ލައިފްސްޓައިލް

ބިޓު ކެޓީ ދޯ! ނަސޭހަތެއް ބޭނުންތަ؟

Jun 11, 2015
1

ބިޓު ކަޓައިގެން ގޮސް އެހެން މީހުންނާ އެކު އަމިއްލަ ނަފުސަށް ވެސް އޮޅުވާލެވެނީ ހެއްޔެވެ؟ އެ ފުން ހިތާމައިގެ ކަނޑުން އަރައިގަތުމުގެ ބަދަލުގައި އެ ފުންކަމުގެ ތެރެއަށް އަދިވެސް ގެނބެނީ ހެއްޔެވެ؟ އޭނާ ދެކެ ލޯބިވާވަރު ބުނަން އަދިވެސް ހިތް ތެޅެނީ ހެއްޔެވެ؟ އެކަމަކު އޭނާއެއް ދެނެއް އެނބުރިއެއް ނާންނާނެ އެވެ. އަންނާނެ ކަމަށް އުއްމީދުކުރެވެނީ ހެއްޔެވެ؟ ކެހި ދީފައި ދިޔަ ލޯބިވެރިޔާ ރަނގަޅުވެދާނެ ކަމަށް އުއްމީދުކުރެވެނީ ހެއްޔެވެ؟ ތިޔައީ ހުސް ހިޔާލެވެ. ބިޓު ކަޓައިގެން ދިއުމުން ވެރިވެފައިވާ ހިތާމާގައި އަމިއްލަ ނަފުސަށް ވެސް އޮޅުވާލެވެނީ އެވެ.

އޭނާގެ ހަނދާންތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބި ހިތާމައިގެ ބަނަކަމުގެ ތެރޭގައި ތިމާ ތާށިކޮށްލާ އެންމެ ނުބައި ފިކުރަކީ ދެ މީހުންގެ މައްސަލަ ހައްލުވެ ދެ މީހުން އަލުން އެކުގައި އުޅޭނެ ކަމަށް ގަބޫލުކުރުމެވެ. ފުނޑުފުނޑުވެފައިވާ ހަޔާތް އަލުން އޭގެ އަސްލު ސިފައަށް ބަދަލުވެދާނެ ކަމަށް ގަބޫލުކޮށްގެން ހުންނަ މީހާގެ ހަޔާތް ދުވަހަކު ވެސް އެ ހިސާބުން ކުރިއަކަށް ނުދާނެ އެވެ. ލޯބިން އެކުގައި އުޅުނު ދެ މީހަކު ރުޅިވުމަށް ފަހު އަލުން ގުޅޭނެ ކަމުގެ އުއްމީދުގައި ވަގުތު ނަގާނުލާށެވެ. އެއީ އަމިއްލަ ނަފުސަށް ވެވޭ ހިޔާނާތެކެވެ.

ތިމާއާ ރަނގަޅަށް ޓިއުނުވާ މީހަކު ހޯދުމަކީ އަނެއް މުހިންމު ކަމެވެ. ބިޓު ކަޓައިގެން އެކަމާ ހިތާމަކުރުމުގެ ބަދަލުގައި ރައްޓެހިންނާ އެކު ބޭރަށް ނުކުމެ އުފާވެރިކަމުގައި ވަގުތު ގުނޭތޯ ބަލާށެވެ. އިސާހިތަކު ޝައުގުވެރިވާ ފަދަ ބައިވެރިޔަކާ ވެސް ދިމާވެދާނެ އެވެ. ތިމާގެ ހިޔާލުތަކާ ފުށުނާރާ ބައިވެރިޔަކު ހޯދުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

