ހަބަރު

އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ނެތް: އެޗްއާރުސީއެމް

މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރޭގައި، އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަކަމެއް ހިނގާފައިނުވާކަމަށް އެ އިންތިހާބު އޮބްޒާވްކުރި، އެޗްއާރުސީއެމް އިން މިއަދު ބުނެފި އެވެ.

އިންތިހާބު އޮބްޒާވް ކުރުމަށް ފަހު އެ ކޮމިޝަނުން މިއަދު ނެރުނު ރިޕޯޓްގައި ބުނީ، ރިޔާސީ އިންތިހާބު ކުރިއަށް ގެންގޮސްފައި ވަނީ، ސުލްހަވެރި ކަމާ އެކުގައި ކަމަށާއި އިންތިހާބުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް ފަރާތެއްގެ
ވޯޓުލުމުގެ ހައްގަށް ބުރޫއަރާފައި ނެތް ކަމަށެވެ. ނަމަވެސް އިދާރީ ގޮތުން އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހުރިކަން ފާހަގަކުރެވުނު ކަމަށް ބުނަމުން އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނީ، އިންތިހާބުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަކީ ގާބިލު ފަރާތްތަކަކަށް ހެދުމަށްޓަކައި ދެފުށް ފެންނަ ހަރުދަނާ ނިޒާމެއްގެ ދަށުން އޮފިޝަލުން ކަނޑައެޅި، އެފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ދުރާލާ ދޭން އީސީއަށް އިލްތިމާސް ކުރާ ކަމަށެވެ.

"ރިޔާސީ އިންތިޚާބު 2018 ގެ އެންމެހާ ކަންކަން ޞުލްޙަވެރިކަމާއެކު ނިމިގެންދިޔަކަން އުފަލާއެކު ފާހަގަކުރަމެވެ. މި އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު، މި އިންތިޚާބުގައި ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް އެއްވެސް ފަރާތެއްގެ ވޯޓުލުމުގެ ހައްގަށް ބުރޫއަރައި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަކަމެއް ހިނގާފައިނުވާކަން މި ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ،" ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން ރިޕޯޓްގައި ބުނެފައި ވަނީ، ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް، އެއްބަޔަކު އަނެއްބައެއްގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ބަދަލުތަކެއް ނުގެނައުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.