ހަބަރު

އަނިޔާވެރިންނަށް ނަސްރެއް ނުލިބޭނެ، މިއީ ރައީސްއަށް ބޮޑު އިބްރަތެއް: އަމީތު

މިއަދު ސުޕްރީިމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ނިންމި ހަތަރު މެންބަރެއްގެ މައްސަލައިން އެންމެ ބޮޑު އިބްރަތެއް ހާސިލްކުރަން ޖެހޭނެ ފަރާތަކީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ކަމަށާއި އެމަނިކުފާނު ހާސިލް ކުރައްވަންޖެހޭ އިބްރަތަކީ އަނިޔާވެރިކަމަށް ދުވަހަކުވެސް ނަސްރު ނުލިބޭނެކަން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި އަމީތު ވިދާޅުވީ، މިއަދު ފައިސަލާ ކުރި ހަތަރު މެންބަރުންގެ ގޮނޑި ފަދައިން ބާކީތިބި އަށް މެންބަރުންނަކީވެސް ގޮނޑި ގެއްލިފައިނުވާ މެންބަރުން ކަމަށެވެ. ހަތަރު މެންބަރުންގެ މައްސަލަ ނިންމެވި ގޮތަށް ބާކީ ތިއްބެވި އަށް މެންބަރުންގެ މައްސަލަ އިންސާފުވެރިކަމާއެކު ހުކުމްކޮށް މަޖިލީހަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމީތު ވަނީ ސުޕްރީމް ކޯޓަށް ގޮވާލާފަ އެވެ.

"އަޅުުގަނޑުމެން އެދެނީ މިމުއްދަތުގެ ތެރޭގައި ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަޖިލިސް ބޭއްވޭނެ މަގެއް މަޖިލީހުގެ ރިޔާސަތުން ހަމަޖައްސައިދެއްވުމަށް، މިއަދުވެސް މި ދަންނަވަނީ މަޖިލީހުގެ ސައްހަ ރައީސެއް ނުހުންނަވާނެ، އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި މަޖިލީހަށް ވަންނާނަން، ފުރަތަމަވެސް ކުރާނެ ކަމަކީ އެއީ މަސީހް މަޖިލީހުގެ ރައީސް ކަމުގައި ގަދަބާރުން އިންނެވި ކަމަށްވާނަމަ މަސީހް އެރިޔާސަތުން ބޭލުން، މަސީޙް އެމަގާމުން ދުރުކުރުން،" އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ ނައިބް ރައީސް ރީކޯ މޫސާ މަނިކުވެސް އިސްތިއުފާދީ މަޖިލީހުގެ ތެރެއިން ޓްރާންސިޝަން ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ފުރުސަތުދިނުމަށް ގޮވާލާފަ އެވެ.

އަމީތު ވިދާޅުވީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި މަޖިލީހުގެ ސައްހަ ރިޔާސަތެއް އޮވެ ވަރަށް މުހިންމު މަސައްކަތްތަކެއް ހިނގަން ޖެހޭ ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއަށް މަޖިލީހުން ފުރިހަމަ އެއްބާރުލުން ދިނުމަށް މެންބަރުން ތިބީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެން ހަތަރު މެންބަރެއްގެ މައްސަލަ މިގޮތަށް ނިމިގެންދިޔާމަ މީގެން އެންމެ ބޮޑު އިބްރަތެއް ހާސިލްކުރަން ޖެހޭނެ އެއް ފަރާތަކީ މިހާރު ރައީސްގެ މަގާމުގައި ހުންނެވި ރައީސް އަބުދުﷲ ޔާމީން، މީގެ ޔާމީން ހާސިލް ކުރަންވީ އިބްރަތަކީ އަނިޔާވެރިކަމަށް ދުވަހަކުވެސް ނަސްރެއް ނުލިބޭނެކަން، ހައްގަށް ނަސްރު ލިބިގެންދާނެކަން،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، މި ސަރުކާރާއި ދެކޮޅަށް ތެދުވީ ވައްކަމާއި ކޮރަޕްޝަނާއި މަޖިލީހުގެ ތެރެއިން ޣައިރު ގާނޫނީ އަމަލުތައް ހިންގަން ފެށުމުން އެކަންކަމާއި ދެކޮޅަށް ކަމަށެވެ. އެމަސައްތުގައި ދެކޮޅަށް ތެދުވި ހުރިހާ ބޭފުޅުންނަށް ވަނީ އެތަކެއް އަނިޔާތަކެއް ލިބިފައި ކަމަށްވެސް އަމީތު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް ޔާމީނަށް ގޮވާލަން ބޭނުންވަނީ މި ހިނގަމުންދާ ކަންތައްތަކުންވެސް އިބްރަތެއް ހާސިލް ކުރައްވައިގެން ހަޔާތުގައި ބާކީ އޮތްތަނުުގައި ތިމާއަކީ އަނެކުންނަށް އަނިޔާވެރި ނުވާ މީހަކަށް ވެވަޑައިގަންނަވަންވީ، އެނޫން މަގެއް ނޯންނާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އަނިޔާވެރިންނަށް ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެ ކަމަށާއި ކޮރަޕްޝަނާއި ވައްކަމަށް ރައްޔިތުންގެ ތާއީދު ނުލިބޭނެކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.