ފިނިޕޭޖް

ހުވަފެންތަކުން އުފެދިގެން އައި މަޝްހޫރު ފަސް ހިޔާލު

ނިދީގައި އެންމެނަށް ވެސް ހުވަފެން ފެނެ އެވެ. ނަމަވެސް އެ ހުވަފެނުގެ ވާހަކަ އެހެން މީހަކަށް ކިޔައިދިނުމުގެ ފުރުސަތު ލިބެނީ ބައެއް މީހުންނަށެވެ. ހުވަފެނުގެ މައްޗަށް ނުވަތަ ނިމޭ ތަނަށް ހޭލެވިއްޖެ ނަމަ އެ ހުވަފެނެއްގެ ކުލަ ހަނދާންތައް ސިކުނޑީގައި ހަރުލުމުގެ ފުރުސަތު ބޮޑުވެ އެވެ. މިގޮތަށް ސިކުނޑީގައި ރައްކާކުރެވޭ ބައެއް ހުވަފެންތަކުން މީހުން ނިކަން އަޖާއިބުކުރުވަނިވި ކަންތައް ކުރެ އެވެ. ބައެއް މީހުން ހިތްހައިމު މިއުޒިކް އުފައްދައިގެން މީހުންނަށް ހިނިތުންވުން ގެނެސްދެ އެވެ. އަނެއް ބަޔަކު އާދަޔާހިލާފު މޮޅެތި ކުރެހުންތަކުން މީހުން އާޝޯހުކުރުވަ އެވެ. އަދި ވާހަކަ ލިޔެގެންނާއި ހުވަފެނުގައި ފެންނަ ހިޔާލަށް ފިލްމު ހަދައިގެން މީހުންނަށް އަޖާއިބު ދައްކާ މީހުން ވެސް އުޅެ އެވެ.

އެގޮތަށް ހުވަފެނުން ހޭލައިގެން އައިސް ދުނިޔެ ބަދަލުކޮށްލި ބައެއް އާޓިސްޓުންނާއި އެމީހުންގެ އަޖާއިބުކުރުވަނިވި މަސައްކަތްތަކަށް ޖެހިލަމާ ހިނގާށެވެ. ހުވަފެނަކީ ހަގީގަތުގައި ވެސް ވަރަށް ގިނަ އާޓިސްޓުންގެ އެންމެ ބޮޑު އިންސްޕިރޭޝަނެވެ.

މިއީ ފަހުގެ ތާރީޚުގައި އެންމެ ހިތްގައިމު ހުވަފެންތައް ބަލައި އެ ހުވަފެންތައް އާންމުންނާ ހިއްސާކުރި އެންމެ މަޝްހޫރު ފަންނާނުކަން ޔަގީނެވެ. އޭނާގެ ބެސްޓް ސެލިން ސޯންގް "ނަމްބަ9 ޑްރީމް" އަކީ ޔަގީނުން ވެސް އޭނާ ބެލި ހިތްގައިމު ހުފަވެންތަކުގެ މައްޗަށް އުފެއްދި ލަވަތަކުގެ ތެރެއިން އެންމެ ކާމިޔާބު މަސައްކަތެވެ. މިއީ ލެނޮންގެ ސޯލޯ ކެރިއަރުން ވެސް ނެގޭނެ އެންމެ ކާމިޔާބު އެއް ލަވަ އެވެ.

މި ލަވައިގެ މިއުޒިކް އަދި ލިރިކްސް ވެސް ގެނެސްދީފައި ވަނީ އޭނާ އަށް ފެނުނު ހުވަފެނެއްގެ އަސްލަށެވެ. ހުވަފެނުގައި އިވުނު އަޑުތަކާއި ކުރެވުނު އިހްސާސްތައް ލެނޮން މި ލަވައިގައި ކިޔައިދެ އެވެ.

އޭނާގެ އާދަޔާހިލާފު ފިލްމު "އިންސެޕްޝަން" ގައި ދައްކުވައި ދެނީ ހުވަފެންތަކުގެ ތެރެއިން ރޭވުންތެރިކަމާ އެކު ވައްކަން ކުރާ ގޮތެވެ. މީހުންގެ ސިކުނޑީގައި ހިޔާލުތައް އިންދާ ގޮތާއި އެހެން މީހުން ސިއްރުކޮށްގެން ބޮލު ތެރޭގައި ގެންގުޅޭ މޮޅެތި ހިޔާލުތައް ވަގަށް ގެންދާ ގޮތެވެ. ނުވަތަ އެ ހިޔާލުތައް ބަދަލުކޮށްލާ ގޮތެވެ.

މި ފިލްމު ނޯލާން އުފައްދާފައި ވަނީ ލޫސިޑް ޑްރީމްތަކާ އެކު އޭނާ ކުރި ތަޖުރިބާތަކަށް ފަހު އެވެ. އޭނާ 2010 ވަނަ އަހަރު ގެނެސްދިން މި ފިލްމުގެ ސްކްރިޕްޓްގެ ފުރަތަމަ ޑްރާފްޓް ނޯލާން ލިޔުނީ އޭގެ އަށް އަހަރު ކުރިންނެވެ. ފިލްމުގެ ވާހަކަ އިތުރަށް މުއްސަނދިކުރުމަށް އޭނާ ލޫސިޑް ޑްރީމްގެ ތަޖުރިބާ ވަރަށް ބޮޑަށްކުރި އެވެ. ލޫސިޑް ޑްރީމިން އަކީ އެނގިހުރެ ހުވަފެން ބަލައިގެން ހުވަފެނުގެ ކޮންޓްރޯލް އަތުލައިގެން އޭގެ ތެރޭގައި ބޭނުން ކަމެއް ކުރުމެވެ.

