ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ނަރީޝް، އިންސްޓޯލްމަންޓަށް ނެގި ފޯނަކަށް ފައިސާ ނުދައްކައިގެން ކުންފުންޏަކުން އޭނާގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާއެއް ކޮށްފި އެވެ.
ގއ. ކޮލަމާފުށީ، ފެނިގެއްލިދާގެ، ނަރީޝްގެ މައްޗަށް ކުރަނީ މަސައްކަތާއި މުދަލާއި ހިދުމަތުގެ އަގު ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްގެ ދައުވާ އެވެ. އެއީ ކޯޑިނޭޓަރު ނަރީޝްކަން ވަނީ ޔަގީންވެފަ އެވެ. ސިވިލް ކޯޓްގެ ތާވަލްގައިވާ ގޮތުގައި، ނަރީޝްގެ މައްޗަށް އުފުލާފައިވާ އެ ދައުވާގެ މައްސަލަ ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:50 އަށެވެ. އެހެން ނަމަވެސް އެ މައްސަލަ ކުރިއަށް ދިޔަ ކަމެއް ނޭނގެ އެވެ.
ސިވިލް ކޯޓްގެ ތާވަލްގައިވާ ގޮތުގައި އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ، އެޕަލްގެ ރާއްޖޭގެ ޑިސްޓިރުބިއުޓާ، ސޮފްޓް ޓަޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން ދައުވާ ކުރާ ސަބަބެއް ކަމަށް، "އަވަސް"އަށް ޔަގީން ވެފައި ވަނީ ނަރީޝްއަށް އެ ކުންފުނިން ދޫކޮށްފައިވާ ފޯނަކަށް ފައިސާ ދައްކާފައި ނުވުމެވެ.
އަވަސް އިން ގުޅުމުން ނަރީޝް ވިދާޅުވީ އެފަދަ ދައުވާއެއް އޭނާގެ މައްޗަށް ކޮށްފައިވާކަން އަދި އެނގިފައި ނެތް ކަމަށެވެ. އަދި އެއީ އޭނާގެ އާއިލާގެ މެމްބަރަކު އޭނާގެ ނަން މަތީގައި ނަގާފައިވާ ފޯނަކަށްވެސް ވެދާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.
ނަރީޝްގެ މައްޗަށް މިފަދަ ދައުވާއެއް އައިރު، ޕީޕީއެމްއިން ސައިޒު ދައްކާލުމަށް ބޭއްވި ބޮޑު ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވަޒީފާއެއް ނުލިބިފައި ތިބޭ ޒުވާނުން ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށް ވިދާޅުވެފައި އެވެ.
ރައްޓެހިވެގެން އުޅޭ ކުއްޖާއަަށް ފޯނެއް ދިނުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިސާލެއްގެ ގޮތުގައި ނަރީޝްގެ ނަން ރައީސް ބޭނުންކުރެއްވި އެވެ.
"އެމީހަކު ބޭނުންވާ ކަމަކަށް ފައިސާ ނުލިބިއްޖިއްޔާ އެކަމަކު އެކަމަކީ ކުރަންޖެހޭ ކަމަކަށް ވެއްޖިއްޔާ، އާ މިއޮށް ގާލް ފްރޭންޑް ކަޓަނީ. އެހެން މީހަކު އެއޮށް އޮފާ ކުރަނީ މޯބައިލް ފޯނު. ދެން ނަރީޝްއަށް މަޖްބޫރު ވާނީ ކޮންކަމެއްތޯ؟ ނަރީޝްއަށް ކުރަން މަޖްބޫރުވަނީ ބެގް ބޮރޯ އޯ ސްޓީލް. ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން،" އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.