ޖުމްހޫރީ ޕާޓީ

ގާސިމް ރާއްޖެ ވަޑައިގެންފި

Oct 4, 2018
5

ކަފަލާތުގެ ދަށުން މިނިވަން ކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ޖަރުމަނުގެ ހިމާޔަތުގައި ހުންނެވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ސެޕްޓެމްބަރު 7، 2017 ގައި ގާސިމް ރާއްޖެއިން ބޭރަށް ފޮނުވީ، ބޭސްފަރުވާއަށެވެ.

ގާސިމްއަށް އެއާޕޯޓްގެ ވީއައިޕީއިން މަރުހަބާ ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ފައިސަލް ނަސީމް އެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ވެރިން ވެސް ގާސިމްއަށް މަރުހަބާ ވިދާޅުވުމަށް ވީއައިއޭއަށް ވަޑައިގަތެވެ.

ގާސިމްގެ އަރިހުގައި ޖޭޕީގެ ރައީސް، އަލީ ވަހީދު ވެސް ރާއްޖެ ވަޑައިގަތެވެ. އެ ދެ ބޭފުޅުން މާލެ ވަޑައިގަތުން އިއްޒުއްދީން ފާލަންގެ ކައިރީ ގިނަ އަދަދެއްގެ ޖޭޕީގެ ސަޕޯޓަރުން ވަނީ އެ ދެ ބޭފުޅުންނަށް ހޫނު މަރުހަބާ ކިޔައިފަ އެވެ. ގާސިމް އާއި އަލީ ވަހީދު ވަނީ މ. ކުނޫޒަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަވައިފަ އެވެ.

ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެކެވެ. އެ ހުކުމް އިއްވީ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ. އޭރު އޭނާ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އެ ހުކުމަށްފަހު ގާސިމް ޖަލަށް ގެންގޮސްފައެއް ނުވެ އެވެ. ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި އެވެ. ނަމަވެސް ފަހުން ވަނީ ޖަރުމަންވިލާތަށް އަމިއްލަފުޅަށް ވަޑައިގެންފަ އެވެ. ބޭސްފަރުވާއަށް ދިން މުދައްތު މިހާރު ވަނީ ހަމަވެފަ އެވެ.

ގާސިމް ކަފާލާތުގެ ދަށުން ހައިކޯޓުން މިނިވަންކޮށްފައިވަނީ އޭނާއަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފާމެދު އެ ކޯޓަށް ވަކި ގޮތެއް ކަނޑައެޅެންދެނެވެ. އެ މައްސަލާގެ އަޑުއެހުންތައް މީގެކުރިން ފަށަން ތާވަލުކުރި ނަމަވެސް އަދި ފަށާފައެއް ނުވެ އެވެ.

ގާސިމްއާއެކު ރާއްޖެ ވަޑައިގެންނެވި އަލީ ވަހީދާކީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންވެސްމެއެވެ. އަލީ ވަހީދު ރާއްޖެ ދޫކުރައްވާ އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއަށްފަހު އެވެ. އޭރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދާދިފަހުންނެވެ.