ދުނިޔެ

ނިއުޒީލަންޑުގައި ޓޫރިސްޓުންގެ ފޯނު ޕާސްވާޑު ދޭން މަޖުބޫރު ކުރާ ގާނޫނެއް

Oct 6, 2018

ނިއުޒީލަންޑަށް ޒިޔާރަތްކުރާ ޓޫރިސްޓުން ގެންނަ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ޕާސްވާޑު ކަސްޓަމްސް އޮފިޝަލުންނަށް ދޭން ގާނޫނަކުން މަޖުބޫރުކޮށްފި އެވެ.

އޮކްޓޯބަރު 1 އިން ފެށިގެން އަމަލުކުރަން ފެށި ގާނޫނުގެ ދަށުން، ޓޫރިސްޓުން ގެންނަ މޯބައިލް ފޯނާއި، ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ޕާސްވާޑު، ކަސްޓަމްސް އޮފިޝަލުން އެދިއްޖެނަމަ ދޭން ޖެހޭނެ އެވެ. ޕާސްވާޑު ދޭން އިންކާރުކުރާ ޓޫރިސްޓުން 3،200 އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ވެސް ކަސްޓަމްސް އޮފިޝަލުންނަށް ވަނީ ދީފަ އެވެ.

ނިއުޒީލަންޑު ސަރުކާރުން ބުނީ، އެ ގާނޫނު އެކުލަވާލީ، ޓެކްނޮލިޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި، ކަރުދާހުގެ ބަދަލުގައި، ގާނޫނާ ހިލާފު ލިޔެކިޔުންތަކާއި މުއާމަލާތްތައް ފޮރުވާފައި ހުންނަނީ އިލެކްޓްރޯނިކް ޑިވައިސްތަކުގައި ކަމުން، ކަސްޓަމްސް އޮފިޝަލުންނަށް އެފަދަ މީހުން އަތުލައިގަންނަން ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، އެ ގާނޫނުގެ ދަށުން އެފަދަ ޑިވައިސްތަކުގައި ހުންނަ މައުލޫމާތުތައް ކޮޕީ ކުރުމާއި، އެތަކެތި ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު ވެސް ކަސްޓަމްސް އޮފިޝަލުންނަށް ލިބިދެ އެވެ.

ނަމަވެސް، އެ ގާނޫނަކީ ޓޫރިސްޓުންގެ އަމިއްލަ މިނިވަންކަމަށް އަރައިގަތުންކަމުގައި ބުނެ، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެ ގާނޫނުން އެއްވެސްކަމެއް ހާސިލު ނުވާނެ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. ސަބަބަކީ، ފޯނު ނޫނީ ލެޕްޓޮޕްގައި އެއްވެސް މުއާލާމަތެއް ރައްކާނުކޮށް، ގައުމެއް އެތެރެވުމަށްފަހު، މައުލޫމާތުގެ ބެކަޕެއް ނެގުމުގެ ފުރުސަތު އޮންނާނެތީ އެވެ.