12 މެންބަރުންގެ މައްސަލަ

މިއަދު ހުކުމްތަކުން އެހެން ގޮނޑިތައް ވެސް ލިބޭނެކަން އެނގިއްޖެ: ހިސާން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ އަށް މެންބަރުންގެ ގޮނޑި ވެސް ލިބޭނެ ކަމުގެ އުއްމީދު މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްތަކުން ލިބިއްޖެ ކަމަށް ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުގެ ގޮނޑީގެ މައްސަލާގައި އިއްވި ހުކުމްތަކަށްފަހު އެވެ. އަމީތާއި ވައްޑެ އަދި ލަތީފްގެ ވަކީލަކީ ހިސާން އެވެ.

އެ ހަތަރު މެންބަރުންގެ ގޮނޑި އިލެކްޝަން ކޮމިޝަން ގެއްލިއްޖެ ކަމަށް ކަނޑައެޅީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނޫނީ ޕާޓީ ބަދަލުވެއްޖެނަމަ މެންބަރުކަން ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު ފްލޯ ކްރޮސިން ގާނޫނަށް ރިޔާއަތްކޮށެވެ. އެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި މެންބަރުން ސޮއި ކުރެއްވީ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ. އެ ސޮއި އަނބުރާ ނެގުމަށް ޕީޕީއެމްއިން މެންބަރުންނަށް އެންގީ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. ސޮއި އަނބުރާ ނުނެގުމުން މެންބަރުންނާމެދު ސުލޫކީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކޮށްފައިވާކަން އިލެކްޝަން ކޮމިޝަނަށް އެންގީ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.

މިއަދު އިއްވި ހުކުމްގައި ބުނީ، ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރެފައިވާ އެއްވެސް އުސޫލެއް އެ ހުކުމް ނެރުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން ތަތުބީރު ނުވާނެ ކަމަށެވެ. އެހެންވެ، އަމީތާއި ސައުދާއި ލަތީފް އަދި ވައްޑެއަށް އެޅި ސުލޫކީ ފިޔަވަޅަކީ ސައްހަ ސުލޫކީ ފިޔަވަޅެއް ކަމަށް ބެލި ނަމަވެސް، އެ ހުކުމަށް ރިޔާއަތްކޮށް މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ހަތަރު ހުކުމް އިއްވުމުން ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު ހިސާން ވިދާޅުވީ ހުކުމްތަކުން އެންމެ ބޮަޑަށް އެނގިގެން ދިޔަ ކަމަކީ މެންބަރުންގެ ގޮނޑިތައް ގެއްލުވާލާފައިވަނީ ގާނޫނީ އިމުން ބޭރުންކަން ކަމަށެވެ.

އޭގެއިތުރުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމް، އޭގެ ކުރީގެ މާޒީއަށް ރުޖޫއަކޮށްގެން ތަތުބީރު ނުކުރެވޭނެކަން ވެސް މިއަދުގެ ހުކުމްތަކުން ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށް ހިސާން ވިދާޅުވި އެވެ.

"މިއަދުގެ ހުކުމްގައި އެންމެ އަސާސީ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ މެންބަރުން ޕާޓީއިން ވަކިވާން ހުށަހަޅާފައިވާތީ ގޮނޑި ނުގެއްލޭކަން، އަޅުގަނޑުމެން މި އުއްމީދުކުރަނީ ހަމަ ބީދަޔައިން އެހެން މެންބަރުންގެ މައްސަލަތައް ވެސް މިހެން ނިމިގެން ދާނެ ކަމަށް، އެއީ އެ އަށް މެންބަރުން ވެސް ވަނީ 13 ވަނަ ދުވަހުގެ ކުރިން ޕާޓީއިން ވަކިވާން ހުށަހަޅާފަ،" ހިސާން ވިދާޅުވި އެވެ.

އެ އަށް މެންބަރުން ޕީޕީއެމްއިން ވަކިވާން ހުށަހެޅީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ. މިއަދު މެންބަރު ލަތީފްގެ މައްސަލާގައި އިއްވި ހުކުމްގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން މެންބަރަކު އެދޭ ހިސާބުން އެ މެންބަރަކު ޕާޓީއިން ވަކިވާނެ ކަމަށެވެ. އެގޮތުގެ މަތިން ލަތީފް ޕާޓީއިން ވަކިވާން ޕީޕީއެމްއަށް ސިޓީ ހުށަހަޅުއްވައި އެ ސިޓީ އިލެކްޝަން ކޮމިޝަނަށް ކޮޕީކޮށްފައިވުމުން ލަތީފް ޕީޕީއެމްއިން ޖޫން މަހުގެ 19 ވަނަ ދުވަހު ވަކިވެފައިވާކަން ޔަގީންވާ ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ، އޭނާ ޕާޓީއިން އަމިއްލައަށް ވަކިވެފައިވަނިކޮށް ޕީޕީއެމްއިން އިސްނަގައިގެން ސުލޫކީ މައްސަލައެއް ބަލައި އޭނާއާމެދު މެންބަރެއްގެ ހައިސިއްޔަތުން ފިޔަވަޅެއް ވެސް އަދި އެއްވެސް އެންގުމެއް ނޭންގޭނެ ކަމަށް ހުކުމްގައިވެ އެވެ. އަދި މެންބަރަކު ވަކިވާން އެދުމުން ވެސް ނަން ދަފްތަރުން އުނިނުކޮށް އޮތުމަކީ އެ މެންބަރެއްގެ ހައްގަށް ގެއްލުން ދެވޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމްގައިވެ އެވެ.