ދުނިޔެ

ފައިސާ ދީގެން އދ. ގެ ސިފައިން ފަގީރު އަންހެނުންނާ ބެހޭ މައްސަލަ ފެންމަތިވެއްޖެ

Jun 11, 2015

ސުލްހަ ބަލަހައްޓާ އދ. ގެ ފައުޖުތަކުގައި ހިމެނޭ ސިފައިން ފައިސާ އާއި ތަކެތި ދީގެން އެކި ގައުމުތަކުގެ ފަގީރު އަންހެނުންނާއެކު ބަދުއަހުލާގީ އަމަލުތައް އާއްމުކޮށް ހިިންގާކަން ހާމަވެއްޖެ އެވެ.

އދ.ގެ އޮފީސް އޮފް އިންޓާނަލް އޯވަސައިޓް އިން އެކުލަވާލި ރިޕޯޓެއްގައި ބުނި ގޮތުގައި ހައިޓީ އާއި ލައިބީރިއާގައި ހަރަކާތްތެރިވާ ސުލްހަ ބަލަހައްޓާ ސިފައިން ވަނީ އެ ގައުމުތަކުގެ އެތައް ސަތޭކަ އަންހެނުންނަށް ފައިސާ އާއި ގަހަނާ އާއި މޮބައިލް ފޯނު ފަދަ ތަކެތި ދީގެން ޖިންސީ ގުޅުމާއި ބަދުއަހުލާގީ އަމަލުތައް ހިންގާފަ އެވެ. އެ ގޮތުން، 2008 އިން 2013އާ ދެމެދު އެފަދަ 480 މައްސަލައެއް ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ގައުމުތަކުގެ އަންހެނުން ހަށިވިއްކަން އެއްބަސް ވަނީ، އެ ރިޕޯޓުގައި ބުނި ގޮތުގައި، ބަނޑުހައިހޫނުކަމާއި ފަގީރުކަމުގެ ސަބަބުން އެ ނޫން ގޮތެއް ނެތިގެންނެވެ.

"... މިފަދަ މައްސަލަތައް އާއްމުކޮށް ހިނގަމުން ދިޔަ ނަމަވެސް ރިޕޯޓުކުރަނީ މަދު ފަހަރަކު،" އަދި އާއްމު ނުކުރާ އެ ޑްރާފްޓް ރިިޕޯޓުގައިވާ ކަމަށް، އެ ރިޕޯޓު ހޯދި އެއް ނޫސް އެޖެންސީ ކަމަށްވާ ރޮއިޓާސް އިން އިއްޔެ ބުންޏެވެ.

އދ.ގެ ރިޕޯޓު ހޯދި ދެ ވަނަ ނޫސް އެޖެންސީ، އޭޕީން ބުނި ގޮތުގައި ހައިޓީގައި ހަރަކާތްތެރިވާ ސުލްހަ ބަަަލަހައްޓާ ސިފައިންނާ އެކު "ފައިސާ އާއި އެއްޗެއްސަށް ޖިންސީ ގުޅުން ހިންގި" ކަމަށް، އެ ރިޕޯޓު އެކުލަވާލުމަށް ހައިޓީގައި މިދިޔަ އަހަރު އިންޓަވިއުކުރި 231 އަންހެނަކު ބުނެފައިވެ އެވެ. ހައިޓީގައި މިދިޔަ އަހަރު އެފަދަ 51 މައްސަލައެއް އަދި އޭގެ ކުރީ އަހަރު 66 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެ ނޫސް އެޖެންސީން ބުންޏެވެ.

"ދޭން ބުނާ އެއްޗެއް ނުދޭ ފަހަރުތަކުގައި، ބައެއް އަންހެނުން އެ ސިފައިންގެ މީހާގެ ބެޖު އަތުލައި ސޯޝަލް މީޑިއާގައި އެ މީހުންގެ ބޭވަފާތެރިކަން އާއްމުކޮށް ބޭޒާރުކޮށްލާނެ ކަމުގެ އިންޒާރު ދެ އެވެ،" ރިޕޯޓުގައިވާ ކަމަށް އޭޕީން ބުންޏެވެ.

ސުލްހަ ބަލަހައްޓާ ސިފައިންގެ ކަންކަން ބަލަހައްޓާ އިދާރާ އިން އެ ޑްރާފްޓް ރިޕޯޓަށް ދީފައިވާ ރައްދު ކަމަށް ބުނާ ލިއެކިއުމެއް ވެސް ރޮއިޓާސް އާއި އޭޕީން ވަނީ އިއްޔެ އާއްމުކޮށްފަ އެވެ.

އެ ރައްދުގައިވާ ގޮތުން، އެ ފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މަދު ކަމަށް ރިޕޯޓުގައި ބުނާ ވާހަކައާ އެ އިދާރާ އިން ވެސް ދެކޮޅެއް ނުހަދަ އެވެ. އެކަމަކު، އެ ތަނުން ބުނީ އެކި ގައުމުތަކަށް ފޮނުވި ސުލްހަ ބަލަހައްޓާ ސިފައިންގެ އަދަދު މިދިޔަ 10 އަހަރު ތެރޭގައި އިތުރުވެފައިވާ މިންވަރަށް ބަލާއިރު އެ ފަދަ މައްސަލަތައް ހިނގާ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްހަ ބަލަހައްޓާ އދ.ގެ 125،000 އަށް ވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދެ އެވެ.