ހަބަރު

ސްރީލަންކާ ރައީސްގެ މަންދޫބެއް އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފި

ސްރީލަންކާގެ ރައީސް މައިތިރަޕައިލާ ސިރިސޭނަގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގަތް ސިޔާސީ އެކި ފަރާތްތަކާ ބައްދަލު ކުރައްވައިފި އެވެ.

ސިރިސޭނަގެ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންފައި ވަނީ، ލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒާލް މުސްތަފާ އެވެ.

ފައިޒާލް ބައްދަލު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. އެ ބައްދަލުވުންތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް، މައުމޫން ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ސްރީލަންކާގެ ރައީސްގެ ފަރާތްޕުޅުން މައުމޫންއަށް މިއަދު ވަނީ މަންދޫބު ދައުވަތު ދެއްވައިފަ އެވެ.

ރާއްޖޭގެ ސިޔާސީ ގިނަ ފަރާތްތަކެއް ހިމާޔަތް ހޯދައިގެން އުޅޭ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ އިންތިހާބީ ރައީސް އިބޫއަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ.

މަންދޫބާ އެކީ ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން، މައުމޫން ވިދާޅުވީ ސްރީލަންކާގެ ރައީސްގެ ހާއްސަ މަންދޫބު އެމަނިކުފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވުމަކީ ލިބިވަޑައިގަތް އުފަލެއް ކަމަށެވެ. އަދި ސްރީލަންކާގެ ރައީސްއަށް އެމަނިކުފާނުގެ ހެޔޮ އެދުންތައް ރައްދު ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.