އެމްއެމްއޭ

ރައީސްގެ މައްޗަށް އެމްއެމްއޭއިން ހުށަހެޅި މައްސަލަ އަނބުރާ ނުގެންދޭ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަހުގީގު ކޮށްދިނުމަށް އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވާ މަނީލޯންޑްރިންގެ މައްސަލަ އަނބުރާ ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ދީފި އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ރައީސް ޔާމީންގެ ނަމުގައި، އިސްލާމިކް ބޭންކްގައި އޮތް އެކައުންޓަކަށް 1.5 މިލިއަން ޑޮލަރު ނަގުދު ފައިސާއިން ޖަމާކުރި ކަމަށް އެމްއެމްއޭއިން ފުލުހުންނަށް ފޮނުވި ސިޓީއަކާ ހަވާލާދީ އަލްޖަޒީރާއިން މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ރައީސްގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ވަނީ އެ މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައި ވަނީ އެމްއެމްއޭގެ ގަވަރުނަރަށް ނޭނގި ކަމަށް ވާތީ، މިހާރު އެމްއެމްއޭއިން މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން އެމްއެމްއޭގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ނާސިހު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ފަރާތުން މީޑިއާއަށް ދިން ސްޓޭޓްމަންޓްގައި ބުނީ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މިހާތަނަށް 137 ރިޕޯޓެއް އެކި އެކި ތަހުގީގީ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އޭގެތެރެއިން އެއްވެސް ރިޕޯޓެއް އަނބުރާ ގެނެސްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާސިހް ވިދާޅުވީ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތަހްގީގީ އިދާރާތަކާއި ތަންފީޒީ އިދާރާތަކަށް ފޮނުވޭ މައުލޫމާތު ގާނޫނުގައިވާ ގޮތަށް އޭގެ އެންމެ ނަޒާހަތްތެރި ގޮތުގައި ބަލަހައްޓައި ހުއްދަނެތި ތިންވަނަ ފަރާތަކަށް ހިއްސާކޮށް ތަހްގީގީ އިދާރާތަކުން ބޭނުން ކުރުމަކީ ކަމާބެހޭ ހުރިހާ އިދާރާތަކުން ލާޒިމް ކުރާ ކަމެއް ކަމަށެވެ.

"މި ޔުނިޓުން މިއަދާ ހަމައަށް 137 ރިޕޯޓެއް ރާއްޖޭގެ އެކިއެކި ތަހްގީގީ އިދާރާތަކާއި ހިއްސާ ކުރެވިފައިވާނެ، މި ޔުނިޓުން މިހާތަނަށް ތަހްގީގީ އިދާރާއަކާ ހިއްސާކުރި އެއްވެސް ސިޓީއެއް، ރިޕޯޓެއް އަދި މިފަދަ އެއްވެސް މައުލޫމާތެއް އަނބުރާ ގެނެސްފައިނުވާނެ،" ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ބަޔާނުގައި ވެއެވެ.

އެމްއެމްއޭގެ ފައިނޭންޝަލް ޔުނިޓުން މި މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއަކާ ހަވާލާދީ އަލްޖަޒީރާއިން މިއަދު ޝާއިއު ކުރި ހަބަރުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް، ސެޕްޓެމްބަރު 5 ގައި 648،508 ޑޮލަރު އަދި ސެޕްޓެމްބަރު 10 ގައި އިތުރު 810،635 ޑޮލަރު ޖަމާކޮށްފައިވަނީ ނަގުދު ފައިސާއިން ކަމަށެވެ. އަދި އެ ފައިސާ ހަމަ އެ ދުވަހު އެކައުންޓުން ނަގާފައިވާ ކަމަށް ވެސް އެ ސިޓީގައިވާ ކަމަށް އަލްޖަޒީރާގައިވެ އެވެ. އެ ފައިސާއަކީ، ކޮން ފައިސާއެއްތޯ އެމްއެމްއޭ އިން ސާފުކުރުމުން އެއީ ކެމްޕޭނަށް ލިބުނު ފައިސާ ކަމަށް ރައީސްގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ސިޓީގައި ބުނާ ކަމަށް ވެސް އަލްޖަޒީރާއިން ބުންޏެވެ.

އެކަމާ ގުޅިގެން ރައީސްގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އިންތިހާބާ ދިމާކޮށް ކެމްޕޭނަށް ލިބޭ ފައިސާ ޖަމާކުރުމަށް ރައީސްގެ އެކައުންޓެއް ހާއްސަކުރި ކަމަަށާއި އެ އެކައުންޓަށް އެފަދަ ފައިސާ ޖަމާކުރަމުން ދާ ކަމަށެވެ. އަދި އެކަމުގެ ތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ނުހިންގާ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް މުއާޒު ވަނީ ވިދާޅުވެފަ
އެވެ.

އިންތިހާބާ ބެހޭ ގާނޫނުގެ 67 ވަނަ މާއްދާގެ ހ. ގައި ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކުރާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި ހުޅުވަންވާނެ ކަމަށެވެ. އަދި އެމާއްދާގެ ށ. ގައި ކޮންމެ ކެންޑިޑޭޓަކުވެސް އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓް މެދުވެރިކޮށް ކަމަށާއި އެކެންޑިޑޭޓަކަށް އެ އިންތިހާބާ ގުޅިގެން ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އެ އެކައުންޓަށް ކަމަށް އެގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން އިންތިހާބާ ބެހޭ ގާނޫނުގެ 69 ވަނަ މާއްދާގައި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރަންވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް ކަމަށެވެ.