ގާސިމް އިބްރާހިމް

ކަފާލާތުގެ ދަށުން ގާސިމް ވެސް މިނިވަންކޮށްފި

ކަފާލާތުގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ހައިކޯޓުން މިނިވަންކޮށްފި އެވެ. އޭނާ މިހާރު ހުންނެވީ ޖަރުމަންވިލާތުގަ އެވެ.

ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެކެވެ. އެ ހުކުމް އިއްވީ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ. އޭރު އޭނާ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

އެ ހުކުމަށްފަހު ގާސިމް ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި އެވެ. ނަމަވެސް ފަހުން
ވަނީ ޖަރުމަންވިލާތަށް އަމިއްލަފުޅަށް ވަޑައިގެންފަ އެވެ. ބޭސްފަރުވާއަށް ދިން މުދައްތު މިހާރު ވަނީ ހަމަވެފަ އެވެ.

ގާސިމް ކަފާލާތުގެ ދަށުން ހައިކޯޓުން މިނިވަންކޮށްފައިވަނީ އޭނާއަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފާމެދު އެ ކޯޓަށް ވަކި ގޮތެއް ކަނޑައެޅެންދެނެވެ. އެ މައްސަލާގެ އަޑުއެހުންތައް މީގެކުރިން ފަށަން ތާވަލުކުރި ނަމަވެސް އަދި ފަށާފައެއް ނުވެ އެވެ.

ގާސިމްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ މާޗް 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓްލާ މެންބަރުންނަށް އެހީތެރިވެ ދެވަނަ ދައުރަކަށް ހޮވައިދިނުމަށް މަސައްކަތް ކުރާނެ
ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެން އެވެ.