އަހުމަދު ޝަރީފް އާދަމް

ރައީސް މީހަކު "ގުރުބާން" ކޮށްފާނެ ކަމަށް ޝަރީފް ވިދާޅުވާ އޯޑިއޯއެއް

ރިޔާސީ އިންތިހާބަށްފަހު އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފޯނު ކޯލެއްގައި ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކްކޮށްލައިފި އެވެ. އެ އޯޑިއޯ ވައިރަލް ކުރަނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކެވެ.

އެ އޯޑިއޯ ފޭސްބުކްގައި ލީކްކޮށްލުމަށްފަހު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވަނީ ފޭސްބުކްގައި އޯޑިއޯ ޝެއާ ކުރައްވާފަ އެވެ. އަދި ވިދާޅުވީ، "މާތްކަލާނކޯ، މިއީ ކޮން ފަދަ ކަމެއް،" ކަމަށެވެ.

ލީކްކޮށްލާފައިވާ އޯޑިއޯގައި ޝަރީފްއާ ވާހަކަ ދައްކާ މީހާ ތަކުރާރުކޮށް ބުނަމުން ދިޔައީ ބިރުގަންނަ ކަމަށާއި އެކަމުގައި "ބެނދެން" އޭނާ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއް ކަމެއް އޯޑިއޯއިން ސާފެއް ނުވެ އެވެ. އެކަމަކު
ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތް ވޯޓުތަކެއް ޝަރީފާ ގުޅިގެން އޮޅުވާލިކަމުގެ ތުހުމަތު ޕީޕީއެމްއަށް ނިސްބަތްވާ މީހަކު ގުޅާފައި އޭނާއަށް ކޮށްފައިވާ ކަމަށް ބުނެ އެވެ.

ޝަރީފް އޯޑިއޯގައި ވިދާޅުވާ އަޑު އިވެނީ އެކަމާ ހާސްނުވުމަށެވެ. އަދި ޝަރީފް ވަނީ އޭނާ ވާހަކަ ދެއްކި މީހާ ގާތު އެއްވެސް ކަމަކަށް އެއްބަސް ކުރުވަން އުޅެފި ނަމަ އެކަމަށް އެއްބަސްނުވާން ބުނެފަ އެވެ. އަދި އެކަމަކީ ހެއްކެއް ނެތް ކަމަކަށް ވާތީ އެކަން ފުލުހަށް ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެއިތުރުން އޯޑިއޯގައި ވާހަކަ ދައްކާ މީހާ ވަނީ ކޮންމެ ވެސް އެއްޗެއް ލީކްވެއްޖެއްޔާ އެމްޑީޕީއަށް ކަމެއް އޮޅުންފިލުވައިދިނުމަށް ވެސް އެދިފަ އެވެ. އަދި އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ކޮންމެ ވެސް އެއްޗެއް ދިން ވާހަކައެއް ވެސް ދެއްކި އެވެ. ނަމަވެސް ޝަރީފް ވަނީ އެއްވެސް ކަމެއް ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެކަމާ ރައީސް މިހާރު ނޫޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޯޑިއޯގައި އިވޭ ގޮތުގައި ޝަރީފް ވަނީ ރައީސް ޔާމީންއަށް ނިސްބަތް ކުރައްވާ ވާހަކަތަކެއް ދައްކަވާފަ އެވެ. މި ހާލަތުގައި ރައީސް ޔާމީން ކޮންމެ މީހަކު ކޮންމެފަދަ ކަމެއްގައި ވެސް "ގުރުބާން" ކޮށްފާނެ ކަމަށް ޝަރީފް ވިދާޅުވެ އެވެ.

އޯޑިއޯއާ ގުޅިގެން ޝަރީފާ "އަވަސް"އިން ގުޅުމުން ވިދާޅުވީ އެ އޯޑިއޯއަކީ އިންތިހާބުގެ ދާއިމީ ނަތީޖާ ވެސް އިއުލާން ކުރި ފަހުން ރައްޓެއްސަކާއެކު ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ކަމަށެވެ. އަދި އެ ގާތް ރަހުމަތްތެރިޔާއާ ވާހަކަ ދެއްކީ، "ވޯޓް އޮޅުވާލީ ކަމަށް" ބުނެ ޕީޕީއެމްއިން ކުރާ ތުހުމަތުތަކާ ގުޅިގެން ރަހުމަތްތެރިޔާ އެ އިންޒާރުތަކަށް ބިރުން އުޅޭތީ އެކަމާ ބިރު ނުގަތުމަށް އެދި ދެއްކެވި ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އިންތިހާބުގެ ކަމަކާ ގުޅުވައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެ އޯޑިއޯ ހަދާފައިވަނީ އޭނާ ދައްކާފައިވާ ވާހަކަތަކުގެ ތަންތަންކޮޅު ނަގައިގެންކަން ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.