ހަބަރު

މިއީ ރައްޔިތުންގެ ހިތްވަރާއި ގުރުބާނީގެ ނަތީޖާ: ސައުދު

ރައްޔިތުންގެ މަޖިލީހުގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމަކީ ރައްޔިތުންގެ ހިތްވަރުންނާއި ރައްޔިތުންވީ ގުރުބާނީގެ ނަތީޖާ ކަމަށް ސައުދު ވިދާޅުވެއްޖެ އެވެ.

ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި އޭނާ ވިދާޅުވީ، 23 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމި ނިންމުމަކީ މި ސަރުކާރުގެ ކަންކަން ނިމުމަކަށްގެނައި ކަމެއް ކަމަށެވެ، އަދި އެ ނިންމުން ނިންމައިދެއްވީ ދިވެހި ރައްޔިތުން ކަމަށެވެ.

"ދައުލަތް ސަލާމަތް ކުރުމަށްޓަކައި ދިވެހި ރައްޔިތުން ކެރިގެން އެވެވަޑައިގެންނެވި ގްރުބާން، ރައްޔިތުންގެ ނިންމުން ރިޔާސީ އިންތިހާބުން މި ނިންމެވި ނިންމެވުމަކީ ހަގީގަތުގައިވެސް ދައުލަތް އަނިޔާވެރި ވެރިއެއްގެ ކިބައިން ހުދުމުހުތާރު ވެރިއެއްގެ ފަރާތުން ސަލާމަތްވެެގެން ދިއުން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، ރައްޔިތުންގެ މިނިވަންކަމާއި ގާނޫނުއަސާސީގެ އިމަށް ދައުލަތް ރުޖޫއަވުމުގެ ކަންކަން މިދަނީ ތަރުތީބުވަމުން ކަމަށާއި އުސޫލުގެ ތެރެއިން ހަމަ މަގަށް އެޅެމުންދާ ކަމަށެވެ.

"ޖުޑީޝަރީވެސް ދިމާވެފައިވާ ހާލަތުގައި ޖުޑީޝަރީ އަރާގަތުމަށްޓަކައި ކުރަމުންދާ މަސައްކަތައް ޝުކުރުދަންނަވަން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކުރެއްވި މަސައްކަތަށާއި ރައްޔިތުން ދެއްކި ހިތްވަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސައުދު ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ޕާޓީތަކުގެ ލީޑަރުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެ ހަތަރު ލީޑަރުންނަށް ސައުދު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އެދުމަކީ ކުރިއަށްއޮތް ތަނުގައިވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ގާނޫނު އަސާސީގައި ބެލެންސް އޮފް ޕަވާ ހިފެހެއްޓުމަށްޓަކައި އެންމެ މުހިންމު ގުނަވަން ގޮތުގައި ބޭއްވުން، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އެދިމާވި ހާލަތު ދުވަހަކުވެސް ރާއްޖޭގެ ރައްޔިތުން މަޖިލީހަށް އަދި އެހެންވެސް މުއައްސަސާއަކަށް ދިމާ ނުވުމަކީ އަޅުގަނޑުމެންގެ އުންމީދު،" ސައުދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރުވެސް ބުނަމުން ގެންދިޔައީ އަޅުގަނޑުމެންގެ ގޮނޑިއެއް ނުގެއްލޭ ކަމަށް، ރައްޔިތުންގެ ހައްގުގައި ގާނޫނީ އިމުުގެ ތެރެއިން ގާނޫން ނެގެހެއްޓުމަށްޓަކައި ކުރަމުންދިޔަ މަސައްކަތްތަކެއް، އެހެން ނަމަވެސް ވަގުތީ ގޮތުން ނަމަވެސް ސަސްޕެންޝަންތަކެއްގެ ސަބަބުން އެދިމާވި ގޮންޖެހުންތަކާއި ލިބިގެންދިޔަ އަނިޔާތަކާއި މިކަންތައްތަކަކީ ރައްޔިތުންނަށް ވަރަށްބޮޑު އިބުރަތެއް އަދި ކުރިއަށްއޮތް ތަނުގައިވެސް ސިޔާސީ ގޮތުން މި ރާއްޖެ ބައްޓަން ކުރުމަށް ސިޔާސީ ލީޑަރުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު އިބުރަތެއް،"

ސައުދު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ދެކެމުންދިޔައީ އަނިޔާވެރި އަނދިރި ދުވަސްތަކެއް ކަމަށާއި އެކަންކަން އަނބުރާ ރުޖޫއަވާން ބޭނުންުނުވާ ކަމަށެވެ. އަދި ދައުލަތެއް ހިސޯރުކޮށްފައިވާ މިންވަރު މިއަދު ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން ގައުމު ހަލާކު ކުރަމުންދާއިރު، އެމަނިކުފާނުގެ ފަހަތުގައި ނުތިއްބަވައި އެބޭފުޅުންގެ ޕާޓީތަކަށް ރުޖޫއަވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީނަކީ ޕާޓީއެއް ނޫން ކަމަށާއި އެމަނިކުފާނަކީ މިނިވަން ޖަމިއްޔާއެއް ހިންގަން ހަވާލު ކުރަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށެވެ.