ގާސިމް އިބްރާހިމް

ގާސިމް، ޖަމީލް، އަލީ ވަހީދު ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ޖަރުމަންވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ގާސިމް އެގޮތަށް ނިންމެވީ މިރޭ ހައިކޯޓުން އޭނާ ކަފާލާތުގެ ދަށުން މިނިވަންކުރުމާ ގުޅިގެންނެވެ. ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެކެވެ. އެ ހުކުމް އިއްވީ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ. އޭރު އޭނާ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

އެ ހުކުމަށްފަހު ގާސިމް ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި އެވެ. ނަމަވެސް ފަހުން ވަނީ ޖަރުމަންވިލާތަށް އަމިއްލަފުޅަށް ވަޑައިގެންފަ އެވެ. ބޭސްފަރުވާއަށް ދިން މުދައްތު މިހާރު ވަނީ ހަމަވެފަ އެވެ.

ގާސިމް ކަފާލާތުގެ ދަށުން ހައިކޯޓުން މިނިވަންކޮށްފައިވަނީ އޭނާއަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފާމެދު އެ ކޯޓަށް ވަކި ގޮތެއް ކަނޑައެޅެންދެނެވެ. އެ މައްސަލާގެ އަޑުއެހުންތައް މީގެކުރިން ފަށަން ތާވަލުކުރި ނަމަވެސް އަދި ފަށާފައެއް ނުވެ އެވެ.

ގާސިމްގެ ޓީވީ ސްޓޭޝަން، ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، އަންނަ ބުދަދުވަހުގެ މެންދުރުފަހު ތިނެއް ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ. އޭނާއާ އެކު، ދެދަރިކަލުން ކަމަށްވާ މުހަންމަދު އާއި އިސްމާއީލްވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. މީގެ އިތުރަށް، ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި، އެމަނިކުފާނުގެ ސިޔާސީ މުޝީރު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހުމަދު ވެސް އޭނާއާ އެކު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ޖަމީލް އާއި އަލީ ވަހީދު ވެސް އުޅުއްވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެގައުމުގަ އެވެ.

އަލީ ވަހީދާއި ޖަމީލަކީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންވެސްމެއެވެ. ޖަމީލު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރަން މަސައްކަތް ފެށުމުންނެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެންފައިނުވާއިރު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރި އެވެ.

އަލީ ވަހީދު ރާއްޖެ ދޫކުރައްވާ އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއަށްފަހު އެވެ. އޭރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދާދިފަހުންނެވެ.