށް ގިނަ ތަރިންތަކެއްގެ ލޯ އަމާޒުވެ އެތައް ބަޔަކު ކަޅިއަޅަމުން އަންނަ އިރު، މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މިއީ އިތުރަށް ރާއްޖެ މަޝްހޫރު ވާނެ ކަމެކެވެ. ރާއްޖޭގެ ނަން ދުވަހަކު ވެސް އަޑުނީވި ތިބި އެތައް ބަޔަކަށް، "މިއީ ދުނިޔެ މަތީ"ގެ ސުވަރުގެއެއްކަން ބުނެލަދިނުމަށް މިއީ ރަނުގެ ފުރުސަތެކެވެ.