ހަބަރު

އިންޑޮނޭޝިއާ ސުނާމީގައި ގެއްލުނު މީހުން ހޯދުން ހުއްޓާލަނީ

Oct 8, 2018

އިންޑޮނޭޝިއާގެ ސަރަހައްދަކަށް މިދިޔަ މަހު އައި ބާރުގަދަ އައި ބާރުގަދަ ބިންހެލުމަކާއެކު އެރި ސުނާމީގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހުއްޓާލަން ކަމާބެހޭ އިދާރާތަކުން ނިންމައިފި އެވެ.

މީގެ ދެ ހަފްތާ ކުރިން ހިނގި ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 1،754 އަށް އަރާފައިވާއިރު، 2،500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހާދިސާގައި ގެއްލިފައިވާ މީހުންގެ އަދަދު 683 އަށް އަރާއިރު، އެންމެ ފަހުން މީހަކު ދިރިހުއްޓާ ސަލާމަތް ކުރެއްވިފައިވަނީ މީގެ 10 ދުވަސް ކުރިންނެވެ.

ނަމަވެސް، ކަމާބެހޭ އިދާރާތަކުން ވަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުއްޓާލައި، ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާ 70،000 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފަ އެވެ.

އެ ނިންމުމާއެކު ގިނަ ބަޔަކު ވަނީ އެކަމާއި ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށްފަ އެވެ.

އިންޑޮނޭޝިއާގެ ޕަލޫ ސަރަހައްދަށް އައި 7.5 ރިކްޓާ މިންގަޑުގެ ބާރުގަދަ ބިންހެލުމަށްފަހު، އެރި 20 ފޫޓަށް ވުރެ ބޮޑު ސުނާމީގައި، އެ ސަރަހައްދުގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ޕަލޫގައި ގާތްގަނޑަކަށް 300،000 މީހުން ދިރިއުޅޭއިރު، އެ ރަށުގައި އޮންނަ ރަންވޭއަށާއި، މަގުތަކާއި، ބުރިޖުތަކަށް ވެސް ގެއްލުން ލިބިފައިވާތީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފަ އެވެ.

ބިންހެލުމާއި ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް އަރާނެކަމަށް ރެޑް ކްރޮސް އިން ވަނީ ލަފާކޮށްފަ އެވެ.

ބިންހެލުން އައި ވަގުތު ސުނާމީ އެއް އަރާފާނެކަމުގެ އިންޒާރުން ދިނުމަށްފަހު އެ އިންޒާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ސުނާމީ އަރާފައިވަނީ އިންޒާރު އަނބުރާ ގެންދިޔަތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

މިދިޔަ މަހު ޓޫރިސްޓުންގެ މެދުގައި މަގުބޫލު ލޮމްބޯކަށް އައި ބިންހެލުމުގައި 460 މީހުން ވަނީ މަރުވެފަ އެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ. އެގައުމަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީއެއްގައި އޭޝިއާގެ އެކި ގައުމުތަކުން ދެލައްކައަށް ވުރެ ގިނަ މީހުން މަރުވި އެވެ.