މަޝްހޫރު ސުރިއަލިސްޓް ކުރެހުންތެރިޔާ ސެލްވެޑޯ ޑެލީ އަކީ ވެސް އޭނާގެ ހުވަފެންތައް އާންމުންނަށް ގެނެސްދިން ފަންނާނެކެވެ. އޭނާ އެއް ފަހަރަކު ބުނެފައި ވަނީ އަހަރެމެންނަށް ފެންނަ ހުވަފެނީ ދުނިޔެއަށް ވުރެ މާ އަޖާއިބުކަން ބޮޑު އުކުޅަކަށް އަހަރެމެންގެ އަސްލު ދިރިއުޅުން އަދި ބަދަލުވެގެންދާނެ ކަމަށެވެ.

ހުވަފެނުގައި ބެލި މަންޒަރުތަކުން ހިތްވަރު ލިބިގެން ޑެލީ ކުރެހި އެންމެ މަޝްހޫރު ކުރެހުމަކީ "ޕާސިސްޓެންސް އޮފް މެމޮރީ" ގެ ނަން ދީފައިވާ ކުރެހުމެކެވެ. އޭގައި ދައްކުވައި ދެނީ ވިރިގެން ފައިބަމުންދާ ގަޑިތަކެކެވެ. މި ކުރެހުމުގެ މާނައަކީ ހުވަފެނީ ދުނިޔޭގައި ވަކި ވަގުތެއް ނޯންނަ ވާހަކަ އެވެ. އެމީހަކު ބޭނުން ގޮތަކަށް ވަގުތާ ކުޅެލެވޭ ވާހަކަ އެވެ.

ޑެލީގެ މި ކުރެހުމަކީ ސުރިއަލިސްޓް އާޓް ދުނިޔެ އަށް މަޝްހޫރުކުރުމުގައި މުހިންމު ރޯލެއް އަދާކުރި މަސައްކަތެކެވެ. މި ވައްތަރުގެ ކުރެހުންތަކުގައި އޭނާ ވަރުގެ ދެ ވަނަ މީހަކު ނެތްކަން ސާބިތުކޮށްދިނީ ވެސް މި ކުރެހުމުންނެވެ.

ބީޓްލްސް އަކީ އެމީހުންގެ ހިތްގައިމު މިއުޒިކާ އެކު މުޅި ދުނިޔެ ފަތަހަކޮށްފައިވާ ބޭންޑެކެވެ. އެމީހުންގެ ލަވަ "ޔެސްޓަޑޭ" އަކީ މިއުޒިކްގެ ތާރީޚްގައި އެންމެ ގިނަ މީހުން ކަވާކޮށްފައިވާ ލަވައެވެ. މި ލަވައަކީ ވެސް ހުވަފެނެއްގެ ތެރެއިން އުފެދިގެން އައި ލަވައެކެވެ.

ލަވައިގެ މެލޮޑީ އުފެއްދި ބޭންޑް މެމްބަރު، ޕޯލް މެކްކާޓްނީ ބުނެފައި ވަނީ އެއީ އޭނާ އަށް 1964 ވަނަ އަހަރުގެ ރޭގަނޑެއްގައި ފެނުނު ހުވަފެނަކުން ބޮލަށް ވަން ރާގެއް ކަމަށެވެ. އެ ހުވަފެނުގައި އޭނާ އަށް ފެންނަނީ އެނދު ކައިރީގައި ޕިއާނޯ ކުޅެން އިންދަ އެވެ. އެ ހުވަފެނުން އޭނާގެ ބޮލަށް ވަން ރާގާ އެކު ހެނދުނު ހޭލި ގޮތަށް އޭނާ ކުޅެން ފެށީ އެ ރާގެވެ. އެންމެފަހުން ބޭންޑްގެ މެމްބަރުންނާ އެ ރާގު ހިއްސާކޮށްގެން "ޔެސްޓަޑޭ" ލަވަ އުފެދުނީ އެވެ.

ޑައިރެކްޓަރު ކްރިސްޓޮފާ ނޯލާން ގޮތަށް، ރިޗަޑް ލިންކްލޭޓާ އަކީ ވެސް ހުވަފެންތަކުން ފިލްމު އުފެއްދުމަށް މަޝްހޫރު ޑައިރެކްޓަރެކެވެ. މިއީ ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ "ބިފޯ މިޑްނައިޓް" އާއި މި ފިލްމުގެ ކުރީގެ ދެ ފިލްމު ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ނޯލާން ގޮތަށް ލިންކްލޭޓާ އަކީ ވެސް ލޫސިޑް ޑްރީމްގެ ތަޖުރިބާކުރާ ފަރާތެކެވެ. އޭނާ ބުނީ ހުވަފެންތަކުގެ ތެރެއަށް އޭނާ އަށް ހޭލެވުމަކީ ވަރަށް ވެސް އާންމު ކަމެއް ކަމަށެވެ. އޭނާ 2001 ވަނަ އަހަރު ގެނެސްދިން "ވޭކިން ލައިފް" ގެ މަސައްކަތް ކުރަމުން ދިޔައިރު ވެސް ލިންކްލޭޓާ ވަނީ ވަރަށް ގިނައިން ލޫސިޑް ޑްރީމް ތަޖުރިބާކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ އެއީ ފިލްމުގެ ރިސާޗް ކަމަށާއި ފިލްމުގެ މުއްސަނދިކަން އިތުރުކުރުމަށް އަމިއްލަ ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފި ކަމަށެވެ.