ހަބަރު

އާ މަގާމުތަކަށް މީހުން ނެގުމަށް ރާވާފައެއް ނެތް: ސްޓެލްކޯ

ސަރުކާރު ކަރަންޓު ކުންފުނި، ސްޓެލްކޯއިން އަލަށް އުފައްދައި އިއުލާންކުރި މަގާމްތަކަކީ 2017 ވަނަ އަހަރު ކުންފުނީގެ އޮނިގަނޑުގައި ހިމެނި މަގާމްތަކެއް ކަމަށާއި އެ މަގާމްތައް ސާކިއުލާއަކުން އިއުލާންކޮށްފައިވީ ނަމަވެސް މި މުއްދަތުގެ ތެރޭގައި އެ މަގާމްތަކަށް މީހުން ނުނަގާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި ވާ ގޮތުން އެ ކުންފުނިން ވަނީ އަލަށް 26 ވަޒީފާއެއް އުފައްދާފަ އެވެ. އެ މަގާމުތަކަކީ ކުންފުނީގެ ހިންގުމުގެ ދާއިރާތައް ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ އޮނިގަނޑުގައި ހިމެނޭ އިތުރު މަގާމުތައް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅުގައި ސްޓެލްކޯއިން އާ މަގާމްތަކެއް އިއުލާންކޮށްފައިވާތީ އިދިކޮޅު ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް "އަވަސް" އަށް މައުލޫމާތުދެއްވަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، އާ މަގާމްތައް އިއުލާންކުރުމަކީ ކުށެއް ނޫން ކަމަށެވެ. އެ މަގާމްތަކަކީ މިދިޔަ އަހަރު ސްޓެލްކޯގެ ސްޓްރަކްޗާއަށް އިތުރުކުރި މަގާމްތަކެއް ކަމަށާއި އެ މަގާމްތައް ސާކިއުލާއަކުން އާންމުކޮށް މިހާރު އެންގި ނަމަވެސް ސަރުކާރު ބަދަލުވަމުންދާ މި ދަނޑިވަޅުގައި އެ މަގާމްތަކަށް މީހުން ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިއުލާންކުރީ މީހުން ހޯދާކަށް ނޫން. ސްޓެލްކޯއިން އާ މަގާމްތަކަށް މީހުން ނުނަގާނެ. އާ ސްޓްރަކްޗާގެ ދަށުން މަގާމުތަކެއް އިތުރު ވެދާނެކަން ހަމަ އެކަނި މުވައްޒަފުންނާ ހިއްސާކޮށްލީ. މި މަރުހަލާގައި އެ މަގާމުތަކަށް މީހުންނެއް ނުނަގާނެ އަދި އާންމުކޮށް އެކަމަށް އިއުލާން ވެސް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން އަލަށް އުފެއްދި މަގާމްތަކުގެ ތެރޭގައި އިދާރީ 12 މަގާމު ހަމަނާފައި ވެއެވެ. އޭގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސާ، ކޮމްޕެނީ ސެކްރެޓަރީ، ޖެނެރަލް މެނޭޖާ، ޗީފް އިންޓަރނަލް އޮޑިޓާ، ކޮލިޓީ އެޝުއަރެންސް އެންޑް ސޭފްޓީ މެނޭޖްމަންޓް އޮފިސާ، ޗީފް އެކައުންޓެންޓް، ސީނިއާ ސާވިސް މެނޭޖާ، ސާވިސް މެނޭޖާ، ޑެޕިއުޓީ ސަރވިސް މެނޭޖާ، އެސިސްޓެންޓް ސާވިސް މެނޭޖާ، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގެ އިތުރުން އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓުގެ މަގާމް ހިމެނެ އެވެ. އަދި ޓެކްނިކަލް 14 މަގާމެއް ވެސް ވަނީ އުފައްދާފަ އެވެ.

ސްޓެލްކޯއިން އަލަށް އިއުލާންކުރި މަގާމްތަކަށް މީހުން ނުނަގާނެ ކަމަށް އެކުންފުނިން ބުނެފައިވާއިރު، ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ މި މުއްދަތުގެ ތެރޭގައި މަގާމުތަކަށާއި ވަޒީފާތަކަށް މީހުން އައްޔަންކޮށް ވަކިކޮށް ނުހެދުމަށް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ އެދިވަޑައިގަންނަވާފަ އެވެ.