overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ހުރީ އަމާން ދީފައި ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން ހުންނެވީ އަމާންދީފައި ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށާއި އިންތިހާބުގައި ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯދައިދެއްވާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު އަބްދުﷲ ހަލީލް ވިދާޅުވީ އީސީއާ ބެހޭ ގޮތުން ލިބެމުން އަންނަ ގިނަ ޝަކުވާތަކަށް ބަލައި ތަހުގީގު ކުރުމަށް ހުރިހާ އިދިކޮޅު ލީޑަރުންނާއި ރައްޔިތުން ގޮވާލަން ޖެހޭ ކަމަށާއި އިންތިހާބަކީ ހަމަހަމަކަމާއި އިންސާފު ނުގެއްލޭ އިންތިހާބެއް ގޮތުގައި ކަށަވަރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ. ޕީޕީއެމްގެ ލީގަލް ޓީމުތަކުން އެ މައްސަލަތައް ބަލަމުން އަންނަ ކަމަަށާއި އެ މައްސަލަތައް ހިފައިގެން ރައްޔިތުންގެ ހައްގުގައި ކޮންމެ ހިސާބަކަށް ދިޔުމަށް ވެސް އޮތީ ތައްޔާރަށް ކަމަށެވެ.

ގައުމުގައި މި ދަނޑިވަޅުގައި ރައީސް ޔާމީންއަށް ހުރި ޕްރެޝަރުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ ހައްގުގައި ރައީސް މަސައްކަތް ކުރައްވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ހުންނެވީ އަމާންދީފަ ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ ހުރިހާ މެންބަރުންނާއި ޕީޕީޕީއެމްއަށް އަދި މި ގައުމުގެ ދެކެ ލޯބިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ ރައީސް ޔާމީން ހުންނެވީ އިރާދަފުޅު ކުރެއްވީއާ ވަރަށް ހިތްވަރު ފުޅާއެކު، ދިވެހި ރައްޔިތުންގެ މިގޮތަށް ހައްގު ގެއްލިގެންދާ ކޮންމެ ފަހަރަކު އެމަނިކުފާނަކީ އެންމެ ވަރުގަދައަށް ނުކުމެވަޑައިގަންނަވާ ބޭފުޅެއް ކަން ތާރީހު ހެކި ދޭނެ، މިއަދު ވެސް އެމަނިކުފާނު އެ ހުންނެވީކީ އެއްގޮތަކަށް ވެސް މިޒާތުގެ ކަންތައްތައް ވަމުންދާ އިރުގައި އަމާން ދީފައި ގެއަށް ވަޑައިގަންނަވާކަށް ނޫން،" ހަލީލް ވިދާޅުވި އެވެ.

އިންތިހާބުގައި ޝައްކު ކުރެވޭ ގިނަ ކަންކަން ހުރި ކަން ފާހަގަ ކުރައްވަމުން ހަލީލް ވިދާޅުވީ އެފަދަ ގޮތަކަށް ހިނގި ރިޔާސީ އިންތިހާބެއް ސައްހައެއް ނުވާނެ ކަމަށެވެ. އަދި އެ އިންތިހާބަކުން ކާމިޔާބު ކުރައްވައިގެން ކުރައްވާ ވެރިކަމެއް ވެސް ސައްހައެއް ނުވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި ވޯޓު ވަނީ އޮޅުވާލާފައި ކަމަށް ހަލީލް ތަކުރާރުކޮށް ވިދާޅުވި އެވެ.