މިސާލަކަށް ހިޔާލާއި ފިކުރުގެ ގޮތުން ދިމާ އިދިކޮޅު މީހަކު ހަޔާތަށް ގެނެވިއްޖެ ނަމަ އޭގެން ނުކުންނާނެ ނަތީޖާ ވަރަށް ވެސް ހިތިވާނެ އެވެ. ފަހަރެއްގައި އެންމެފަހުން ރައްޓެހިވެގެން އުޅުނު ކުއްޖާ ވެސް ދޫކޮށްލަން ޖެހުނީ އެކަހަލަ ކަމެއްގައި ކަމަށް ވެސް ވެދާނެ އެވެ. ހިޔާލު ދިމާނުވާ ބައިވެރިޔަކު ހަޔާތުގައި ހުރުމަކީ ވަރަށް ވެސް ނުރައްކާތެރި ކަމެކެވެ. ތިމާ އަޑުއަހާ މިއުޒިކާއި އެކުގައި އުޅޭ ރައްޓެހިން އަދި އާންމު ބަހުރުވަ ކަމުނުދާ ބައިވެރިޔަކާ އެކު ދިރިއުޅުމެއް ފައްކާކުރާނެ ގޮތެއް އޮންނާނެ ހެއްޔެވެ. އޭރުން ތިބެން ޖެހޭނީ އަބަދުވެސް ދެ ބަސް ވުމެއްގެ ތެރޭގަ އެވެ.

ތިމާގެ ހިޔާލާ ބައްދަލު ބައިވެރިޔަކު މުހިންމު ވަނީ މި ސަބަބާ ހެދި އެވެ.

ބިޓު ކަޓައިގެން އުޅޭ ނަމަ، ދެން ލޯބިވެރިޔަކު ހޯދާއިރު މިއީ ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. އަވަހަށް މި ނުކުތާ ނޯޓްކޮށްލާށެވެ.

ތިމަންނަ އެކަނިވީ ކަމަށް ހީނުކުރާށެވެ. އަދި މިހާރު ރައްޓެހިވެގެން ތިޔަ އުޅޭ ކަޓު ބިޓު ކަޓައިގެން ވެސް އެކަނިވެރިވެދާނެ ކަމަށް ގަބޫލުނުކުރާށެވެ. އެހެން ވެދާނެ ކަމަށް ހީކޮށް ނުބައި ބައިވެރިޔަކާ އެކު ހަޔާތް ބަރުބާދު ކުރުމުގެ ވަކި ބޭނުމެއް އެބައޮތް ހެއްޔެވެ؟ މިއީ ބައެއް މީހުންނަށް ވާ ގޮތެވެ.

އެކުގައި މިހާރު އުޅޭ ކުއްޖާ އެއްގޮތަކަށް ވެސް ކަމަކުނުދެ އެވެ. އޭނާ ކުރާ އަދި އޭނާ ކޮށްދޭ ކަމެއް ވެސް ކަމަކުނުދެ އެވެ. އެކަމަކު ވެސް އޭނާ ދޫކޮށްލާފައި އެއަށް ވުރެ ރަނގަޅު ބައިވެރިޔަކު ހޯދަން ނުކުތުމުގެ ބާރެއް އަމިއްލަ ނަފުސަކު ނެތެވެ. ނުވެސް ކެރެނީ އެވެ. މިއީ ވަރަށް ބޮޑު މައްސަލަ އެކެވެ. ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އެކުގައި އުޅޭ ބައިވެރިޔާ އަކީ ކިތަންމެ ގޯސް ހޮވުމެއް ކަމަށް ވިޔަސް ދެން އޭނާ އަށް ވުރެ ރަނގަޅު ހޮވުމެއް ނުހޮވޭނެ ކަމަށެވެ. މި ކުށްހީ ދޫކޮށްލަން އެބަޖެހެ އެވެ.

އަދި ލޯބިވެރިޔާ ކަމުނުދާ ނަމަ އޭނާ ދޫކޮށްލުމަށް ފަހު އެއަށް ވުރެ ރަނގަޅު ލޯބިވެރިޔަކު ހޯދަން މަސައްކަތްކުރަން ވެސް އެބަޖެހެ އެވެ. ބައިވެރިޔާ ކަމުނުދާ ހިސާބުން އެ އޮތީ މުޅި ގުޅުން ހަރާބުވެފަ އެވެ. ބިޓު ކެޓިކަސް ރަސްމީނުވިޔަސް އެކަން އަމިއްލަ ނަފުސަށް އިހްސާސްކުރެވޭނެ އެވެ. އެހެންވީމަ، ނުބައި ބައިވެރިޔެއް އިހްތިޔާރުކޮށްގެން އުއްމީދު ގެއްލިފައި ހުރުމަކީ އަމިއްލަ ނަފުސަށް ދެވޭ ވަރަށް ވެސް ބޮޑު ކެއްސެކެވެ.