ވިޔަފާރި

އުރީދޫ މިނިވަން 50 ފެށުން: "ބިގް މިލިއަން އޮފާ" އިން އަގު ބޮޑު އިނާމު ތަކެއް!

Jun 11, 2015

މިނިވަން ފަންސާސް ފާހަގަކުރުމަށް މުޅި ގައުމު ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތުގައި އުރީދޫން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ ކުންފުނިން މިއަދު ފެށި "ބިގް މިލިއަން އޮފާ" ކެމްޕޭނުގެ ދަށުން އެ ކުންފުނީގެ ކަސްޓަމަރުން "ހިތްފުރޭ ވަރު" ގެ އިނާމުތައް ލިބެ އެވެ.

"މިނިވަން ކަމަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން އުރީދޫން ފަށާ ހަރަކާތްތައް މި ފެށިގެން ދިޔައީ. ކުރިއަށް އޮތްތަނުގައި ގިނަ ކަންތައްތަކެއް ފެނިގެން ދާނެ،" އުރީދޫ މޯލްޑިވްސްގެ ސީނިޔަ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ޒާހިރު މިއަދު ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކިކަމެއް ކުރާކަށް އުރީދޫ ކަސްޓަމަރުން ނުޖެހެ އެވެ. މީގެ ބަދަލުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންގެ "ޓާގެޓު" މެސެޖެއްގެ ގޮތުގައި ލިބޭނެ އެވެ. މި ޓާގެޓުތަކުގެ ތެރޭގައި ޑެއިލީ ޓާގެޓް ތަކަކާއި ވީކްލީ ޓާގެޓް ތަކުގެ އިތުރުން ގްރޭންޑް ޓާގެޓެއް ވެސް ހިމެނެ އެވެ.

އުރީދޫގެ ހެޑް ޕްރޮޕްރޮޑަކްޓް އަރުޝަދު ޝާކިރު ވިދާޅުވީ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މި ޓާގެޓުތައް ފުރިހަމަ ކުރުމުން ކަމަށެވެ. އަދި ހުރިހާ ޓާގެޓު ފުރިހަމަ ކުރުމުން "ބޮޑު އިނާމު" ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ އިނާޔަތްތައް 12،000 ކަސްޓަމަރުންނަށް ލިބޭނެ. އެހެންވެ މިއީ ވަރަށް ފުރިހަމަ އިނާޔަތް ތަކެއް. މިއީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކުންފުންޏެއް ލޯންޗް ނުކުރާ ވަރުގެ އިނާޔަތް ތަކެއް،" އަރުޝަދު ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި އުރީދޫ ކަސްޓަމަރުންނަށް އެއް މިލިއަނަށް ވުރެ ގިނަ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބެ އެވެ. މި "ބިގް މިލިއަން ކޭޝް އޮފާ" ގައި ދޭ އެއް މިލިއަން ރުފިޔާ، 10 ކަސްޓަމަރުންނަށް ބެހިގެންދާނެ އެވެ. އެހެންކަމުން ކޮންމެ ކަސްޓަމަރަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. މީގެ އިތުރުން ޑެއިލީ ރިވޯޑްސްގެ ގޮތުގައި ހިލޭ ޑާޓާ އެލަވަންސް ހޯދުމުގެ ފުރުސަތު ލިބެ އެވެ. އަދި ވީކްލީ ޕްރައިޒްގެ ގޮތުގައި އައިފޯން ސިކްސްގެ ނުވަ ފޯނު، ނުވަ ފަރާތަކަށް ލިބޭނެ އެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ މި ކެމްޕޭންގެ މަގުސަދަކީ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ އުފަލުގައި ބައިވެރިވުމާއެކު ކަސްޓަމަރުންނަށް ހަދިޔާތަކެއް ދިނުން ކަމަށެވެ.

"މި ކެމްޕޭންގެ ބޭނުމެއް ވޭތުވެދިޔަ 10 އަހަރު އުރީދޫ ކަސްޓަމަރުންނަށް ޝުކުރު އަދާކުރުން ވެސް،" ނިޔާޒު ވިދާޅުވި އެވެ.