overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އިލެކްޝަންސް ކޮމިޝަން

ދޮގު ތުހުމަތު އަޅުވާ މީހުންނަށް އީސީއިން އަބުރުގެ ދައުވާ ކުރަނީ

އިލެކްޝަން ކޮމިޝަން، އީސީއާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރައި، ލައިވް ޓީވީގައި އެ ވާހަކަ ދައްކާ މީހުންނާ ދެކޮޅަށް ދައުވާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. ހަތަރު މެންބަރުން މިވަގުތު ލަންކާގައި ތިއްބެވި ނަމަވެސް ބައްދަލުވުމުގައި ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އަބުރުގެ ދައުވާ ކުރަން ފެންނަ މީހުންނާ ދެކޮޅަށް އެ ދައުވާ ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ. ޕީޕީއެމްއިން ކޮންމެ ރެޔަކު އިލެކްޝަން ކޮމިޝަންގެ މެންބަރުންނަށް އެކި ތުހުމަތުތައް އަޅުވާ ދަނީ މުޒާހަރާ ކުރަމުންނެވެ.

އެ މުޒާހަރާގައި ވާހަކަ ދައްކާ ފަރާތްތަކުން މެންބަރުންގެ އަބުރަށް އުނިކަން އަންނަ ފަދަ ވާހަކަތައް ވެސް ދައްކަ އެވެ. އަދި ސާބިތު ނުހިފޭ ތުހުމަތުތައް ވެސް އަޅުވަ އެވެ. ޕީޕީއެމްއިން ބުނާ ގޮތުން ރިޔާސީ އިންތިހާބުގެ ނަތީޖާ މެންބަރުން ވަނީ ރިޝްވަތުގެ ފައިސާ ނައިގެން އޮޅުވާލާފަ އެވެ.

ޝަރީފް ވިދާޅުވީ، އެފަދަ ދޮގު ތުހުމަތުތައް އަޅުވާ ވާހަކަ ދައްކާ މަންޒަރު ލައިވްކޮށް ބައެއް ޓީވީ ޗެނަލްތަކުން ދައްކާ ކަމަށެވެ. އެކަމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްއަށް ވެސް މާދަމާ އެ ޗެނަލްތަކުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެކަންކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވި ގޮތުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ވާހަކަ ދައްކާ ދެއްކުމުގައި އެއްވެސް ހަގީގަތެއްވާނަމަ ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އެ ޝަކުވާއެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.

"މާގިނަ ވާހަކަތަކެއް ދައްކަވަމުން ހަދާނެ ކަމެއް، ޝަކުވާއެއް އޮތްނަމަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންވީ، ނޫނީ ކޯޓަށް ހުށަހަޅަންވީ، ކީއްކިރަންތޯ ޕާޓީއެއްގެ އޮފީހެއްގެ ކުރިމަތީގަ ވާހަކަ ދައްކަންވީ، ކޯޓަށް ވަޑައިގަންނަވަންވީނޫންތޯ، ސާބިތުކޮށް ދެއްވަންވީނޫންތޯ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ގެންދަނީ ވިދާޅުވަމުންނެވެ. އެގޮތުން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ކޮންމެ ދުވަހަކު ވެސް މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ.