12 މެންބަރުންގެ މައްސަލަ

ސައުދުގެ މެންބަރުކަން ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ޕީޕީއެމްއިން ވަކިކުރުމުގެ ސަބަބުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ވިލިގިލީ ދާއިރާގެ މެންބަރު، ސައުދު ހުސެއިންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމް ކޮށްފި އެވެ. އެ ގޮތަށް ހުކުމް ކުރީ ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗްގެ އިއްތިފާގުންނެވެ. ތަފްސީލް އަންނަނީ..

ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕުރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން މައްސަލައެއް ބަލާ 13 އެޕްރީލް 2017 ގައި ޕާޓީން ވަކިކޮށްފައިވާ ކަން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އެ އެންގުން އިލެކްޝަންސް ކޮމިޝަނަށްވެސް ޕީޕީއެމްއިން އަންގާފައިވާކަމަށް ދައުލަތާއި، އިލެކްޝަންސް ކޮމިޝަނުންވެސް އިއުތިރާޒުކޮށްފައިނުވާ ކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސުލޫކީ ފިޔަވަޅު އިސްތިއުނާފުކުރުމަށް ލިބޭ 15 ދުވަހުގެ ތެރޭގައި ސައުދުގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ސުލޫކީ ފިޔަވަޅެއް އިސްތިއުނާފު ކުރެވޭނީ ހަމައެކަނި އެ މެންބަރަކަށްކަން އެނގެން އޮންނަ ކަމަށް ހުކުމްގައިވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ސައުުދު އަބުރާ ޕާޓީއަށް ވެއްދުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސައުދު ކޮށްފައިވާ ސޮއެ އަނބުރާ ގެންދިއުމަށް އެންގި ކަމަށާއި، އަދި އެކަން އެގޮތަށް ނުކުރުމުން ޕީޕީއެމްއިން ވަކިކޮށްފައިވާކަމަށް ހުކުމުގައިވަނީ ބުނެފައެވެ. އަދި އެކަމަކީ އެގޮތަށް ހިނގަންޖެހޭނެ ކަމެއް ނޫން ކަމަށާއި، ސައުދުގެ ފަރާތުން ޕާޓީއާއި އަލުން ގުޅުމުގެ އެއްވެސް އިޖުރާތެއް
ފުރިހަމަކޮށްފައިނުވާކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ސުލޫކީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކުރުމުން ވެސް އިލެކްޝަން ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްފައިނުވާތީ ނަން އުނިކޮށްދިނުމަށް 10 ޖުލައިގައި ސައުދު އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާކަން އެނގެން އޮންނަ ކަމަށާއި، އަދި ޕީޕީއެމްއިން ވަކިކޮށްދިނުމަށް އެދި ފޯމް ވެސް ސައުދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަން އެނގެން އޮތް ކަމަށް ހުކުމްގައިވެ އެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ޕާޓީއިން ވަކިވާން އެދިއްޖެނަމަ އެކަން ކޮށްދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށާއި،އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ ސައުދުގެ ހައްގަށް އުނިކަން އަންނަންޖެހޭނެ ކަމެއް ނޫން ކަމަަށް ވެސް ހުކުމްގަައި ވަނީ ފާހަގަކޮށްފަ އެވެ.

ހުކުމްގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ގަރާރަކީ ވެސް ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމްގެ ކުރީގައި އެކުލަވާލި ގަރާރެއް ކަމަށާއި، އެހެންކަމުން، އެ ގަރާރާ ގުޅިގެން ވެސް ސައުދުގެ ގޮނޑި ގެއްލުވާލެވޭނެ ހަމައެއް ނެތް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިލިނގިލީ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ދައުލަތުގެ އިދާރަތަކަށް އެންގި އެންގުމާއި، ބައި އިލެކްޝަން ބޭއްވުމަށް ކުރި އިއުލާން ބާތިލްކޮށް، އެހުކުމުގައި ބުނެފައިވަނީ، ސައުދު ހުސައިން އަކީ އަދިވެސް ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށެވެ.