ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިބޫގެ ވެރިކަމުގައި ހައްގުތަކުގެ ގެރެންޓީ ލިބޭނެ: ޖަމީލު

ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކޯލިޝަން ދެމެހެއްޓޭނެ ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ފައިސަލް ނަސީމްގެ ޒައާމަތުގައި ރައްޔިތުންނަށް ހައްގުތަކުގެ ގެރެންޓީ ލިބިގެން ދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ތިން އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ޖަމީލު ވިދާޅުވީ މި ފަސް އަހަރު ރައްޔިތުންނަށް ދިމާވި އެންމެ ބޮޑު ހިތާމައަކީ ނާއިންސާފުން އަނިޔާތަކެއް ލިބިގެން ދިޔުން ކަމަށެވެ. މުޅި ނިޒާމް ހަލާކުކޮށްލުން ކަމަށެވެ.

"ކިހިނެއްވާއޭ މިވީ، މުޅި ނިޒާމަށް ކިހިނެއްބާއޭ މިވީ، އަޅުގަނޑު ހިތުން މިކަން ނިމުނީމަ ގައުމުގެ ވެރިން ފުންކޮށް ވިސްނަންޖެހޭ ކަމެއް މިއީ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ހައްގުތަކުގެ ގެރެންޓީއެއް ދިވެހި ރައްޔިތުން ބޭނުންވެ އެވެ. ހަމައެކަނި ލިޔުމެއް ރައްޔިތުން ބޭނުންނުވާ ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރަކީ ލިޔެވިފައިވާ ދުސްތޫރު އަމަލީ ގޮތުން ފެނިގެންދާނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިސް ލީޑަރުންގެ ލަފަޔާއެކު، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ޒައާމަތުގައި ކޯލިޝަން ދެމެހެއްޓޭނެ ކަމަށެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމާއި ރައީސް މުހައްމަދު ނަޝީދަކީ އެކަމުގައި ތަޖުރިބާ ހުންނެވި ބޭފުޅުން ކަމަށެވެ.

"މިދިޔަ ފަސް އަހަރުގެ މައްސަލައަކީ ރާއްޖޭގެ ލީޑަޝިޕްއާ ނުލާ ކަންކަން ކުރަން އުޅުން، ލީޑަޝިޕް ދުއްވާލަން މަސައްކަތް ކުރުން، އަޅުގަނޑު ހިތުން ރައީސް ޔާމީނަށް އެންމެ ބޮޑު ނާކާމިޔާބެއް މެދުވެރިވީ ވެސް އެހެންވެގެން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮންމެ އިންތިހާބެއް ވެސް ކާމިޔާބުވީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ރައީސް ޔާމީނަށް ވެސް ޒަމާއަތަށް ވަޑައިގެންނެވުނީ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ.

"ރާއްޖޭގައި ކާމިޔާބު ފޯމިއުލާއަކަށް އޮތް ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން، ރާއްޖޭގައި ދެން ވެސް ވެރިކަން ދަމަހައްޓަން ބޭނުން ކަމުގައިވާ ނަމަވެސް އަދި ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަޅުގަނޑުގެ ނަސޭހަތަކީ ގުޅިގެން ހިނގާށޭ ކުރިއަށް ދާން، ކާމިޔާބު ވާނެ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު އިންސާފުގެ ނިޒާމް މިނިވަން ވެފައިވާ ކަމަށާއި ދެން ކޮންމެ ރައްޔިތަކަށް ވެސް އިންސާފު ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުން ހައްޔަރުކޮށްފައިވަނީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ވެސް އިންސާފު ލިބިގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބާތިލުކުރާ ވާހަކަ ސަރުކާރުގެ ފަރާތުން ދެއްކުމަކީ ވަރަށް އާ ކަމެއް ކަމަށާއި އެއީ މާ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ޖަމީލު ވިދާޅުވި އެވެ. ޖަމީލު ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވީ ސަރުކާރުގެ ބާރު އޮވެގެން އެމީހުންގެ އެކްޓިވިސްޓުން ބައިތިއްބައިގެން ކަމަށެވެ.

ޖަމީލު ރާއްޖެ ވަޑައިގަތުމާއެކު މަރުހަބާ ދެންނެވުމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެހެން ވެސް ޕާޓީގެ އިސް ބޭފުޅުންނާއި ޕާޓީގެ ސަޕޯޓަރުން ވެސް ދިޔަ އެވެ. ނަމަވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެއްވެސް ބޭފުޅަކު މަރުހަބާ ދަންނަވަން ވަޑައިނުގަންނަވަ އެވެ.

އާއިލާގެ ގިނަ ބޭފުޅުން ވެސް ޖަމީލަށް މަރުހަބާ ދެންނެވިއިރު ޖަމީލު ހުންނެވީ ފެންކަޅިވެފަ އެވެ. އެންމެ ފުރަތަމަ އޭނާއަށް އިހްސާސްތައް ބަޔާން ކުރަން ވެސް އުނދަގޫވި އެވެ. ހަމައެކަނި ވިދާޅުވެވުނީ، "ވަރަށް އުފާވެއްޖެ" ކަމަށެވެ. އޭރު ޖަމީލު ހުންނެވީ ފެންކަޅިވެފަ އެވެ.