ދުނިޔެ

އިންޑޮނޭޝިއާ: ވެއްޓުނު ފައްޅިއެއްގެ ދަށުން 34 ދަރިވަރުންގެ ހަށިގަނޑު ފެނިއްޖެ

Oct 2, 2018

ޖަކާޓާ (އޮކްޓޯބަރު 2) - އިންޑޮނޭޝިއާގެ ސަރަހައްދަކަށް ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމަކާއެކު އެރި ސުނާމީގައި ވެއްޓުނު ފައްޅިއެއްގެ ދަށުން 34 ދަރިވަރުންގެ ހަށިގަނޑު ފެނިފައިވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މިހާތަނަށް އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 844 އަށް އަރާވައިފާއިރު، އެ ހާދިސާގައި އަސަރުކޮށްފައިވާ ސަރަހައްދު ކުރިން ލަފާކުރެވުނު ވަރަށް ވުރެ ބޮޑުކަމުން، އެ އަދަދު އިތުރުވެދާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

އިންޑޮނޭޝިއާގެ ޕަލޫ ސަރަހައްދަށް އައި 7.5 ރިކްޓާ މިންގަޑުގެ ބާރުގަދަ ބިންހެލުމަށްފަހު، އެރި 20 ފޫޓަށް ވުރެ ބޮޑު ސުނާމީގައި، އެ ސަރަހައްދުގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ފައްޅި ދަށުން ފެނުނު 34 ދަރިވަރުންނަކީ، ކޭމްޕުގޮސް އުޅުނު 86 ދަރިވަރުންގެ ގުރޫޕެއްގައި ހިމެނޭ ދަރިވަރުންތަކެއް ކަމަށާއި، ބާކީތިބި 52 ދަރިވަރުން ވީތަނެއް ނޭނގޭ ކަމަށެވެ.

ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރަށް، މަރުވި މީހުން ވަޅުލުމުގެ މަސައްކަތް ވެސް ވަނީ އަވަސްކޮށްފަ އެވެ.

އިންޑޮނޭޝިއާގެ ޕަލޫ ސަރަހައްދަށް އައި 7.5 ރިކްޓާ މިންގަޑުގެ ބާރުގަދަ ބިންހެލުމަށްފަހު، އެރި 20 ފޫޓަށް ވުރެ ބޮޑު ސުނާމީގައި، އެ ސަރަހައްދުގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ޕަލޫގައި ގާތްގަނޑަކަށް 300،000 މީހުން ދިރިއުޅޭއިރު، އެ ރަށުގައި އޮންނަ ރަންވޭއަށާއި، މަގުތަކާއި، ބުރިޖުތަކަށް ވެސް ގެއްލުން ލިބިފައިވާތީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފަ އެވެ.

އަދި ވެއްޓުނު އެތަކެއް ހޮޓާތަކާއި، ޝޮޕިންގް ކޮމްޕްލެކްސްތަކުގެ ދަށުވެފައިތިބި މީހުން ސަލާމަތްކުރުމަށް، ބޮޑެތި އިކުއިޕްމަންޓުތައް ވެއްދުމަށް ވެސް ހުރަސްއެޅިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ބިންހެލުމާއި ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް އަރާނެކަމަށް ރެޑް ކްރޮސް އިން ވަނީ ލަފާކޮށްފަ އެވެ.

ބިންހެލުން އައި ވަގުތު ސުނާމީ އެއް އަރާފާނެކަމުގެ އިންޒާރުން ދިނުމަށްފަހު އެ އިންޒާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ސުނާމީ އަރާފައިވަނީ އިންޒާރު އަނބުރާ ގެންދިޔަތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

މިދިޔަ މަހު ޓޫރިސްޓުންގެ މެދުގައި މަގުބޫލު ލޮމްބޯކަށް އައި ބިންހެލުމުގައި 460 މީހުން ވަނީ މަރުވެފަ އެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ. އެގައުމަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީއެއްގައި އޭޝިއާގެ އެކި ގައުމުތަކުން ދެލައްކައަށް ވުރެ ގިނަ މީހުން މަރުވި އެވެ.