މޫސުން

ފަސް ދުވަހަށް މޫސުން ގޯސްވާނެ، ރައްކާތެރިވޭ!

Oct 1, 2018

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި އެކަމަށް ރައްކާތެރިވެތިބުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ، މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަން ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވައިގަދަވެ، ބޯކޮށް ވާރޭވެހި ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މުސުން ލަފާކޮށްފައިވާ ގޮތުގައި އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.

އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.